އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި މަޝްވަރާކުރުމަށްފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މައްސަލަ މިއަދު ނިންމާނެކަމަށް ކޮމިޓީން ބުނެފިއެވެ.
އެތައް ދުވަހެއް ވަންދެން އެ މައްސަލަ 241 ކޮމިޓީގައި 'ޕާކު'ކޮށްފައި އޮތުމަށްފަހު މިއަދު ވަނީ އެޖެންޑާކޮށްފައެވެ.
ކޮމިޓީގައި ބިލުގެ ފުރަތަމަ މާއްދާއަށް އިމިގްރޭޝަނުން ހުށަހަޅާފައިވާ އިސްލާހު ވަނީ އިއްވާފައެވެ. އިމިގްރޭޝަނުން ހުށަހެޅީ "ރާއްޖެ އެތެރެވުމުގެ ހުއްދައަށް އެދި އިޒްރޭލުގެ ޕާސްޕޯޓު ހުށަހަޅާ މީހުން"، އެފަދައިން އިސްލާހުކުރުމަށެވެ.
ސަބަބެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކުރީ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭއިރު އެ މީހެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ މީހަކު އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަކަށް ކަމަށެވެ. އެއީ، ރާއްޖެ އެތެރެވާ ބިދޭސީއަކީ ޑުއަލް ސިޓިޒަންޝިޕެއް ނުވަތަ ދެ ގައުމަކަށް ނިސްބަތްވާ މީހެއްކަން އިމިގްރޭޝަނަށް ކަށަވަރުކުރެވެން ނޯންނާނެތީ ކަމަށް ބުންޏެވެ. އެހެންވެ، އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް އެކަން ތަންފީޒުކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ވަނީ ބުނެފައެވެ.
ބިލުގައި އޮތީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލުގެ މީހުންނަށް ކޮންމެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އައި ނަމަވެސް ރާއްޖެ ނުވަދެވޭ ގޮތް ހެދުމަށެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް
އެއަށްފަހު ކޮމިޓީ ކުރިއަށް ގެންދިޔައީ މައިކުގެ އަޑު ކަނޑާލައިގެން ކަމުން ކޮމިޓީގައި މަޝްވަރާކުރި ކަންތައްތަކެއް ނޭނގެއެވެ.
ނަމަވެސް ކޮމިޓީ ނިންމާލަމުން ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ދައުލަތުގެ މައްސަލައިގައި ކުޑަ ތައާރަޒުވުމެއް އުޅޭތީ އެކަމާ މެދު ބަންޑާރަ ނައިބާ މަޝްވަރާކުރުމަށް ފަހު މިއަދުގެ ދޭއް ޖަހާއިރު އިތުރު ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
"އިތުރު ކޮމިޓީއެއް ވާހަކައަކީ ދޭއް ޖަހާއިރު އޮންނާނޭ. އެހެންވީމަ އެ ކޮމިޓީގައި އަޅުގަނޑުމެން މީތި ނިންމާލާ ގޮތަށް. އިނގޭތޯ. ޕާސްޕޯޓު މިއޮތީ މަނާކުރާ ގޮތަށް،" ސަލީމް ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެ ނިންމުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.