ފައިސާ ޗާޕުނުކޮށް މި ސަރުކާރަށް ހިންދެމިނުލެވޭނެ، ވީހާ ވެސް އަވަހަށް އެކަން ކުރާނެ: އަމީރު

އަމީރު: ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުކުރާނެ ކަމަށާއި އިގުތިޞާދު ހުށަހެޅެނީ ނުރައްކަލަކަށް ކަމަށް --- ފޮޓޯ/ އެމްޑީޕީ

މި މަހުގެ ތެރޭގައި ވީހާ ވެސް އަވަހަކަށް މި ސަރުކާރުން ފައިސާ ޗާޕުކުރާނެ ކަމަށާއި، އެ ކަން ނުކޮށް ސަރުކާރަށް ހިންދެމިލެވެން ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ.

މި ކަމާ ގުޅޭ ގޮތުން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފައިސާ ޗާޕުނުކޮށް ސަރުކާރަށް ހިންދެމިލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޚަރަދު މެނޭޖުކުރަން ރަނގަޅު ރިފޯމުތަކެއް ގެނެސްފައެއް ނެތެވެ. އޭގެ ނަތީޖާއަކަށްވަނީ ބަޖެޓަށްވުރެ ޚަރަދުތައް އިތުރުވުންކަން އަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ސަރުކާރަށް ބޭރުން ފައިސާ ނުހޯދޭތީ، އޮތް ހަމައެކަނި ގޮތަކީ ޑޮމެސްޓިކު މާކެޓުން ފައިސާ ހޯދުން ކަމަށެވެ. އެ މާކެޓުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ސަރުކާރުގެ ކުންފުނިތަކުގައި ހުރި ފައިސާއެއް ވިއްޔާ ހުރީ އިންވެސްޓުކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ އެމްއެމްއޭ ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ކަމަށް އަމީރު ދެކިލައްވައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަސް ތެރޭގައި، ވީހާ ވެސް އަވަހަކަށް ސަރުކާރުން ފައިސާ ޗާޕުކުރާނެ. ނުކޮށް ސަރުކާރަކަށް ހިންދެމިލެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި 15 ބިލިއަން ރުފިޔާ ޗާޕުކޮށް، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރުގެ ތެރެއަށް ވައްދައިގެން ޚަރަދުތައް ފޫބެއްދުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިސާ ޗާޕުކުރަން އެމްއެމްއޭގެ ބޯޑުން ފާސްކުރީ، އެ ބޯޑަށް ވެސް އޮޅުވާލައިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު ޑެޕިއުޓީ ގަވަރުނަރާއި ބޯޑުގެ އިތުރު ދެ މެންބަރަކު އިސްތިއުފާ ދެއްވިކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ސަރުކާރުގެ ތެރެއިން މި ފަދަ ޓެކްނިކަލް ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅުން، އެ ނިންމުމާ ވަރަށް ދެކޮޅުކަން އެނގިފައިވާ ކަމަށެވެ.

ސަރުކާރުން ފައިސާ ޗާޕުކުރަނީ ބޮޑު އޮޅުވައިލުމެއްގެ ތެރެއިން ކަމަށް ވިދާޅުވެ، އަމީރުވަނީ އެ ކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.

"ވަރަށް ބޮޑަށް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކެމްޕޭނު ތެރޭގައި ބުނެފައި މި އޮތީ ފައިސާ ޗާޕު ނުކުރާނެ ވާހަކަ. އެހެންވީމާ އެ ކަން އޮޅުވައިލަން ވެގެން އެމްއެމްއޭ މެދުވެރިކޮށް އެމްއެމްއޭއަށް ބޭނުންނުވާ ބިމެއް ދީފައި، އެ ފައިސާ ހޯދައިގެން އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް މި ދެނީ،" އަމީރު ވިދާޅުވިއެވެ.

ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް