ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު, މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, މިއަދު އައިޖީއެމްއެޗްގައެވެ.
ވަހީދު އަވަހާރަ ވުމާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ބުނީ, މިއީ ލިބުނު ފުން ހިތާމައެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ގެއްލިގެން އެ ދިޔައީ ޤައުމީ ޚިދުމަތްތެރިއެއް. އަދަބުގެ މާހިރެއް. އެހީތެރި މުރުޝިދެއް. މަގުދެއްކެވި މުޝީރެއް. މިއީ ދިވެހި އަދަބީ އުދަރެހަށް ލިބުނު ބަނަކަމެއް," އެކެޑަމީން ބުންޏެވެ.
ވަހީދަށް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ވަހީދަށް, ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ އިންޑިއާގައި ފުރިހަމަކުރެއްވި ކޯހަކާ ގުޅިގެންނެވެ. ކޯސް ފުރިހަމަކުރެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ބޭރުގެ އެކިއެކި ޚަބަރުތައް އެކިއެކި ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން އެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތްޕުޅެވެ. އެ މަސައްކަތްޕުޅު ފެއްޓެވީ 1973 ވަނަ އަހަރެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އޭރު ނުކުތް ދުވަހު ނޫސް މޫންލައިޓަށް ވެސް ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ ފުރުޞަތު ލިބިވަޑައިގެން، އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.

މަޑުލު ވަހީދު, އެކެޑަމީގެ ފޮތް މައުރަޒެއް ހުޅުވައި ދެއްވަނީ-- ފޮޓޯ: ބަހުގެ އެކަޑަމީ
މަދުރަސީ ދައުރުގައި ވެސް ވަޙީދަކީ ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭރު ވަޙީދުގެ ލިޔުއްވުންތައް ފެނިގެން ގޮސްފައިވަނީ "ހޯރަފުށީ ވަޙީދު"ގެ ނަމުންނެވެ. ވަޙީދަކީ ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތައް ފޮރުވުމެއްނެތި ލިޔުއްވުމަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޚަބަރު ލިޔުއްވުމުގެ ތަމުރީނު ހޯއްދެވީ އިންޑިއާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިއާއިންނެވެ.
ޚަބަރު ލިޔުމުގެ ތެރެއިން ހުސްވަގުތުގައި ކުރުވާހަކަ ލިޔުއްވުމުގެ މަސައްކަތް ވެސް ވަޙީދު ފެއްޓެވިއެވެ. ވަހީދު ކުރިން ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވެފައިވާ ގޮތުން, އެކަން އާންމުގޮތެއްގައި އޭނާ ކުރައްވަނީ ދަންވަރުގެ ވަގުތުގައެވެ. މީހުން ދައްކާ އެކި ވާހަކަތަކުން ޚިޔާލު ލިބިވަޑައިގެން، ކުދިކުދި ކަންތައްތައް، ކުރު ވާހަކައެއްގެ ހާދިސާއަކަށް ބަދަލުކުރައްވައިގެން ލިޔުއްވަމުން ގެންދެވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރު ވާހަކަތައް، ފޮތްފޮތުގެ ގޮތުގައި ނެރުއްވަން ފެއްޓެވިއެވެ. އަދި، ފޮތްތައް ނެރުއްވަން ފެއްޓެވުމުން އެ ވާހަކަތަކަށް ލިބިވަޑައިގެންނެވި ފާޑުކިޔުންތައްވީ، ވާހަކަތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެއްވުމަށް ލިބިވަޑައިގެންނެވި ހިތްވަރަކަށެވެ.
ވަޙީދު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، "އިސްލާމީ އަދަބު އަޚްލާޤު", "ދޭހައިގެ އަތްމަތީ ފޮތް", "ޙަޔާތުގެ ހަދިޔާ", "ހަރުދަނާ ޝަޚްޞިއްޔަތު", "ހަލީސާ", "ހަދިޔާ 2", "ދިރިއުޅުމުގެ ރަހަތައް", "ދިވެހިރާއްޖޭގެ ފަތުރުވެރިކަން", "ކިޔަވާށެވެ. އަދި ވިސްނާށެވެ." ހިމެނެއެވެ.
ވަޙީދުގެ ކުރު ވާހަކަތައް ވެސް، ފޮތްތަކަކަށް އެއްކުރައްވައި ނެރުއްވާފައިވެއެވެ. ވަޙީދު ލިޔުއްވާފައިވާ ގިނަ މަޒުމޫނުތަކުގެ ތެރޭގައި، އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ލިޔުއްވާފައިވާ މަޒުމޫނުތަކާއި، އަދަބީ މައުޟޫއުތަކަށް ލިޔުއްވާފައިވާ މަޒުމޫނުތައް ހިމެނެއެވެ. ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރެއިން މަޝްހޫރުވެފައިވާ ވާހަކަތަކުގެ ތެރޭގައި، ''ނުކުޅެދޭ އަސަރު", "ސަކީނާގެ ހިތްދަތިކަން", "އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި", "ނަފްސަށްވެވޭ ހަމްދަރުދީ", "މައެއްގެ އަސަރު" "ފުނޑުފުނޑުވި ހުވަފެން", ފަދަ ވާހަކަތައް ހިމެނެއެވެ.
ވަޙީދު ވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން އެޗްސީޕީ ބެލް އިނގިރޭސިބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށް ތަރުޖަމާކުރައްވައި ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރައްވާފައެވެ. އިޖުތިމާއީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޔުނެސްކޯގެ އެހީއާއެކު ފެށި ރޭޑިއޯ ސިލްސިލާ ޕްރޮގްރާމް ''ރޭޑިއޯ ހަވީރު'' ލިޔެ އުފެއްދުމުގައި ވަޙީދު މުހިންމު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ. އަދި، ޓީވީ މޯލްޑިވްސްއިން ޢާންމުން ހޭލުންތެރިކުރުވުމަށް ފޮނުއްވި ސިލްސިލާ ޕްރޮގްރާމް ''ކައްތިރި'' ލިޔުއްވުމުގައި ވެސް ވަޙީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މަޑުލު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ. ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ބޭރު ޚަބަރުލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، ޑިރެކްޓާ ޖެނެރަލްކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ނުރަސްމީ ތަޢުލީމުދޭ ބައިގެ މުދައްރިސްކަމުގެ މަޤާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަޤާމާއި، ޚާއްޞަ މުޝީރުކަމުގެ މަޤާމު ހިމެނެއެވެ.
މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، 2019 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެއެވެ.
ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ވަހީދު ވަނީ 50 އެއްހާ އަހަރު ޚިދުމަތް ކުރައްވައިފައެވެ.
ލިޔުންތެރިއެއްގެ އިތުރުން ވަހީދަކީ ވަރަށް ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ދައުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެއް ޚިދުމަތް ކުރެއްވެވިއެވެ. އަދި، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގުމަށް އުފެއްދެވި, މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ޗެއާމަންކަން ވެސް ކުރެއްވެވިއެވެ.