"އަބަދުވެސް ތެދު ބުނަން އާދަކުރާށެވެ. އޭރުން އެއްވެސް އެއްޗެއް ހަނދާނުގައި ބަހައްޓާކަށް ނުޖެހޭނެއެވެ."
***
ރުމައިސާ ގެ ހީލުގައި އަދަބިވެރިކަމެއް ހުއްޓަސް ފިނިކަމެއްވެސް ވިއެވެ." އަދި ފަހުން ވާހަކަދައްކާނީ ދޯ....މިރިއަމް...ޑޯންޓް ވޮރީ...ޓޭކް ކެއާ އޮފް ޔޯ މަދަރ..."
ހަމްޒާއާއި އޭނަގެ މަންމަ ނުކުތުމުން އޭނަ މަޑުމަޑުން ދޮރު ލައްޕައިލިއެވެ. ކިތަންމެ ބުންޏަސް އެ ޒިޔާރަތުގެ ސަބަބުން އޭނަގެ ހިތުގައި ވީ ކުޑަ ކުޑަ ހަމަޖެހުންވެސް ނަގާލައިފިއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް މެއެވެ. އޭނަގެ މަންމަގެ ބަލި ހާލަތު ބޮޑުވެގެންދާއިރު ކައިވެންޏެއްގެ ހުށަހެޅުން އަންނަން އުޅޭކަމުގެ ނިޝާންތައް ފެނިއްޖެއެވެ.
އޭނަ ލެއްޕިފައިވާ ދޮރަށް ލެނގިލައިގެން އިރުކޮޅެއްވާންދެން ހުރީ ގެއަށް ހިމޭންކަން އެއްކޮށް ވެރިވާންދެނެވެ. އިރުކޮޅެއްފަހުން ގަޑީގެ ކަށި ހިނގާއަޑާއި އެކު ސީލިން ފަންކާގެ ނާނާގެ އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު މަންމަ ޖަހާ ސެންޓްގައި ހުންނަ ކެމޮމައިލްގެ ވަސް އެތަނުގައި ހިފައިލިއެވެ. އެހެން ދުވަސްތަކުގައި އެއިން ކޮންމެ އަޑަކީ އަދި ވަހަކީވެސް އޭނައަށް ޚާއްސަ އަދި ހިތަށް ހަމަޖެހުން ގެނުވާދޭ އެއްޗެއް ނޫންހެއްޔެވެ؟ އެކަމަކު މިއަދު އެއިން އެއްވެސް ކަމަކުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
އޭނަގެ އަތުގައިވާ ފޮށިވެސް އަސްލު ހުންނަންވާވަރަށްވުރެ ބަރުހެން އިހުސާސްވިއެވެ. އެ ފޮށި މަޑުމަޑުން އަނބުރާލާފައި އޭގައި ހުރި ފަށުވިކޮޅެއްފަދަ މަޑު ރިބަނުގައި އަތުން ފިރުމައިލިއެވެ. ހަދިޔާއެކެވެ. އީދު ހަދިޔާއެކެވެ. އަނެއްހެން ނުވެސް ދަންނަ މީހެއްގެ ފަރާތުންނެވެ. އަދި އެމީހެއްގެ މަންމަ އެއްގޮތަކަށްވެސް އެކަމާއިގަބޫލު ނޫންކަން އަމަލުން ދައްކާފައިވާ މީހެއްގެ ފަރާތުންނެވެ.
އޭނަގެ މަންމަ ޖަމީލާ އިތުރު ވާހަކައެއް ދެއްކުމެއްނެތި މަޑު ފައިވާނުން ބިންމަތީގައި ކުދި ފިޔަވަޅުތައް އަޅަމުންގޮސް ކޮޓަރިއަށް ވަނެވެ. އޭނަގެ އަތުގައި އޮތް ހަދިޔާއަށް އެއްވެސް ޝައުގުވެރިކަމެއް ނުދެއްކިއެވެ.
"ތިއީ މަންމަގެ އާދައެއް ނޫން..މިއީ ކޯނޗެއްތޯވެސް އަހާނުލި...."
އޭނަގެ ނަޒަރު އަނެއްކާވެސް އެ ފޮށްޓަށް ދަތުރުކުރިއެވެ. އިރުގެ އަލި ކޮންމެވެސް ވަރަކަށް ކުޑަދޮރުން ފުރާނާލާފައި އޭގެ ރިބަނަށް އެޅި ވިދަމުން ދިޔައެވެ.
"މިއީ ހަމައެކަނި އީދު ހަދިޔާއެއް ނޫނީ އެއަށްވުރެ ބޮޑު އެއްޗެއްބާ؟ ފަހަރެއްގައި.........ހޫމް އިތުރަށް ނުވިސްނާ....." ރިބަން މޮހެމުން ދިޔައިރު ހިތުގެ ވިންދުވެސް މަޑުޖެހިލިއެވެ. އެންމެފަހުން މަސްހުނި އިހުސާސްތަކާއެކު ފޮށި ހުޅުވާލާފައި އެތެރެއަށް ބަލައިލެވުނެވެ. މަޑު ޓިޝޫއެއްގެ މަތީގައި އޮތީ ނާޒުކް ގަހަނާއެކެވެ. ރިހިކުލައިގެ ކެވެލިކޮޅު ނިކަން ޗާލެވެ. ދެން އޮތީ ކަރުގައި އަޅާ ހާރެކެވެ. ގަތާލާފައިވާ ޑިޒައިންއެހާ ތަފާތެވެ. އެއަށް އަލި އެޅުމުން ވިދަންފެށިގޮތުން އަގުބޮޑުވާނެ ވަރު ހިތަށް ގެނެވުނެވެ. އުމުރު ދުވަހަށް ފައިސާ އެއްކޮށްގެންވެސް އޭނައަށް ހާސިލުނުވާވަރުގެ ހަދިޔާއެއްކަން ޔަގީނެވެ. ނާޒުކް، ރީތި އަދި ލޯ ތަރަތަރަޖަހައިގެން ދާވަރުގެ އެއްޗެކެވެ. އޭނައަށް ދޮރާއި ދިމާލަށް ބަލައިލެވުނީ ހަމްޒާއާއި އޭނަގެ މަންމަ އަނބުރާ އަތުވެދާނެކަމަށް ހީކުރެވިފައެވެ. އެކަމަކު އަދިވެސް ގޭތެރެއަށް ވެރިވެފައިވީ ވަރުގަދަ ހިމޭންކަމެކެވެ.
"އަޖައިބެއް. މިއީ ކީއްކުރަން ގެނައި ހަދިޔާއެއްތަ؟ އަހަންނަށް ހީވަނީ ހަމަ އަހަރެން ޓެސްޓްކުރަން ދިން އެއްޗެއްހެން..އެހެން ނުވާނެތަ؟ މިހާ ރީތި އެއްޗެއް...ގަބޫލެއްވެސް ނުކުރެވޭ....."އޭނަގެ ސިކުނޑި ރޭހެއް ޖެހިފަދައެވެ. އެހިމޭންކަމުގައިވެސް އޭނަގެ ސިކުނޑި ނުތަނަވަސްކަމުގައި އެނބުރެމުން ދިޔައެވެ. ހިތްހެޔޮކަމުގެ އަމަލެއްކަމުގައި ދެކެވުނު އެއްޗެއް ބޮލުގައި އެޅިފައިވާ ބުރައަކަށް ވިއެވެ.
"އަހަންނަށް ލިބެން ނުޖެހޭ އެއްޗެއް ހޯދާ މިކަމުގެ ތެރެއަކަށް ނުވަދެވޭނެ..ހަދަންވީގޮތް އެނގިއްޖެ........"އޭނަ އިތުރަށް ވިސްނަން ނަހަދާ ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ. ފިނި ވައިރޯޅިތައް މޫނުގައި ބީހިލަމުން ހޫނުވެފައިވާ މޫނަށް ފިނިކަމެއް ގެނެސްދިނެވެ. މިވަގުތުން ވަގުތަށް މައްސަލަ ހައްލުނުކޮށް އޭނައަކަށް ކެތެއްނުކުރެވޭނެއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަގަށް ނިކުމެލިއެވެ.
ރަށުތެރެ ހަލަބޮލިވެފައިވަނީ އީދު ފާހަގަކުރުމުގެ ކުޅިވަރުތަކާއި އުފާވެރި އަޑުތަކުންނެވެ. ގޭގެއިން އިވެނީ ހުނުމުގެ އަޑެވެ. މުޅިހިސާބުގައި ބަނޑުފުރޭހާ މީރު ކާއެއްޗެހީގެ ވަހެވެ. މިރިއަމް ހިނގަމުން ދިޔައިރު އޭނަގެ ޚިޔާލުގައިވަނީ އަވަހަށް ހަމްޒާ ހުރިތަނަކުން ހޯދާ އޭނައަށް މި ހަދިޔާ އަނބުރާ ދިނުމެވެ.
ހަމްޒާގެ ގެއާއި އަރާހަމަވީއިރު އެގޭގެ ބޭރުގައި މީހުން އެއްވެފައިވާތަން ފެނުމުން ހައިރާންވިއެވެ. ވަރަށް ފޯރިއާއެކު އަޑުހަރުކޮށް ވާހަކަދައްކާ ހީ ސަކަރާތްޖެހުމުގައެވެ. އީދުގެ ސަބަބުން އެންމެން އެކުވެރިވެ އެފަދަ ރޫހު އޮތުމަކީ އާ ކަމެއްނޫނެވެ. މައްސަލައަކަށްވީ އެންމެންގެ ކުރިމަތީގަައި އޭނަ ހަމްޒާއަށް މި ގެންގޮސް ދޭން ޖެހުމެވެ.މީހުން އެއްވެފައިވާ ތަނުގެ ކުޑަތަންކޮޅެއް ދުރިގައި އޭނަ މަޑުކޮށްލީ ހަމްޒާގެ ހަރަކާތްތައް ދުށުމަށެވެ. ހަމްޒާ ވަރަށް ހަމަޖެހިލާފައި އެމީހުންނާއި ވާހަކަދައްކަން ހުރީ ހިނިތުންވެލައިގެންނެވެ. އޭގެ ކުރީ ދުވަހު އަވަށްޓެރިންގެ ފަރާތުން އެނގުނުގޮތުން ހަމްޒާ މާކެޓަށްގޮސް ސޯސް އެއްޗެހި ގަތީ މިނި ޕިއްޒާ ހެދުމަށެވެ. އިމާމް ޕިއްޒާ ހެދުމަކީ ވަރަށް އަޖައިބުކުރުވަނި ކަމަކަށް އޭނައަށްވިއެވެ.
އޮއްސެމުން ދިޔަ އިރުގެ ރަތްކުލަ ހަމްޒާގެ ގަޔަށް އެޅިފައިވާއިރު އޭނަގެ ދިގު އިސްތަށިގަނޑު ކުޑަކޮށް ހޭވި ކޮނޑާއި ހަމަޔަށް އޮތެވެ. ރީތިކޮށް ފުނާ އަޅާފައެވެ. ކޯކަށިގަނޑާއި އެހެން ސިފަތައް ފުރިިހަމަކޮށްދޭ އެއްޗަކަށްވިއެވެ. އާދައިގެ ހުުދު ކުރުތާއެއް ނަމަވެސް ޚާއްސަކަމެއް ވިއެވެ. ވަށައިގެންވާ ކުލަތަކުގެ ތެރެއިން ހުދު ފެނުމުން ވަކިން ފާހަގަކުރެވެނީކަން ނޭގެއެވެ. ހަމްޒާމެން މޭޒެއް ބަހައްޓައިގެން މަސައްކަތުގައި އުޅެމުން ދިޔައިރު ހީވަނީ ޕާޓީއެއް ބާއްވަން ތައްޔާރުކުރާހެންނެވެ. އެދިމާލުން ފުއްޕާހަންތައް އެލުވާފައިވާއިރު މޭޒުމަތީގައި އޭނަ ތަށިތައް އަތުރަމުން ދިޔައީވެސް ނިކަން ތަރުތީބުންނެވެ. އީދު ޖާފަތަކަށް ތައްޔާރުކުރަނީކަން ނޭގެއެވެ.
ހަމްޒާ ފަހަރަކު މަސައްކަތެއް ކުރާތަން ބަލަން އޭނަ ހުރީ ފަރުވާތެރިކަމާއެކުގައެވެ.
ތަންކޮޅެއް ދުވަސްވީ މީހުންތައް އެހެން ކަންތައްތަކާއި މަޝްޣޫލުވުމުން އޭނައަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ.
"ހަމްޒާ...."މިރިއަމްއަށް ގޮވައިލެވުނެވެ. އީދު ފާހަގަކުރުމުގެ އަޑުތަކުގެ ތެރެއިން އޭނަ ހަމްޒާއަށް ގޮވައިލި ވަގުތަކީ އެދެމީހުންނަށް ޚާއްސަ ވަގުތަކަށްވިއެވެ.
ހަމްޒާ އެނބުރުމާއެކު ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. އޭނަ ހަމަޖެހިލައިގެން ހުއްޓަސް ކުޑަ ހައިރާންކަމެއް ލިބުނެވެ. ސަމާލުވެލިހެން ހީވިއެވެ. އެކަމަކުވެސް އޭނަ ހަށިގަނޑު ސީދާކޮށްލިގޮތުން ހަމަޖެހިލާފައި ހުރިވަރު އަންގާދެއެވެ. އޭނަ އަނެއްކާވެސް މޭޒުމަތި ތައްޔާރުކުރަން ފެށިއެވެ. އެ ނަޒަރުން ސަލާމަތްވުމަކީ މިރިއަމްއަށް ލިބުނު ހިތްވަރަކަށްވިއެވެ.
"މި ....އީދު ހަދިޔާ ގަބޫލުކުރެވެން ނެތް...މިއީ އާއްމުކޮށް ދޭކަހަލަ ހަދިޔާއެއްވެސް ނޫނެއްނު...."މިރިއަމް މޭޒުގެ އެއްފަރާތުގައި އެ ފޮށި ބޭއްވިއެވެ.
"އަހަންނަށް އެނގޭ ވަގުތު ބޭނުންވާނެކަން...."އޭނަ ހީކުރީ އޭނަ ބުނަން ބޭނުން ވާހަކަތައް މަންމަ ދައްކާފައިވާ ކަމުގައެވެ."ކައިވެންޏަކީ އަސްލު ވަރަށް ބޮޑު ކަމެއް...މީީހާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާނެ.އެވެސް މިރިއަމްގެ މަންމަގެ ބްލެސިންއާއެކު.... އަހަރެން ދާއިރު ތި ދެމައިންވެސް ގެންދަން ނިންމައިގެން ހުރީ......"
ދުނިޔެވެސް މަޑުޖެހިލިއެވެ. މިރިއަމް އަނގަ ހުޅުވާފައި ލައްޕައިލިއެވެ. އެއްވެސް ކަހަލަ ލަފުޒެއް ދުލުން ބުނެލަން ނުކުޅެދުނެވެ. އޭނަ ސިއްސުވައިލާ ޝޮކަކަށް ގެންދާފަދަ ޚަބަރެކެވެ.
އޭނަ ހީކުރީ މިރިއަމް މާބޮޑަށް ލަދުގަތީކަމުގައެވެ. އެހެންވެ އިތުރަށް ބާރު އަޅަން މަސައްކަތެއް ނުކުރިއެވެ. އަދި ދެވަނަފަހަރަށް ބަލާވެސް ނުލާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. މިރިއަމްއަށްވެސް އެކަން ފާހަގަވިއެވެ. ހަމްޒާ އޭނައަށް ދެވަނަ ފަހަރަކު ބަލައެއް ނުލައެވެ. ރީތި އަދަބުތަކެއްގެ ވެރިއެކެވެ.
"އެހާ އަވަސްކުރުވާކަށް ނޫޅެން. އަހަންނަށް އެނގޭ ވަރަށް ބޮޑު އެއްޗެއްކަން ބުނެވުނީ. އެކަމަކު އައި މެންޓް އިޓް...އެވްރީ ޕާޓް އޮފް އިޓް..."
"ކޮންފިއުޒްކޮށްލެވުނީތީ މާފަށް އެދެން..."ހަމްޒާ ވާހަކަދެއްކީ ނިކަން ހަމަޖެހިފައި ހުރެއެވެ." އަހަންނަށް އަންޑަސްޓޭންވާނެ....މި ދެން މާ ކުއްލި ނިންމުމެއް ކަމަށް ހީވަންޏާ... ނޫނީ އުއްމީދުނުކޮށް ހުރި ކަމެއް ވެއްޖެއްޔާ....އެކަމަކު އަޑުއެހިން ދޮންބައްޕަ ނިޔާވި ވާހަކަ އަދި މަންމައާއެކު އެކަނި ދިރިއުޅޭކަމަށް......."
"ޢެހެނެއްނޫން..."އޭނަގެ އަޑު ކިރިޔާ ބޭރުވިކަމެވެ." ހަމަ ނޭގެނީ...އަހަންނަކަށް ނޭގޭ...."
އޭނަ ބޯ ޖަހައލީ މިރިއަމްގެ ވާހަކަ ގަބޫލުކުރެވުނު ފަދައިންނެވެ. މަންމަ ސާފުުކޮށް ކިޔާނުދިނީކަމަށް ތުހުމަތު ކުރެވުނެވެ. ނޫނީ ދޭހަވާވަރަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީއެވެ. ކުއްލިއަކަށް ކައިވެންޏެއްގެ ހުށަހެޅުން ބަލައިގަންނަން އަންހެންކުއްޖަކަށް ފަސޭހަނުވެދާނެއެވެ. ނަމަވެސް ހަމްޒާގެ މޫނުމަތިން އޭނަ ފައިސަލާ ކުރާކަމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. އޭނައަށް ރަގަޅަށް މިރިއަމްގެ ހާލަތު އަންދާޒާކުރެވޭފަދައެވެ. އަދި އެހެން އެއްޗެއްވެސް އެލޮލުގައިވިއެވެ. އުއްމީދު މުޅިން ފަނޑުނުވާކަމެވެ.
"އެކަމަކު ކީއްވެ..އަހަރެން؟" އޭނަ ސުވާލުކުރިއެވެ.
ހަމްޒާގެ އަތުގެ ހަރަކާތް ލަސްވިއެވެ. މިރިއަމް ގާތު އޭނަ ބުނާނީ ވަކި ކީކޭހެއްޔެވެ؟ ދޮންބައްޕަ ނިޔާވި ދުވަހު ރޮމުން މިރިއަމް މަގުމަތުން ދުވަނިކޮށް އޭނަ ދެކެފައިވިއެވެ. އަދި މަންމަ އެންމެ ފައިވާން ކިބައެއް ލައިގެން އަނެއް ކިބަ އަތަށް ލައިގެން މަގުމަތީގައި ދެވޭ ނުދެވޭ ތަނެއް ނޭގި އުޅެނިކޮށް މިރިއަމް މަންމައަށް އެހީތެރިވީތަން ވެސް މެއެވެ. ހަމްޒާއަށްވެސް މަންމަ ބަލިވެ އުޅޭކަން އެނގުނެވެ. އެގެއަށް ޒިޔާރަތް ކުރި ދުވަހުވެސް އެކަން ފާހަގަވިއެވެ. އެއީ ހަމްދަރުދީހެއްޔެވެ؟ އޭނައަށްވެސް މިވަނީ އެއަށް ދޭނެ ނަމެއް ނޭގިގެންނެވެ.
ފަހަރެއްގައި މިރިއަމްގެ ނަޒަރު އޭނައަށް ހުއްޓުނަސް ވަގުތުން ދުރު ބަލައިލާގޮތާއި އެހީތެރިކަމަށް އެދޭފަދަ ގޮތެއް ހުރުމުން ހިމާޔަތް ދޭން އޭނަގެ ހިތް އެދުނީއެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މިރިއަމް ވާހަކަދެއްކިއެވެ.
"އާއެކޭ ބުނަނީއެއްނޫން. އެކަމަކު އެއްބަސްވަންޏާ...އެނގެއެއްނު.. މިބުނީ މިކަން ގަބޫލުކުރަންޏާ އަހަރެން ސްކޫލުން ކެނޑެންވީ؟"
އޭނައަށް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. ކަންފަތަށް އިވުނީ ހަމަ ރަގަޅަށް ހެއްޔެވެ؟"ސްކޫލް؟"
"ބާވީސް އަހަރެއް ނުވޭތަ؟ ޒުބޭރު ބުނީ އެހެން..އެހެންވެ އަހަންނަށް ޓްވެންޓީކަމަށް ވަންޏާ މިރިއަމްއަށް ބާވީސް ވިޔަސް އެންމެ ރަގަޅުކަމަށް ދެކުނީ.."
"މާދަން ސަތާރަ އަހަރު ފުރޭނީ.."މިރިއަމްގެ ޖަވާބުން ހައިރާންވިޔަސް އޭނަ ބޫރުފުށުން އެކަމެއް ނުދެއްކިއެވެ.
މިރިއަމްއަށް ކަޅި އަނބުރައިނުލެވި ކެތްކުރެވުނީ ހަމަ ކިރިޔާއެވެ. އެ މޮޔަ ޒުބޭރު އޭނަގެ އުމުރާއި ގުޅޭގޮތުން ދޮގުހެދުމުގެ މަގުސަދަކީ ކޮބާހެއްޔެވެ؟ އަދި އެވެސް ހަމްޒާއަށް ވުރެ ދޮށި މީހަކަށް ހަދާފައެވެ. ޔަގީނުންވެސް އޭނަ އެހާ ހަރުވައްތަރެއް ނުޖަހައެވެ. އޭނަ އަވަހަށް ރިހިކުލައިގެ ތަށްޓެއް މޫނާއި ދިމާލަށް ދިއްކޮށްލަމުން ސޫރައަށް ބަލައިލިއެވެ. ބޮޑުު ކޯތާފަތެއްލާފައި އެހާ ފައުޅުކޮށް ކޮންމެ ތަނެއް ފެންނަނީ ދޮޅި އަޅައިގެން ހުރިގޮތުންނެވެ. ކުއްލިއަކަށް އޭނަ އަމިއްލަ ނަފުސާއިމެދު ލަދުވެތިވެއްޖެއެވެ.
"އަހަރެން ވަރަށް އަވަހަށް ފުރަން...މާދަމާ...އެކަމަކު އަހަރެންގެ އޮފާ ހަމަ އެގޮތަށް އޮންނާނެ....އެއްވެސް ޕްރެޝާއެއްނެތް. ނޯ ރަޝް.....އަހަންނަށް އިންތިޒާރުކުރެވިދާނެ........."
މިރިއަމް ހުއްޓުން އެރިއެވެ. ހިތް ގެނބޭވަރުވިއެވެ. އޭނައަށް މިހާ ބޮޑުކަމެއް ނަގައިގަނެވޭނީވެސް ކިހިނެއްހެއްޔެވެ؟ އުފުލޭވަރަށްވުރެ ބޮޑު ބުރައެކެވެ. އޭނަ ފޮށްޓާއި ދިމާލަށް ބަލަން ހުރީ ދެ ޚިޔާލެއްގައެވެ. ދޭންވީކަމެއް ނޫނީ ގަބޫލުކުރަންވީކަމެއް ޔަގީންނުވެފައެވެ. އޭނަގެ އަތް މަޑުމަޑުން އެ ފޮށި ހުރި ދިމާލަށް ދިއްކޮށްލިއެވެ.
ހަމްޒާއަށް ފާހަގަކުރެވުނެވެ.
"މިރިއަމް ތީތި ގެންދޭ...."އޭނަ މަޑުމަޑުން ބުނެލީ ނިކަން ފަނޑު ހިނިތުންވުމަކާއެކުގައެވެ." ނޫނީ އަނބުރާ ދީ..އެއްކަމެއްވެސް ވަކި ބަދަލެއްނުވާނެ.."
ސަބަބަކީ ތީ މަންމަގެ ހަދިޔާއަކަށްވީމަ..."އޭނަ އިތުރުކޮށްލިއެވެ. އޭނަ ނުބުނެ ސިއްރުކުރީ މަންމަ އެ ހަދިޔާގަތްއިރު ހީކޮށްގެން ހުރީ އެ އަންހެންކުއްޖާއަކީ ސާޔާއަށް ވާނެކަމުގައެވެ. އެފަދަ "ފެންސީ" ހަދިޔާއެއް ގަންނަން މަންމައަށް މުހިއްމުވީ އެހެންވެއެވެ.
ހަމްޒާ ދުރަށްދާން ހިނގައިގަތެވެ. މިރިއަމްގެ މޫނަށް ޖަންބުމަލުގެ ކުލަ ވެރިވިއެވެ.
ނުނިމޭ