ނުކުޅެދުންތެރިކަން ހުރި މީހުންނަށް ބޮޑެތި އިހުމާލުވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ނުކުޅެދުންތެރިކަން ހުރި މީހުންނަށް ބޮޑެތި އިހުމާލުވަމުންދާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި -- ފޮޓޯ/ މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

މައްސަލައިގައި ފާހަގަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަން ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ޚާއްސަ ރައްކާތެރިކަމާއި، މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާއާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން:

  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާނުކުރުމުން އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ޚަރަދުކުރަންޖެހުން.
  • ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުން.
  • ތެރަޕީގެ އަގު ބޮޑުވަމުން ދިޔުން.
  • އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތުމުން އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވުން.
  • އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބުން.

މިއީ ހުސް ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުން ކުރާ ޝަކުވާތައް ކަމަށް މައްސަލައިގައިވަނީ ފާހަގަކޮށްފައެވެ.

ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އެ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ހުށަހެޅީ އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް ކަމަށް ބުނެފައިވެއެވެ. އަދި، މުޖުތަމައުގެ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެ މައްސަލައިގައިވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް