އިނގިރޭސި ބަސް ފަސްކޮށް، އިސްކުރަންވީ ދިވެހި ބަހާއި ތާނަ އަކުރު

ދިވެހި ލިޔުމެއް --- ފޮޓޯ/ ޕިންޓްރެސްޓް

ކުޑަމިނުން ތަނަކަށް ސިޓީއެއް ފޮނުވަން ޖެހުނަސް، އިސްކުރެވެނީ އިނގިރޭސި ބަހެވެ. ހަރަކާތަކަށް ނަން ކިޔަން ވިޔަސް ގިނަ ފަހަރަށް ބޭނުންކުރެވެނީ އިނގިރޭސި ބަހެވެ. އެންމެ ތުއްތުއިރު، މައިންބަފައިންނަށް ދަރިންނަށް ވެސް ދައްކައިދެވެނީ އިނގިރޭސި ބަސް އަޑުއިވޭ ވީޑީއޯއެކެވެ.

މިއީ މިއަދު މި ގައުމުގައި ހާލަތު އޮތް ހިސާބެވެ. އަމިއްލަ މާދާރީބަހުގެ ބަދަލުގައި އެހެނިހެން ބަސްތައް ބޭނުންކުރުމަކީ ދިވެހީންގެ ތެރޭގައި މިހާރު އާންމު ކަމަކަށް ވެއްޖެއެވެ.

އެކަމަކު، މިއީ ދިވެހީންގެ ދިގު ތާރީޚާ ސަގާފަތް ކިޔައިދޭ ތާނަ އަކުރާއި ދިވެހި ބަހަށް ދޭން ޖެހޭ ގަދަރާއި ލޯތްބެއް ނޫނެވެ. މިއީ މިއަށް ވުރެ، އިސްކަން ދޭން ޖެހޭ ފުރިހަމަ ބަހެވެ.

ބަހުގެ އެކަޑަމީން ކުރިން ކުރިއަށް ގެންދިޔަ މުބާރާތެއްގައި ދަރިވަރަކު ލިޔަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ތާނަ އަކުރު ބޭނުންކުރުން އިތުރުކުރަން ޖެހޭ!

އެކި މަސައްކަތްތައް ހަވާލުކޮށްފައި ހުންނަ އިދާރާތައް ނަން ހުސްކޮށް އެބަހުރެއެވެ. މި ސަރުކާރުގައި ހުރިހާ އިދާރާއެއްގެ ނަން ބޯޑުތައް ތާނަ އަކުރަށް ބަދަލުކޮށްފައި ހުރި ނަމަވެސް އެވަރަކުން ނުފުދެއެވެ. އެހެނިހެން ކަންކަމުގައި ވެސް އިސްކުރެވި، ބޭނުންކުރެވެން ވާނީ މުއްސަނދި ދިވެހި ބަހެވެ. ވަރަށް ގިނައިން އިދާރާތަކުގައި ކުރާ ކަމަށް ބަލާލަމާ ހެއްޔެވެ. އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ސިޓީގައި އިނގިރޭސި ބަހެވެ. ލިޔެކިޔުންތަކުގައި އިނގިރޭސި ބަހެވެ. ގިނަ ފަހަރަށް އެ ލިޔުންތަކަކީ އެހެން ގައުމެއްގެ ބަޔަކު ޝާމިލުވާ އެއްޗިއްސެއް ނޫނެވެ. މުއްސަނދި އަކުރަކާއި ބަހަކުން ވާހަކަދައްކާ ދިވެހީން ޝާމިލުވާ ލިޔުންތަކެވެ. ޚިދުމަތް ލިބިގަންނަ ދިވެހީން ހިމެނޭ އެއްޗެކެވެ. އެހެން ގައުމެއްގެ ބަޔަކަށް ނޫނެވެ. އެހެންކަމުން، ދިވެހީންނާ ގުޅޭ ލިޔުންތައް ލިޔުމުގައި ވެސް އިސްކުރަންވާނީ ތާނަ އަކުރެވެ.

ދަރިވަރަކު ދިވެހި ލިޔުމެއް ލިޔަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބައެއް އިދާރާތަކުގެ މުވައްޒަފުން ބުނާ ގޮތުން، ދިވެހި ބަހަށް ވުރެ އިނގިރޭސިން ބުނަން ބޭނުންވާ ވާހަކަ ބުނަން މާ ފަސޭހައެވެ. ތަފުސީލުކުރެވޭވަރު ވެސް ދިގުވެފައި، ފުރިހަމައެވެ. އެހެންނަމަވެސް، އެއީ އެކަން އޮންނަން ވާނެ ގޮތެއް ނޫނެވެ.

މިފަދަ ކަންކަން އިސްލާހު ކުރުމުގައި އަމިއްލަ ފަރުދުން ވެސް އިސްނަގަން ވެއްޖެއެވެ. ދިވެހި ބަހުގެ އެކަޑަމީން ކުރާ މަސައްކަތްތަކުގައި އެއްބާރުލައިގެން، ދިވެހިބަސް އިސްކުރަން މަސައްކަތް ކުރަން ޖެހެއެވެ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ހިންގައި، ބަސް ދިރުވަން ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަން ފަށަން ވެއްޖެއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ޑިރެކްޓަރު ޝަހުމާ އަލީ ވަނީ ދިވެހި ބަހަށް އިސްކަންދޭ މިންވަރު ކުޑަވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހިބަހުގެ އެކަޑަމީގެ ޑިރެކްޓަރު ޝަހުމާ އަލީ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިއީ ހަމައެކަނި ޝަހުމާގެ ކަންބޮޑުވުމެއް ނޫނެވެ. ދިވެހި ބަސް ދެކެ ލޯބިވާ އެންމެންގެ ކަންބޮޑުވުމެވެ. ދިވެހިބަހަށް އިސްކަން ދިނުމަކީ ހުރިހާ އިދާރާތަކާއި ފަރުދުންގެ ވެސް ޒިންމާއެއް ކަމަށް ޝަހުމާ ދެކިލައްވައެވެ.

"ދައުލަތުގެ ހުރިހާ އިދާރާތަކުން ލިޔާ ލިޔުންތައް ކޮންމެހެން އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުމެއް ނޫނީ ދިވެހި ބަހަށް އިސްކަންދީގެން ލިޔާށޭ. އަދި، ޚާއްސަކޮށް ދިވެހީންނަށް ލިޔާ ލިޔުންތައް އޭގެ ތެރޭގައި ފޯމުތައް ފުރުމާއި އެ މީހުންނަށް އަންގާ އިއުލާނުތަކާއި އިސްތިހާރުގެ ގޮތުގައި އަންގާ އެންގުންތައް ވެސް ދިވެހި ބަހަށް އިސްކަންދީފައި ހުރުމަކީ ހުރިހާ އުމުރުފުރައެއް ވެސް އޭގައި ޝާމިލުކުރެވޭނެ ކަމެކޭ،" އޭނާ ތަފުސީލުކޮށްދެއްވިއެވެ.

"މުސްތަގުބަލުގައި ދިވެހި ބަހަށް އޮތީ ކުރިއެރުން"

ކޮންމެ ކަމެއްގެ ވެސް މުސްތަގުބަލެއް އޮންނަ ފަދައިން ދިވެހި ބަހުގެ ވެސް މުސްތަގުބަލެއް އޮންނާނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ދިވެހި ބަހަށް އޮތީ ދަތިތަކާ ހުރަސްތަކެވެ. އެހެނަސް މިކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމްގެ ޚިޔާލު ތަފާތެވެ. ދިވެހި ބަހަކީ ފަހި މުސްތަގުބަލެއް އޮތް ބަހެއް ކަމަށް ޒުލްފާ ގަބޫލުކުރައްވައެވެ. އެއީ، ޒަމާނަށް އަންނަ ބަދަލުތަކާ އެކުގައި ޒުވާނުންނަށް ދިވެހި ބަސް އަހުލުވެރިކުރުވާ ޒުވާނުން ވެސް ތިބީމައެވެ.

މިސާލަކަށް ބަލާނަމަ، އޭއައި ބޭނުންކޮށްގެން އިނގިރޭސިން ލިޔެފައި ހުރި ލިޔުމެއް ކުޑަ ހިނދުކޮޅެއް ތެރޭ ތާނަ އަކުރަށް ތަރުޖަމާކޮށްދޭ މަންސަތައް މިހާރު އެބަހުއްޓެވެ. ދިވެހި ޖީޕީޓީއާއި ތާނަ އޭއައިއާއި އެތައް މަންސަތަކެކެވެ. އެންމެ ކަމެއް ދެ ކަމެއް ނޫނެވެ. ތަރުޖަމާކުރުމާއި އަޑުން ލިޔުމަށް ބަދަލުކުރެވުމާއި ސިޓީ، މަޒުމޫނު ފަދަ ލިޔުންތައް ވެސް އެބަ ލިޔެވެއެވެ.

ފަތްތޫރަތަކެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގިނަ ދިވެހީންނަށް ކުރެވިފައި އޮތް ޝައްކަކީ މިއީ ޒުވާނުންނަށް ކަމުދާ ބަހެއް ނޫން ކަމަށް ހީކުރެވުމެވެ. އެކަމަކު، އެއީ މުޅިން ހަގީގަތެއް ނޫނެވެ. އެހެންނަމަ، މިއަދު އެ މަންސަތަކެއް އީޖާދުވެފައެއް ނުހުންނާނެއެވެ.

ޒުލްފާ ވިދާޅުވީ، ޒުވާނުންގެ ތެރޭގައި އިނގިރޭސި ބަހާ ރައްޓެހިވިޔަސް އެ މީހުން ވެސް އެ މީހުންގެ މާދަރީ ބަސް ދެކެ ލޯބިވާ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ދިވެހި ބަހަކީ މުސްތަގުބަލު އޮތް، ޒުވާނުން މި ބަހަށް ލޯބިކުރާ، ބަހުގެ ތެރެއިން ކަންކަން ކުރެވޭނެ ޒަމާނީ ފަންނިއްޔާތާ ރައްޓެހި ބަހެއްގެ ގޮތުގައި. އޭއައި ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ކުރެވޭ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ކުރިއެރުންތައް ހުރިކަމަށް،" ޒުލްފާ ވިދާޅުވިއެވެ.

ބަހުގެ އެކަޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް ---- ފޮޓޯ/ ދިވެހިބަހުގެ އެކަޑަމީ

ޒުލްފާގެ އިތުރަށް ޝަހުމާގެ ޚިޔާލު ވެސް މިކަމުގައި އެއްގޮތެވެ. އެގޮތުން، ޒުވާނުންނަށް އެންމެ މަގުބޫލު އޮންލައިން މަންސަތަކުގައި ދިވެހިބަހުން ހިންގޭނެ ހަރަކާތްތައް އިތުރުކުރަން ޖެހޭ ކަމަށް ޝަހުމާ ގަބޫލުކުރައްވައެވެ.

އެކަމުގެ އިތުރަށް ބަހަށް އޮންނަ ލޯބި އެންމެންގެ ތެރޭގައި އާލާކޮށް، ދިރުވަން އެބަޖެހެއެވެ. ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ މުގައްގަރުގައި ވެސް ދިވެހި ބަހާއި ތާނަ އަކުރު ހިމެނޭ މިންވަރު އިތުރުކުރަން ޖެހެއެވެ. އެކަމަކު، އެއީ އެ ކުދީންނާ ގުޅޭ ޒަމާނީ ގޮތްތަކަށެވެ. އެނޫން ގޮތަކަށް އަދުގެ ޖީލަކަށް ބަހުގެ މުހިންމުކަން ވިސްނައެއް ނުދެވޭނެއެވެ.

މިއަދު މި ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ ބޭނުމަކީ ވެސް އެއީއެވެ. މި އަހަރުގެ ޝިއާރަކަށް 'އިސްކުރާނީ ދިވެހިބަސް' ކަނޑައެޅުމުގެ ފަހަތުގައި ވެސް އޮތީ ހަމަ އެ ސަބަބެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ، ޝިއާރު ކަނޑައެޅުމުގެ ސިއްރަކީ އަމިއްލަ ފަރުދުންނާ އެ ނޫން ގޮތްގޮތަށް އަމިއްލަ މާދަރީ ބަސް އިސްކުރުން ކަމަށެވެ. އަދުގެ ޖީލުގެ މެދުގައި މި ބަހުގެ މުއްސަނދިކަމާއި ތާރީޚު ހިފެހެއްޓުމަށެވެ. އޭރުން ޒުލްފާ އަދި ޝަހުމާ ވިދާޅުވި ފަދައިން ދިވެހި ބަހުގެ މުސްތަގުބަލު އުޖާލާވާނެއެވެ. އެ ކަމަށް ބޭނުންވަނީ ހުރިހާ ދިވެހީންގެ އަޒުމާއި ހިތްވަރެވެ.

comment ކޮމެންޓް