ހަތަރުފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިން ގަރާޖު ސިޓީ ދައްކަން ޖެހޭ ގޮތަށް ބަދަލުކޮށްފި

ވެލާނާ އެއާޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިން, ގަރާޖު ސިޓީ ދައްކަން ޖެހޭ ގޮތަށް, އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބަދަލު ކޮށްފިއެވެ.

މީގެ ތިން މަސް ފަހުން އަމަލުކުރަން ފަށާ އެ ގަވައިދުގައި ވަނީ، ދެ ފުރޮޅުލީ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ރާއްޖެ އެތެރެކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެގޮތުން، އެ އުޅަނދެއް ބާއްވާ ގަރާޖެއް ނުވަތަ ގުދަނެއްގެ ހުއްދައިގެ ސިޓީއެއް ހުށަހަޅަން ޖެހޭއިރު، ސިޓީގައި ބަޔާންކޮށްފައިވާ ތަނެއްގައި އުޅަނދު ބޭއްވުމުގެ ހުއްދަ މިނިސްޓްރީގައި އޮތް ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ގަވައިދުގައިވެއެވެ.

އެ ގަވައިދުގައި ވަނީ، އުޅަނދު ރަޖިސްޓްރީކޮށްދެވޭނީ އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި އުމުރަކަށް ފެތޭ އުޅަނދުތައް ކަމަށް ބުނެފައެވެ. އަދި ރަޖިސްޓްރީ ކޮށްނުދެވޭނެ އިންޖީނުލީ އެއްގަމު އުޅަނދުތައް ވެސް ގަވައިދުގައި ފާހަގަކޮށްފައިވެއެވެ. އެއީ:

  • ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ އިންޖީނު ކެޕޭސިޓީގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު
  • އުފެއްދި ތާރީޚަށް ވުރެ ތިން އަހަރަށްވުރެ ގިނަ އަހަރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު
  • އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވާ ފަދަ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި ބަރުދަނުގައި އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު
  • އުފެއްދި ތާރީޚުން ފެށިގެން ހަތް އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ، އުފުލޭ ބަރުދަނުގައި އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު
  • އުފެއްދި ތާރީޚުން ފެށިގެން ދިހަ އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަނުގައި ހަތަރު ޓަނުން ފެށިގެން ދިހަ ޓަނު ހަމަނުވާ އެއްގަމު އުޅަނދު
  • އުފެއްދި އަހަރުން ފެށިގެން 15 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ، އުފުލޭ ބަރުދަނުގައި ދިހަ ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު

މި ގަވައިދުގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން އިމްޕޯޓު ޑިއުޓީ ދެއްކުމަށް ލިބިދޭ އިސްތިސްނާއާއެކު، ރާއްޖެ އެތެރެކޮށްފައިވާ އުޅަނދެއް ޑިޕްލޮމެޓިކް ނޫން އެހެން ފަރާތަކަށް ރަޖިސްޓްރީކޮށްދޭނީ އެ އުޅަނދަށް ސަރުކާރުން ދައްކަން ޖެހޭ އިމްޕޯޓު ޑިއުޓީ ދެއްކުމުންނެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރެޖިސްޓާ ކުރުމުގެ ގަވާއިދުގައި ވާގޮތުން، އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ ވެސް އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔެކިޔުންތަށް ހުށަހަޅާއިރު، ގަރާޖެއްގައި އުޅަނދެއް ބޭއްވުމަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމާއި، ގަރާޖުގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީއާއި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީ ކޮށްފައިވާ ގަރާޖެއްކަން އިނގޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް އެނގުމަކާ ނުލާ އެ ގަރާޖުގައި އުޅަނދު ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބޭ ކަމަށާއި އެހެންވެ، އެފަދަ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

https://sun.mv/192246

އެ މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ރެޖިސްޓްރީ ކުރުން މިނިސްޓްރީން ހަރުކަށި ކުރިއިރު، އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ މަރުހަލާތައް ދިގުވެ، ގިނަ ދުވަސްވާ ކަމުގެ ކަންބޮޑުވުން އުޅަނދުތައް ގެންނަ ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ ޝަކުވާތައް ބޮޑުވެފައިވުމުން، އެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި ދިރާސާއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކޮށްފައެވެ.

https://sun.mv/204577

އެ ދިރާސާއިން ދެއްކި ގޮތުގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.

ދިރާސާގައި ލަފާދީފައި އޮތީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށެވެ.

comment ކޮމެންޓް