އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހަކު އެތެރެވުން ނުހުއްޓުވޭނެ: އިމިގްރޭޝަން

އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު ކައިރީގައި ބިދޭސީން: އިމިގްރޭޝަނުން ބުނީ އިޒްރޭލު މީހަކު ރާއްޖެ އެތެރެވާން އެހެން ގައުމެއްގެ ޕާސްޕޯޓެއް ދެއްކިޔަސް ނޭނގޭނެ ކަމަށް -- ފޮޓޯ/ އިމިގްރޭޝަން

އެހެން ގައުމެއްގެ ސިޓިޒަންޝިޕް ނުވަތަ ރަށްވެހިކަން އޮތް އިޒްރޭލުގެ ރައްޔިތަކު ރާއްޖެ އެތެރެވާން އައިސް އެ ގައުމެއްގެ ޕާސްޕޯޓު ދެއްކި ނަމަވެސް، އެ މީހަކީ ޑުއަލް ސިޓިޒަންޝިޕެއް އޮތް މީހެއްކަން ނުބެލޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެ ނިންމުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.

އޭގެ ފަހުން އެ ބިލުގެ މަސައްކަތް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައި 'ތާށިވެފަ'އެވެ.

އިދިކޮޅު މެންބަރުން އަންނަނީ އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެކަން އެހެން އޮއްވައި މިދިޔަ ހަފުތާގައި ވެސް އެ މައްސަލަ އަވަސްކުރަން ގޮވާލައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު، މައުރޫފް ޒާކިރު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެ މައްސަލަ ވެސް ބަލައެއްނުގަތެވެ.

އެއަށް ފަހު މިއަދުގެ 241 ކޮމިޓީގައިވަނީ އެ މައްސަލަ އެޖެންޑާކޮށްފައެވެ.

241 ކޮމިޓީގެ ބައްދަލުވުމެއްގައި -- ފޮޓޯ/ މަޖިލިސް

ކޮމިޓީގައި ބިލުގެ ފުރަތަމަ މާއްދާއަށް އިމިގްރޭޝަނުން ހުށަހަޅާފައިވާ އިސްލާހު ވަނީ އިއްވާފައެވެ.

އިމިގްރޭޝަނުން ހުށަހެޅީ "ރާއްޖެ އެތެރެވުމުގެ ހުއްދައަށް އެދި އިޒްރޭލުގެ ޕާސްޕޯޓު ހުށަހަޅާ މީހުން"، އެފަދައިން އިސްލާހުކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކުރީ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭއިރު އެ މީހެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ މީހަކު އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަކަށް ކަމަށެވެ. އެއީ، ރާއްޖެ އެތެރެވާ ބިދޭސީއަކީ ޑުއަލް ސިޓިޒަންޝިޕެއް ނުވަތަ ދެ ގައުމަކަށް ނިސްބަތްވާ މީހެއްކަން އިމިގްރޭޝަނަށް ކަށަވަރުކުރެވެން ނޯންނާނެތީ ކަމަށް ބުންޏެވެ. އެހެންވެ، އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް އެކަން ތަންފީޒުކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ވަނީ ބުނެފައެވެ.

ބިލުގައި އޮތީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލުގެ މީހުންނަށް ކޮންމެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އައި ނަމަވެސް ރާއްޖެ ނުވަދެވޭ ގޮތް ހެދުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާނެ ކަމަށް ޕީއެންސީން މީގެ ކުރިން ބުންޏެވެ. އަދި، އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަންވާނީ އިމްޕެކްޓް އެސެސްމަންޓް ހަދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1،435 މީހަކު ރާއްޖެ ޒިޔާރަތްކުރިއެވެ.

މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 62,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި ގާތްގަނޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.

އިޒްރޭލާއި ހަމާސްއިން ކުރި ހަނގުރާމަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު މެދުކަނޑާލި ނަމަވެސް އަލުން ހަނގުރާމަ ވަނީ ފަށައިފައެވެ.

comment ކޮމެންޓް