ވެންޓިލޭޓަރު ޚިޔާނާތް: ދުބާއީ ކުންފުންޏާ ދެކޮޅަށް ހީލަތުގެ ދައުވާކުރަން އެދެފި

ވެންޓިލޭޓަރު މައްސަލަ ފެންމަތިވިއިރު ވެރިކަމުގައި ހުންނެވި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދޭން އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ބޭނުންވި ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުން ހެދީ އޭޕްރީލް 2، 2020 ގައެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ މީހުންނާ ދެކޮޅަށް އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދައުވާ އުފުލިފައިނުވާ ކަމަށެވެ. އެންމެ ފަހުން އެނގެން އޮތީ، އެ މައްސަލަ އެހެން އޭންގަލްއަކުން ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އެންގެވިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް އެކަން ކުރި މީހުންނަކަށް [ދައުވާއެއް] ނުކުރެވުނު،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ދުބާއީ ކުންފުނިން ދިވެހި ސަރުކާރުން ދެ މިލިއަން ޑޮލަރު އަތުލާފައި ތަކެތި ނުފޮނުވި މައްސަލައިގައި މަކަރާއި ހީލަތުގެ ތަހުގީގެއް ކުރަން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އާބިޓްރޭޝަނަށް ގޮސްގެން މަދަނީ ގޮތުން ދައުވާކޮށްގެން އެ ފައިސާ އަނބުރައިނުހޯދޭނެކަން އެނގެން އޮތް ކަމަށެވެ.

ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ޖިނާއީ ތަހުގީގެއް ކޮށްދޭން ފުލުހުގައި އެދިފައިވާ ކަމަށް -- ފޮޓޯ/ މަޖިލިސް

"އެ މީހާ އައިޑެންޓިފައިއެއް ވެސް ނުވި. ވީތަނެއް ވެސް ނޭނގޭ. ހަމަ ގައިމު ވެސް ޖިނާއީ މައްސަލައެއް ގޮތުގައި ރެޑްނޯޓިސް ދޭ ހިސާބުން އެ މީހާ އަޅުގަނޑުމެންނަށް އަތުވާނެ ނޫންތޯ،" ނާޒިމް ވިދާޅުވިއެވެ.

"އެ މީހާ އަތުވީމާ، އެ މީހާ އެ ފައިސާއަށް ހެދި ގޮތަކާއި އެ ފައިސާއަށް ރިޝްވަތުގެ ގޮތުގައި ވެސް އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ދިނިއްޔާ އެއެއް އެނގޭނެ ދެއްތޯ. ޓްރޭސް ވެސް ކުރެވޭނެ. އެހެންވެ، އެކަން ކުރިއަށް ގެންދަން އަޅުގަނޑުމެން އެ އޮތީ ފުލުހުގައި ދަންނަވާފައި،"

ވެންޓިލޭޓަރު ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އާބިޓްރޭޝަން މެދުވެރިކޮށް ވެސް މަސައްކަތްކުރިއެވެ.

އެ ގޮތުން، ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32.5 މިލިއަން ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދަން ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.

އާބިޓްރޭޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީގައި ނިންމީ، ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރާއި އެ ފައިސާ ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދައްކަން ވަނީ އަންގައިފައެވެ. ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީޚުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދައްކަން ޖެހޭ ކަމަށް ވެސް ވެސް ވަނީ ކަނޑައަޅައިފައެވެ.

އެހެންވެ، އެ ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 34.5 މިލިއަނަށް އަރާނެއެވެ.

https://sun.mv/189171

އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައިވީ ނަމަވެސް ފޯރުކޮށްދީފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެ ތަކެތި ގަތުމަށް ޚަރަދުކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.

އެ މައްސަލައިގައި އޭސީސީން މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން ދައުވާކުރަން ފޮނުވައިފައެވެ. އެކަމަކު، އުންސުރުތައް ހަމަނުވާ ކަމަށް ބުނެ، ކޮންމެ ފަހަރަކު ވެސް ޕީޖީން ވަނީ އެ މައްސަލަ އަނބުރާ އަލުން ތަހުގީގުކުރަން ފޮނުވާލައިފައެވެ.

އޭރު ދައުވާ އުފުލީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި އެ މިނިސްޓަރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމް އަދި، އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުުންނެވި ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށެވެ.

ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހަތަރު ފަހަރެެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ.

އެހެންވެ، އެ ކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ.

comment ކޮމެންޓް