ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ 44 އަހަރުވެފައި އޮތް މަނަވަރެއް

ޓީސީޖީ ވޮލްކަން ޕީ 343 --

ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓަކީ 44 އަހަރު ވެފައިވާ އުޅަނދެއް ކަމަށް, އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އެ މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ތުރުކީ ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ ހާމަ ކޮށްފައިވަނީ ތުރުކީގެ ނޫސްތަކުންނެވެ. އޭގެ ފަހުން ރޭ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ތުރުކީން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރަން ނިންމައިފައިވާ ކަމަށް ބުނެފައެވެ.

އެ ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމްރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް އެޅި އެ ފިޔަވަޅަކީ، ރައީސްގެ ލަނޑުދަނޑިއަށް ވާސިލުވުުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އުޅަނދުގެ ތަފްސީލް

ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.

ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއްކަމަށްވާ ލާރްސަން ވާފްޓެވެ.

ޓީސީޖީ ވޮލްކަން ޕީ 343 --

ޓީސީޖީ ވޯލްކަންގެ ޓެކްނިކަލް ސްޕެސިފިކޭޝަން

  • ދިގުމިން: 58.1 މީޓަރު
  • ބީމް: 7.62 މީޓަރު
  • ޑްރާފްޓު: 2.74 މީޓަރު
  • ދުވެލި: ގަޑިއަކު 70 ކިލޯމީޓަރާ ހަމައަށް
  • ރޭންޖު: 1،940 ކިލޯމީޓަރު
  • ފަޅުވެރިން: 45 މީހުން

މަނަވަރުގައިހުރި ހަތިޔާރު ސިސްޓަމްތަކާއި ސެންސަރުތައް

  • 2x ހާޕޫން އެންޓި ޝިޕް މިސައިލް (ހަތަރުގުނަ ބޮޑުކުރެވޭ)
  • 1x76mm އޮޓޯ މެލާރާ ނޭވަލް ގަން
  • 1x35mm ޓްވިން ބެރަލް އެއާ ޑިފެންސް ގަން
  • 2x7.62mm މެޝިން ގަން
  • VM-28/41 ރާޑަރު، LIOD Mk-2 ފަޔާ ކޮންޓްރޯލް ރާޑަރު، ޑިކޯއީ ލޯންޗަރު

ޓީސީޖީ ވޮލްކަން ޕީ 343 --

ކަނޑުމަގުން ޑޮކްލޭންޑިން ބޯޓެއްގައި ރާއްޖެއަށް މި މަނަވަރު ޖޫން މަހުގެ ނިޔަލަށް ގެނެވޭނެކަމަށް ބެލެވެއެވެ. އެއާއެކު ތުރުކީ ނޭވީގެ ޚާއްސަ ޓީމަކުން އެ ބޯޓު ދިވެހި އަސްކަރިއްޔާއާ ހަވާލުކުރާނެއެވެ. އެ މަސައްކަތް ޖުލައި މަހުގެ ތެރޭ ނިންމާނެއެވެ.

ތުރުކީގެ ނޭވަލް އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގައި ނޭވީއިން އަސްކަރީ މަނަވަރުތައް ރިޓަޔާކުރަނީ ޚިދުމަތުގައި 40 އަހަރުވުމުން، ފަސް އަހަރު ތެރޭއެވެ. މިއީ އަސްކަރީގޮތުން ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަނަލް މުއްދަތު އިތުރުކުރުުމުގެ ގޮތުން އޮންނަ ގަވައިދެކެވެ.

ނަމަވެސް ޚިދުމަތުގައި އިތުރަށް ބޭނުންކުރާނަމަ އެ އުޅަނދުފަހަރަށް ބޮޑެތި ބަދަލުތައް ގެނެއެވެ. އެގޮތުން 1993 ވަނަ އަހަރު ތުރުކީއިން ވަނީ, (TCG Barbaros (F-244 ކިޔާ ބޯޓެއް މަރާމާތަށް ފަހު އަލުން ހިދުމަތަށް ނެރެފައެވެ. އެ މަނަވަރުގައި އާ ރާޑަރު ސިސްޓަމްތަކާއި ހަތިޔާރު އެޅުވުމަށްފަހު އިތުރު 10 ވަރަަކަށް އަހަރަށް ބޭނުންކުރެވޭ ވަރަށް ވަނީ އާކޮށްފައެވެ.

comment ކޮމެންޓް