ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ހިމެނޭ ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދަށް ދައުވާކުރަން އިއްޔެ ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަންނަން ކުންފުނީގެ އުސޫލުތަކާ ޚިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެއް ކަމަށެވެ.
އޭސީސީގެ ބަޔާނުގައިވާ ގޮތުން، ކައިޒާންގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައިވަނީ، އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުންހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައި ވަނިކޮށެވެ. އަދި މާމެންޑުގައި ފިޝަރީސް މިނިސްޓްރީއާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައި ވެސް ވަނިކޮށެވެ.
"ސައީދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތު ދީފައެވެ. މިގޮތުން، ކައިޒާން އިންވެސްޓްމެންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަލަދުވާނެ ކަމަށް ދޮގު މައުލޫމާތު ދީފައިވެއެވެ." އެ ބަޔާނުގައިވެއެވެ.
އޭސީސީން ބުނީ، އެ އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅައިފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެފަދަ ވެލުއޭޝަން ހެދުމުގެ ގާބިލްކަން ފެނަކައިގެ ހުރި ނަމަވެސް މާކެޓް ވެލިއު ހޯދުމުގެ ބަދަލުގައި، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް، އޮޅުވާލައިފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް ދެ ކުށެއްގެ ދައުވާ ކޮށްދިނުމަށް އޭސީސީން ވަނީ އެދިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއް ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައެވެ. އެކަމަކު، އޭރު ސައީދު އަންނަނީ އެ ތުހުމަތުތައް އިންކާރުކުރަމުންނެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަސް ތެރޭގައި ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އަދި ފެނަކައިގެ އެހެން މައްސަލައެއްގައި، މިދިޔަ ޑިސެމްބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.
އޭނާއާއި ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
އެ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.