އޭޖީއަށް ބިލުތައް ނުފޮނުވި، މަޖިލީހުގައި މަސައްކަތެއް ނެތުމުގެ ކަންބޮޑުވުން

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: އޭނާ ވަނީ އޭޖީއަށް މަޖިލީހަށް ފޮނުވަންޖެހޭ މަސައްކަތްތައް ނުފޮނުވި، ތަޅުމުގައި މާ ބޮޑު މަސައްކަތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި --- ފޮޓޯ/ މަޖިލީސް

ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލުތަކާއި މަސައްކަތްތައް ނުފޮނުވުމުގެ ސަބަބުން މަޖިލިސް ތަޅުމުގައި މާ ބޮޑު ފަންނީ މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ ހަފުތާގައި ވެސް އޮތީ ހޯމަ ދުވަހުގެ ޖަލްސާ އެކަންޏެވެ. އަންގާރަ އަދި ބުދަ ދުވަހުގެ ޖަލްސާ ވެސް އެޖެންޑާކުރާނެ މާ ބޮޑު މަސައްކަތެއް ނެތުމާ އެކު ކުރީ ކެންސަލެވެ. އެ ކަމާ ގުޅިގެން މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ (ޕީޖީ) ލީޑަރުން ވިދާޅުވީ، ޖަލްސާ ނެތަސް ކޮމިޓީތަކުގެ މަސައްކަތްތައް ހިނގާ ކަމަށެވެ. ނަމަވެސް، އެޖެންޑާކުރި ގިނަ ކޮމިޓީތައް ވެސް ކެންސަލްވިކަން ފާހަގަކުރެވެއެވެ.

https://sun.mv/204559

އެއާއެކު މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތެވެ. އެ ކަމާ ގުޅިގެން ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ރައްޔިތުންގެ މަޖިލީހުގަ މި ވަގުތު މި ނޫން ކަމެއް، ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުން ނޫން ކަމެއް ނޯންނާތީ އެ ކަންބޮޑުވުން އަޅުގަނޑު ވެސް އޮންނާތީ އަޅުގަނޑު ވެސް ފާހަގަކޮށްލީ،" ޒިޔާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުންނާ ނުވެސް ބެހޭ ކަމަކާ ހަވާލުވެ، އެ ތަނުގައި ތިބެނީ ކީއްވެތޯ ޒިޔާދު ވަނީ ސުވާލު އުފައްދަވައިފައެވެ. ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ ސަރުކާރުން ދައުލަތުގެ ބަންޑާރަނައިބަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ މަސައްކަތްތައް ނުފޮނުވިގެން އުޅުއްވަނީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް ވެސް ބިލު ހަދައި ހުށަހެޅުމުގެ ގާނޫނީ ބާރު އެބައޮތް،" ޒިޔާދު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ވައުދުތައް ފުއްދެވުމުގެ ގޮތުން 200އެއްހާ ގާނޫނަށް އިސްލާހު ގެންނަވާނެކަމަށް ވިދާޅުވިކަން ޒިޔާދު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމްޑީޕީއަށް އެ ފަހުމުވާން ދަތިވަނީ އެ ބުނާ ވައުދުފުޅުތައް ވެސް ރަނގަޅަށް ފަހުމުނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ސަރުކާރަަށް ނިސްބަތްވާ މެންބަރުންނަށް އެކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަށްވުރެ ބޮޑަށް [މެންބަރުން] ޒިންމާ ނަގަން އެބަޖެހޭ،" ޒިޔާދު ވިދާޅުވިއެވެ.

ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ފޮޓޯ/ މަޖިލިސް

ޒިޔާދުގެ ވާހަކަތަކަށް ރައްދުދެއްވައި ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، މިހާ ހިސާބަށް 20 ވަނަ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ގައުމަށް ވަރަށް ފައިދާ ހުރި އަދި ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެއީ، ވަރަށް މުހިންމު ގާނޫނުތަކަކަށް އިސްލާހު ގެނެސް އަދި ވަރަށް މުހިންމު ގާނޫނުތަކެއް ތައާރަފު ވެސް ކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ލިބުނު ދެ ޗުއްޓީގައި ވެސް އަޅުގަނޑުމެން ވާނީ ޗުއްޓީގެ ދެބައިކުޅަ އެއްބައި، މަސައްކަތް މި މަޖިލީހުގައި ހުރީމާ ނުކުމެ މަސައްކަތް ކޮށްފައި. ޗުއްޓީގެ 50 ޕަސެންޓު މަސައްކަތް ކޮށްފައިވާނީ،" ޒިޔާދުގެ ވާހަކައަށް ރައްދު ދެއްވައި ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒިޔާދު ވެސް އެ ދުވަހު ޗުއްޓީގައި ހުންނަވައި މަސައްކަތަށް ނުކުމެވަޑައިގެންނެވި ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ނުސީދާކޮށް ނަމަވެސް އެއްޗެއް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މަޖިލީހުގައި ކޮމިޓީތަކުގެ މަސައްކަތްތައް ވެސް އެބަހުރި ކަމަށެވެ. އަދި، މިއަދަށް އެޖެންޑާކޮށްފައިވާ ކޮމިޓީތައް އެ މަނިކުފާނު ވަނީ ތަޅުމުގައި ހާމަކޮށްދެއްވައިފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ޖަލްސާގެ އެޖެންޑާގައި އިތުރު ކަމެއް ނެތުމާ އެކު މިއަދުގެ 11:00ގައި ވޯޓަށް އަހާގޮތަށް ޖަލްސާ ވަނީ މެދު ވެސް ކަނޑާލައިފައެވެ.

ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ހޯމަ ދުވަހު ފެށިއިރު އެ ދުވަހުގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. ނަަމަވެސް، އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް ހުށަހެޅިއެވެ. އެ ކުއްލި މައްސަލަ ބަލައިނުގެން ނަމަވެސް ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފިއެވެ. މީކާއިލް ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީސް މުލިއާގޭ ކައުންޓަރަށް ބަދަލުވީމައި ވާގޮތް ކަމަށެވެ.

އެއީ ދުވަހަކު ވެސް މީގެ ކުރިން ކަންކުރާ ގޮތެއް ނޫން ކަމަށާއި މިހާރު ޖަލްސާތަކުގެ އެޖެންޑާތައް ގިނަ ފަހަރަށް ލިބެނީ ދަންވަރުގެ ވަގުތުގައި ކަމަށް ވިދާޅުވެ މީކާއިލް ނުރުހުން ފާޅުކުރެއްވިއެވެ.

comment ކޮމެންޓް