އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި ސަރުކާރުން އިއުލާނުކުރިތާ 316 ދުވަސް ފަހުން، ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން މިއަދު ނިންމައިފިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
ސަރުކާރުން އެކަން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ. އެހެންވެ، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ.
އެ ބިލުގެ މަސައްކަތް ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެސް އެތައް ފަހަރަކު ހުށަހެޅިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ޕާސްޕޯޓު މަނާކުރާ ބިލަށް ވޯޓަށް އަހަނީ: ކޮމިޓީން ނިންމީ ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން -- ފޮޓޯ/ މަޖިލިސް
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދު ވަނީ ބިލަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ ގޮތުން، އޭނާ ވަނީ އޮކްޓޫބަރު 7، 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ހުށަހަޅާފައެވެ.
އަދި، އޭނާ ވަނީ އިޒްރޭލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ވެސް ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އެ ބިލުގައި އޮތް މާއްދާ އުނިކުރަން ހުށަހަޅާފައެވެ. ދެ އިސްލާހަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ.
އިސްލާހުތަކާ އެކު ބިލު ފާސްކުރަން ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން އެތެރެވުން މަނާނުކުރަން ނިންމާފައިވަނީ އެއީ ތަންފީޒުކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވެސް ކޮމިޓީގައި މިއަދު ބުނެފައި އޮއްވައެވެ. އިމިގްރޭޝަނުން ވަނީ އެ އިދާރާއަށް މީހަކު ރާއްޖެ އެތެރެވާން ހުށަހަޅާ ޕާސްޕޯޓު ނޫން އިތުރު ޕާސްޕޯޓެއް އޮވޭތޯ ނުބެލޭނެ ކަމަށް ބުނެފައެވެ.
މަޖިލީހުގެ ކޮމިޓީން އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ނިންމާފައި މި ވަނީ އެކަން ކުރަން ނިންމައި، ސަރުކާރުން އިއުލާނުކުރިތާ 316 ދުވަސް ފަހުންނެވެ.
އެ ކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީން ކުއްލި މައްސަލަ ވެސް އެކި ފަހަރުމަތިން ހުށަހެޅިއެވެ. އަދި، ލަސްވާ ސަބަބު ސާފުކުރެއްވުމަށް މެންބަރު މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސީޓީއެއް ވެސް ފޮނުއްވިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. ޕީއެންސީން މީގެ ކުރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރާތީ ކަމަށް ވެސް ވިދާޅުވެފައެވެ.