ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރުމަށް މައިކްރޯސޮފްޓުން އިންޒާރުދީފި

ވިންޑޯސް 10 ވެފައިވަނީ މިހާތަނަށް އެންމެ ގިނަބަޔަކު ބޭނުންކުރި އޯއެސްގެ ގޮތުގައި ---

ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރެވޭ ފެންވަރުގެ ހާޑުވެއާ ހުރި ޑިވައިސްތައް މިހާރުން މިހާރަށް ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރުމަށް މައިކްރޯސޮފްޓުން އިންޒާރު ދީފިއެވެ.

ވިންޑޯސް 10 ގެ ޚިދުމަތް ނިމުމަކަށް އަންނަން ހަ މަސް ދުވަސް ބާކީ އޮށްވައި، މައިކްރޯސޮފްޓުން ދިން މި އިންޒާރަކީ މިހާތަނަށް ދީފައިވާ އެންމެ ނުރައްކާތެރި އެއް އިންޒާރު ކަމަށް ތަހްލީލުކުރާ ފަރާތްތަކުން ބުނެއެވެ.

ވިންޑޯސް 10 ބޭނުންކުރާ 750 މިލިއަން ޔޫޒަރުންނަށް އަމާޒުކޮށް މައިކްރޯސޮފްޓުން ބުނެފައިވަނީ އެންމެ ފަހު ވަގުތާ ހަމައަށް ބަލަން ނުތިބުމަށް އެދޭ ކަމަށެވެ.

މައިކްރޯސޮފްޓުން ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު 14 ގައި ވިންޑޯސް 10ގެ ޚިދުމަތް ނިމުމަކަށް އަންނާނެއެވެ. އޭގެ ފަހުން ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭނީ އިތުރު ފީއެއް ދައްކައިގެން އެކްސްޓެންޝަން ހޯދާ ފަރާތްތަކަށް އެކަންޏެވެ.

ވިންޑޯސް 11 އަށް އަޕްގްރޭޑް ނުކުރެވޭ ފަރާތްތަކުން އައު ކޮމްޕިއުޓަރެއް ގަތުމަށް ނުވަތަ ރީސައިކަލް ކުރުމަށް މައިކްރޯސޮފްޓުން ލަފާދީފައިވެއެވެ.

ފާއިތުވި މަސް ތަކުގައި ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، އޭޕްރީލް މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 53 އިންސައްތަ ޔޫޒަރުން އަދިވެސް ބޭނުންކުރަނީ ވިންޑޯސް 10 އެވެ. މިއީ ގާތްގަނޑަކަށް 750 މިލިއަން މީހުންނެވެ. މީގެ ތެރެއިން 240 މިލިއަން މީހުންގެ ކޮމްޕިއުޓަރުތަކުގައި ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރެވޭވަރުގެ ހާޑްވެއާ ނެތް ކަމަށް ލަފާ ކުރެވެއެވެ.

އޮކްޓޯބަރު 14 އާ ކައިރިވަމުން އަންނަ ވަރަކަށް ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މައިކްރޯސޮފްޓުން ފަހުން ދީފައިވާ އަޕްގްރޭޑް އިއުލާނަކީ ވިންޑޯސް 10 އިން ވިންޑޯސް 11 އަށް ގިނަ ބަޔަކު ބަދަލުވާން މަޖުބޫރުކުރުވާނެ ކަމެއް ނޫން ކަމަށް ބެލެވެއެވެ. މީގެ ބަދަލުގައި، "ރިކޯލް" ނަމަކަށް ކިޔާ އައު ފީޗާއެއް އަނބުރާ އައިސްފައިވެއެވެ. މިއީ ކޮމްޕިއުޓަރުގައި ކުރާ ހުރިހާ ކަމެއް ހަނދާން ބަހައްޓާ ސްކްރީންޝޮޓް ނެގުމުގެ ފީޗާއެކެވެ.

މި ފީޗާ ފުރަތަމަ ތައާރަފުކުރިއިރު ވަރަށް ބޮޑަށް ފާޑުކިޔުމާ ކުރިމަތިވިއެވެ. އަދި ޕްރައިވަސީ ރައްކާތެރިކަމާއި އޮޕްޓް-އައުޓް އޮޕްޝަންތައް އިތުރުކޮށްފައި ވީނަމަވެސް، އަދިވެސް މިކަމާމެދު ކަންބޮޑުވުން އެބަހުއްޓެވެ.

މި ފީޗާ ފުރަތަމަ ތައާރަފުކުރެވޭނީ އިންސައިޑާ ޕްރިވިއުއެއްގެ ގޮތުގައެވެ. އަދި މި ފީޗާ ބޭނުންކުރުމަށް ހާޑްވެއާ އަޕްގްރޭޑް ކުރަން ޖެހެއެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ، ރިކޯލް އެނޭބަލްކޮށްފައިވާ މީހަކާ މުޢާމަލާތްކުރާނަމަ ނުވަތަ އެއްޗެއް ޙިއްޞާކުރާނަމަ، އަމިއްލައަށް ރެކޯޑް ނުކުރި ނަމަވެސް، އެ މީހާ އެކަން ރެކޯޑްކޮށްފާނެ ކަމެވެ.

މައިކްރޯސޮފްޓުން ވިންޑޯސް 10ގެ ޚިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ އޮޕަރޭޓިން ސިސްޓަމްތައް އަޕްޑޭޓްކޮށް، ސެކިއުރިޓީ ރަނގަޅުކުރުމުގެ ގޮތުންނެވެ. ވިންޑޯސް 10 ވަނީ 2015 ވަނަ އަހަރު ތަޢާރަފުކޮށްފައެވެ. އަދި މިހާތަނަށް ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމްގެ ގޮތުގައި ވެފައެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، މައިކްރޯސޮފްޓުން ވަނީ 2021 ވަނަ އަހަރު ވިންޑޯސް 11 ތަޢާރަފުކޮށްފައެވެ. އައު ވާޝަނަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން، ވިންޑޯސް 10 ގެ ސަޕޯޓް ހުއްޓާލުމަށް ނިންމާފައިވަނީ ގިނަ ބަޔަކު އަދިވެސް ވިންޑޯސް 10 ބޭނުންކުރަމުންދާތީއެވެ. މި ކަމުން ބޮޑެތި ސެކިއުރިޓީ ރިސްކްތަކެއް ކުރިމަތިވެދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.

comment ކޮމެންޓް