ރަސްދޫގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް މަރުވެއްޖެ

ރަސްދޫގައި ފިހުނު އަލީ ޝާމިން: އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައި --

އއ. ރަސްދޫގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް މިރޭ މަރުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ އަލީ ޝާމިން މަރުވީ އޭނާއަށް އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާ ދިނުމަށް ހާދިސާ ހިނގި ދުވަހު އުމުރުން 31 އަހަރުގެ ދެމަފިރިން މާލެ ގެނެސް, އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ ވެންޓިލޭޓަރުގައެވެ. ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއް ފަހުން, މިދިޔަ މަހުގެ 31ގައި އަންހެން މީހާ ވަނީ މަރުވެފައެވެ.

https://sun.mv/204275

އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ޓަކައި އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެނދުމާއި، ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރެއް ވެސް ރާއްޖެގެނައެވެ. އޭގެ ފަހުން ވެސް ފިރިހެން މީހާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އޭނާ މި މަހު އިންޑިއާއަށް ގެންދިޔައީއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން'އާ ވާހަކަދެއްކި ރަސްދޫ މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް