މޫދުބުޅާ ޑައިވް ސެންޓަރުގެ މުވައްޒަފުންތަކަކާއި އެ ތަނުގެ ވެރިޔާ، ޒޫނާ ނަސީމް (ޒޫންޓި)އަށް ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއް ކުރަމުން އަންނައިރު، އެ ތުހުމަތުތަކަށް މިއަދު އޭނާ ރައްދު ދީފިއެވެ.
"ބޮކްސް ފިޝް ފައިލްސް"ގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ ހޭންޑަލްއަކުން އަންނަނީ، އެ ސެންޓަރުގެ ޑައިވަރުންތަކެއް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމަށްބުނެ، ހާދިސާތަކެއްގެ ވާހަކަ ހިއްސާކުރަމުންނެވެ. އެގޮތުން 15 އަހަރާއި 35 އަހަރާ ދެމެދުގެ 14 ވިކްޓިމްއެއްގެ ބަޔާންތައް ކަމަށް ބުނެ، ބަޔާންތަކެއް އާންމުކޮށްފައިވެއެވެ.
އޭގެ ތެރޭގައި، މޫދުބުޅާ ޑައިވް ސެންޓަރުގައި އިންސްޓްރަކްޓާ ޑިވަލޮޕްމަންޓް ކޯސް (އައިޑީސީ) ހަދަމުންދިޔަ 18 އަހަރުގެ ޒުވާނަކަށް އެ ތަނުގެ ޑައިވަރުން ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް ހިމެނެއެވެ.
ޒޫންޓިގެ ހާޒިރުގައި އެތައް ފަހަރަކު މި ކަން ހިނގި ކަމަށާއި، އެ ތަނުގެ ގިނަ ޑައިވަރުންނަށް ވެސް މި ކަން އެނގޭނެ ކަމަށް އެ ޓްވިޓާ އެކައުންޓުން ބުނެއެވެ. އެހެން ނަމަވެސް އެ މައްސަލަ ޑައިވް ސެންޓަރުގެ ފަރާތުން ރިޕޯޓުކޮށްފައިނުވާ ކަމަށާއި، ޒޫންޓިގެ ފަރާތުން ވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންތަކަކަށް ކުރިޔަށް ގެންދިޔަ "ބަބްލްމޭކާ" ސެޝަނެއްގައި ވެސް ބޭއަދަބީ ވާހަކަތަކެއް ދެކެވުނު ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޒޫންޓިގެ ފަރާތުން ނެރުނު ބަޔާނެއްގައިވަނީ، ކެފޭއެއްގެ ތެރޭގައި ބައެއް ޑައިވަރުން ބޭއަދަބީ ވާހަކަތަކެއް ދެއްކި މައްސަލައެއް 2023ގައި ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ ވާހަކަތައް ދެކެވުނު ދަނޑިވަޅުގައި، އެ ވާހަކަތައް ރައްދުވާ ފަރާތް އެތަނުގައި ނެތް ކަމަށާއި، އެއީ އެ ސެންޓަރުގެ މުވައްޒަފުން ނޫން ކަމަށް ޒޫންޓިވަނީ ބުނެފައެވެ. އެ ކެފޭގައި ތިބި އިތުރު މީހުންގެ ކިބައިން ކަންވީ ގޮތް އޮޅުންފިލުވުމަށްފަހު، އެ ބޭއަދަބީ ވާހަކަތައް ދެއްކީ ސީދާ ކޮން ބައެއްކަމާއި ކަމާއި، އެ މީހުން ދެއްކި ބޭއަދަބީ ވާހަކަތައް ވެސް ސާފުނުވި ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި އިތުރު އެއްވެސް ޝަކުވާއެއް ލިބިފައިނުވާއިރު، އޭގެ ފަހުން އެ ފަދަ އިތުރު މައްސަަލައެއް ސަމާލު ކަމަށް އައިސްފައިނުވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ފަހުން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެކެވި، ރޭޕުގެ މައްސަލައެއްގައި، މުދޫބުޅާއިން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ޒޫންޓި ބުނީ، އެ ފަދަ އެއްވެސް ތަހުގީގެއް ކުރަމުންދާކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ތުހުމަތުތަކުން ކަމަށާއި، މި މައްސަލައިގައި ފުލުހުން، ނުވަތަ ކަމާގުޅޭ އެއްވެސް ފަރާތަކުން ވެސް އޭނާއާ ހަމައަށް އައިސްފައިނުވާ ކަމަށެވެ.
މި ފަހުން ޒޫންޓިއާއި އޭނާގެ ޑައިވް ސެންޓަރަށް ޓާގެޓުކޮށްގެން، ސޯޝަލް މީޑިއާގައި ދޮގު ތުހުމަތުކެއް ކުރެވެމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން ޑައިވަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަން އޭނާ ހާމަކޮށްފައިވެއެވެ.
އެ ޑައިވް ސެންޓަރަށް ޖިންސީ ފުރައްސާރައިގެ ޝަކުވާތަކެއެއް ހުށަހެޅިފައި ނެތްއިރު، އެ ތަނާ ގުޅުވައި ދެކެވެމުންދަނީ ދެރަ ވާހަކަތަކެއް ކަމަށް ޒޫންޓި ބުންޏެވެ.
މި ތުހުމަތުތައް ދޮގުކޮށް އޭނާ ބުނެފައިވަނީ ތުހުމަތުތަކުގެ މައްސަލައިގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ނަމަ، އޭނާއަށް ނުވަތަ ޑައިވް ސެންޓަރާ ހަމައަށް އެ ކަން ގެނެސްދިނުމަށް އެދޭ ކިޔާ ކަމަށެވެ. އެއާއެކު އެ ޝަކުވާއެއް ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
މޫދުބުޅާ ޑައިވް ސެންޓަރުގައި ފުރައްސާރަ ކުރުމުގެ މައްސަލަތައް ކުޑަކަމެއްގެ ގޮތުގައި ނުނަގާ ކަމަށާއި، އެ ފަދަ ކަންކަމުގައި އަވަސް ފިޔަވަޅު އަޅަންޖެހޭނެކަން އޭނާ ފާހަގަކުރިއެވެ.
ޒޫންޓިއަކީ ޑައިވިން ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ، އަދި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑީ" ކޯސް ޑިރެކްޓަރެވެ. މީގެ އިތުރުން އޭނާއަކީ އެ ދާއިރާގަައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ފަރާތެއް ވެސްމެއެވެ.