ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ބާއްވާ އަތުލިޔުމުގެ މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރިލް މަހުގެ 14ވަނަ ދުވަހެވެ. މިއަހަރު ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ، ''އިސްކުރާނީ ދިވެހިބަސް'' މި ޝިއާރެވެ.
ބަހުގެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން / ސަން ފޮޓޯ: ނާއިލް ހުސައިން
ކުރިން މި މުބާރާތް ކުރިޔަށް ގެންދަނީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެންނެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތުގައި އޮފީސްތަކުގެ އިތުރުން 18އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބައިވެރިވެވޭނެއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުންކަމަށެވެ.
އެކަޑަމީން ބުނީ މި މުބާރާތް ބަހާލައިފައިވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ.
އެއީ:
- ރީތިތާނަ: މި ބަޔަކީ ރަސްމީ ލިޔުންތައް ލިޔުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތާނައަކުރުތައް ރީތިކޮށް ލިޔުމުގެ ބައެވެ.
- އަވަސްތާނަ: މި ބަޔަކީ ނުރަސްމީ ލިޔުންތަކާއި ރަސްމީ ލިޔުންތައް ވެސް އާންމުކޮށް ލިޔާ މިންވަރަށްވުރެ އަވަހަށް ލިޔުމުގެ ބައެވެ.
- ފަރުމާތާނަ: މި ބަޔަކީ ތާނައިގެ އަކުރުތައް ބޭނުންކޮށްގެން ލޮލަށް ރީތި އެކި ފަރުމާތަކަށް ލިޔުމުގެ ބައެވެ.
މި ތިން ބައިގެ ތެރެއިން ކޮންމެ ބައެއްގައި ވެސް، އެއް އޮފީހެއްގެ ފަރާތުން ބައިވެރި ކުރެވޭނީ ފަސް މުވައްޒަފުންނެވެ.
މީގެ އިތުރުން އެކަޑަމީން ބުނީ، 2022ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައި ވީނަމަވެސް، މިއަހަރު އެކެޑެމީއަށް ޒިޔާރަތްކޮށް ތަކެތި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިފައި ވާކަމަށެވެ.
މި ތަކެތި ހުށަހަޅަން ޖެހެނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައިކަން އެ އެކެޑަމީން ފާހަގަކުރިއެވެ. މި މުބާރާތުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރަން މި އަހަރު ވެސް އަތުލިޔުމުގެ މުބާރާތެއް: 2023 ވަނަ އަހަރު އަތުލިޔުމުގެ މުބަރާތުން ވަނަ ހޯދި ބޭފުޅެއް---ފޮޓޯ/ދިވެހިބަހުގެ އެކަޑަމީ
މި މުބާރާތުގެ ކޮންމެ ބަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާއިރު އެންމެ ރީތި 10 ލިޔުން ވެސް ހޮވާނެއެވެ. އަދި އޮފީސްތަކުގެ ބައިން ވެސް ވަނަވަނަ ހޮވާއިރު މި ފަރާތްތަކަށް ތަށްޓާއި، އިނާމު އަދި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އެކެޑަމީން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރާ ގުޅިގެން އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވީ، ތަންތަނަށް ނަން ކިޔުމާއި މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ހިންގާއިރު އެހެން ބަސްބަހުން ނަން ކިޔުން އާންމުވެފައި ވާކަމަށެވެ. އެހެންކަމުން މި ޝިއާރުގެ ބޭނުމަކީ ދިވެހިބަހުން މިފަދަ ކަންކަމަށް ނަން ދިނުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސަރުކާރާއި ކުންފުނިތަކާއި ސުކޫލުތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކަށް ދިވެހިބަހުން ނަން ކިޔުމަށް އަޝްރަފު އިލްތިމާސް ކުރެއްވިއެވެ.