ހުއްދަ ނެތި ހިންގާ ޖީއެމްސީއީ ސްކީމުގައި ގިނަ ބަޔަކު ޖެހިއްޖެ, މައްސަލަ ބަލަނީ

ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން ދާ "ޖީއެމްސީއީ" ޓްރޭޑިންއަކީ, ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދަ ނެތި ހިންގަމުން ދާ ސްކީމެއް ކަމަށް އެ އޮތޯރިޓީއިން މިއަދު ބުނެފިއެވެ.

މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

ޖީއެމްސީއީ, ސްކީމް ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުން ދާ ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.

"ފުރަތަމަ ދުވާލަކަށް ޑޮލަރެއްގެ ރޭޓުން ޖެހެމުން އައިސް މިހާރު ދުވާލަކަށް 3 ޑޮލަރު ވަރު އެބަ ލިބޭ. މިއީ އަދި ވަރަށް ކުޑަ އެއްޗެއް އިންވެސްޓުކޮށްގެން. އަދި ފެށިތާ ނުވާނެ މަހެއް ވެސް. އެކަމަކު ދުވާލަކަށް 500 އަށްވުރެ ގިނަ ޑޮލަރު ލިބޭ ރައްޓެހިން ވެސް އެބައުޅޭ،" އެ ސްކީމަށް އިންވެސްޓުކޮށްގެން އުޅޭ މީހަކު 'ސަން' އަށް ކިޔައިދިނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މީހުން އަންނަނީ މިއީ ނާޖާއިޒު ގޮތުގައި މީހުންގެ އަތުން ފައިސާ އަތުލުމަށް އަނެއްކާވެސް ހިންގަން ފަށާފައިވާ ސްކޭމެއް ކަމަށް ބުނަމުންނެވެ. އެގޮތުން މިހާރު އެ ސްކީމުން ފައިދާވި ނަމަވެސް ވަކި ހިސާބަކުން އެއިން ގެއްލުންވާނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އުސޫލު ބުނާގޮތުން އެފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގެ ހުއްދައާ އެކުއެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ސީއެމްޑީއޭއިން ބުނީ ޖީއެމްސީއީ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދަ ނެތި ކަމަށެވެ. އަދި އެކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވެސް މިފަދަ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ.

މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެމްއެމްއޭއިން އޭރު ބުނީ މިފަދަ ސްކީމްތައް ހިންގަނީ އެ ސްކީމްތަކާ އިތުރު މީހުން ގުޅި، ފައިސާ ލަމުންދާތީ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިފަދަ ސްކީމް ހިންގަނީ ކިހިނެއް?

ޕޮންޒީ ސްކީމްތަކަށް، އެ ނަން ދެވުނީ 1920ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީއަށް ނިސްބަތްކޮށެވެ.

އިންވެސްޓަރުންނަށް އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ އެފަދަ ސްކީމްތަކުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް އަބަދުވެސް ނަގާނީ އެކަން ފެށި މީހާއެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާއެވެ.

https://www.sun.mv/173846

ފުރަތަމަ އިންވެސްޓް ކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ފުރަތަމަ ޕޭމަންޓު ލިބުމުން، ދެން އެއަށް އިންވެސްޓް ކުރަނީ ފުރަތަމަ އިންވެސްޓް ކުރި މީހުން ކައިރިން އެ ވާހަކަ އަޑުއަހާ، އެކަން ދެނެގެން އަންނަ މީހުންނެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަނީ އެގޮތަށެވެ. ކުރިން އިންވެސްޓް ކުރި މީހުންނަށް ފައިސާ ދެނީ ފަހުން އަންނަ މީހުން އަތުން ނަގާ ފައިސާއިންނެވެ.

އެ ސްކީމްތައް އަތަށް ގޮވަނީ ބޭނުންވާ ވަރަށް އިންވެސްޓަރުން ނުލިބޭ ހިސާބުންނެވެ. އެ ހިސާބުން އިންވެސްޓަރުންނަށް ދޭނެ ޕޭމަންޓެއް ނެތި، މައްސަލަ ޖެހެނީއެވެ.

ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ އެޑްރެސް ކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. ނަމަވެސް މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.

comment ކޮމެންޓް