މޯލްޑިވް ގޭސްއަށް ގޭސް ގަތުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި

އެސްޓީއޯ ހެޑް އޮފީސް އިމާރާތް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ތުހުމަތު ކުރެވިފައި ވަނިކޮށް، އެ ކުންފުންޏަށް ގޭސް ގަތުމުގެ ޕްރޮކިއުމަންޓު ހުރިހަ މަސައްކަތެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މި ނިންމުމަކީ އެސްޓީއޯގެ ބޯޑުން މިއަދު ނިންމި ނިންމުމެއް ކަމަށެވެ.

މޯލްޑިވް ގޭސްގެ މައްސަލައެއް އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.

https://sun.mv/204569

ނާޒިމް ވިދާޅުވީ، އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނާޒިމް ހާމައެއް ނުކުރައްވައެވެ.

ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިފަދައިން ވިދާޅުވުމާއެކު، އެމައްސަލަ ބަލާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހާމަކުރިއެވެ. އަދި އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ބަލަން ފެށިއެވެ.

https://sun.mv/204601

މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާއެކު އެކަން ބަލަން ފެށިއެވެ.

އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުން ވެސް "ވައްކަން" ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނެއެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި, ޢަބްދުﷲ މައުމޫންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ އަންނަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ.

އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.

comment ކޮމެންޓް