އިކާންގެ ނަޒަރު އަތުގައި އޮތް ފޯނުން ވަކިކޮށް، ކުރިމަތީގައި ހުރި އަންހެންކުއްޖާގެ މޫނަށް ހުއްޓައިލިއެވެ.
*********
ކުރިމަތީގައި ހުރީ އިކާން ދަންނަ ކުއްޖެއް ނޫނެވެ. ކަޅު ބުރުގަލެއް އަޅައިގެން ހުރިއިރު، އެކުއްޖާ ލައިގެން ހުރީ ގަޔަށް ދޫކޮށް ހުރި ހުދު ކުލައިގެ ހެދުމެކެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނެތްނަމަވެސް، މޫނު ފެންނަނީ ތާޒާކޮށެވެ. ދެލޮލުގެ ކަޅި އެހެން އަންހެން ކުދިންނާއި ތަފާތެވެ. އަޅިކުލައިގެ ކަޅި ރޫބީގެ ހަމުގެ ކުލައާއި ގުޅެއެވެ. ޒުވާނުންގެ ހިތްތައް ކަތިލާވަރުގެ ހާއްސަ ސިފައެއް ނެތަސް، ރޫބީއަކީ ހުތުރު ކުއްޖެއް ނޫނެވެ. ހަމުގެ ކުލަ މާ އައްޔެއް ނޫނެވެ. ކޮންމެވެސް ތަނަކުން އެ އަންހެންކުއްޖާއާއި ބައްދަލުވިހެން އިކާންއަށް ހީވިއެވެ.
"ކިހިނެއް ހަދަންވީ؟" ޑްރައިވަރު ސުވާލުކުރީ ފަހަތުގައި އިން އިކާން އަށެވެ.
އިކާން ކުއްލިއަކަށް ލޯގަނޑު ތިރިކޮށްލުމުން، ރޫބީ ކުޑަކޮށް ސިހޭގޮތްވިއެވެ.
"މި ޓެކްސީ މިދަނީ، ޖޭކޭ ބިލްޑިންގް ކައިރިއަށްތަ؟" ރޫބީ ކުޑަކޮށް ގުދުވެލާފައި ޑްރައިވަރަށް ބަލައިލިއެވެ.
ޑްރައިވަރު ބަލައިލީ އިކާންއަށެވެ. އިކާންއަށްވެސް ޑްރައިވަރަށް ބަލައިލެވުނެވެ. އެއީ ޓެކްސީއެއް ނޫންކަން އަންހެންކުއްޖާއަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ ނޭނގޭކަމަށް ހެދީ ހެއްޔެވެ؟ މިޒަމާނުގައި އެވަރު ނޭނގޭ ޒުވާނަކު ހުރެދާނެ ހެއްޔެވެ؟ އިކާންއަށް ޖަވާބެއް ނުދެވި އުޅެނިކޮށް، ރޫބީ ދެވަނަ ފަހަރަށް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ. ޑްރައިވަރު ބޯޖަހައިލީ އިކާންގެ ފަރާތުން ޖަވާބެއް ނައުމުންނެވެ.
"ޓެކްސީ ޝެއަރކުރަންވީނު؟ ދެމީހުން ޕޭމަންޓް ބަހާލާގޮތަށް..." ރޫބީ ދެން ބަލައިލީ ފަހަތުގައި އިން އިކާންއަށެވެ. "މީ ޖޮބްގެ ފުރަތަމަ ދުވަސް... ވަރަށް ގިނައިރުވެއްޖެ، ޓެކްސީއެއް ނުލިބިގެން މިތާ ހުންނަތާ... ޕްލީޒް... ޕްލީޒް..." ރޫބީ އާދޭސްކުރިއެވެ.
އިކާން އިނީ ރަސްމީކޮށެވެ. ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައި ބެގީކޮށްގެންނެވެ. އޭނާ އަޅައިގެން އިނީ، ގަދަ ނޫކުލައިގެ ޓައީއެކެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅި އާއި އިސްތަށިގަނޑުގެ ސްޓައިލުން އިކާންގެ ހައިބަތު ދައްކުވައިދެއެވެ. އިކާންގެ ތޫނު ދެލޯ ހުއްޓިފައިވަނީ ރޫބީގެ މޫނަށެވެ. ރޫބީގެ މޫނުން އޭނާ ކަމެއް ސާފުކުރަން އުޅޭ ކަހަލައެވެ. އެހެން އަންހެންކުދިން ފަދައިން ރޫބީއަކީވެސް އިކާންގެ ސަމާލުކަން ހޯދުމަށް އަސްލަމް ފޮނުވި ކުއްޖެއް ހެއްޔެވެ؟ ނޫނީ ހަމަ ހަގީގަތުގައިވެސް ރޫބީއަށް އެއީ ޓެކްސީއެއްކަން ނޭނގެނީ ހެއްޔެވެ؟ ރޫބީގެ މައުސޫމުކަން ފެނި އޭނާ ހަދަނީ ދޮގު ނޫންކަމަށް އިކާންގެ ހިތް ބުންޏެވެ. އިކާން ދެބުމަ ކައިރިކޮށްލައިގެން ބަލަން އިންގޮތުން، ރޫބީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.
"މީ ޓެކްސީއެ..." ޑްރައިވަރު އެއްޗެއް ބުނަން އުޅުމުން، އިކާން އަތުގެ އިޝާރާތުން ހުއްޓުވިއެވެ.
"ފުލް ޕޭމަންޓް ދައްކާގޮތަށް އަރާ!" އިކާން ހީކުރީ ރޫބީ ކާރަށް ނާރާނެ ކަމަށެވެ. އޭނާ އެހެން ބުނީ ކޮންމެހެން ރޫބީ ކާރަށް އަރުވާކަށްވެސް ނޫނެވެ.
"ތޭންކްސް..." ރޫބީ ކާރަށް އަރައި، ހަމަޖެހިލިއެވެ. އިކާން ޖެހުނީ ދުރަށެވެ.
ޑްރައިވަރު އިނީ ހަދަންވީގޮތެއް ނޭނގިފައެވެ. އިކާން ދުވަހަކުވެސް އޭނާގެ ކާރަށް އަރަން އަންހެންކުއްޖަކަށް ހުއްދަ ދީފައެއް ނުވެއެވެ. ކުޑަމިނުން، އޭނާގެ ކޮއްކޮ އިބާއަށްވެސް އެފުރުސަތު ނުދެއެވެ. އިކާންގެ އިޝާރާތާއިއެކު، ޑްރައިވަރު ކާރު ދުއްވައިލިއެވެ. ރޫބީ އިނީ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ކުރިއާއި ހިލާފަށް މާލޭގައި ދުއްވާ އެއްޗެހި ގިނަވެއްޖެއެވެ. ބައެއް މަގުތައް އޮތީ ތޮއްޖެހިފައެވެ. މާޒީގެ ހަނދާންތައް ރޫބީގެ ސިކުނޑީގައި ޓަކި ދިނެވެ. ވިހި އަހަރު ކުރިން ހަރީރާއާއިއެކު ކުރި ދަތުރުގެ ހަނދާންވިއެވެ. އެ ވިއްސާރަ ރޭގެ ބިރުވެރި ހާދިސާގެ ހަނދާންތައް ރޫބީގެ ހިތުން ފިލައިގެން ނުދެއެވެ. ރޫބީގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އެރޭ ރޫބީއަށް ނުދެވުނުނަމަ، އެކުއްޖާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިހާރު އެކުއްޖާ ކޮބައި ހެއްޔެވެ؟ ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ، ރޫބީގެ މަތިން ހަނދާން ހުންނާނެ ހެއްޔެވެ؟ ކޮންމެވެސް ގޮތަކުން އެކުއްޖާއާއި ބައްދަލުވާނެނަމައޭ ރޫބީގެ ހިތަށް އެރިއެވެ.
ޖޭކޭ ބިލްޑިންގް ކައިރިއަށް ކާރު ހުއްޓުމުން، ރޫބީ އޭނާގެ ދަބަހުން ފަނަރަ ރުފިޔާ ނަގާފައި އިކާންގެ ކައިރީގައި ބޭއްވިއެވެ.
"ޓެކްސީ ފީއަކީ ތިރީސް ރުފިޔާ... ދެއްތޯ؟" އިކާން ފާޑަކަށް ބަލަން އިނުމުން، ރޫބީ ބުނެލިއެވެ. "ދެމީހުންވެސް މިއައީ އެއް ތަނަކަށް... ކާރު ޝެއަރކުރީމަ ވަރަށް ބޮޑަށް ތޭންކްސް..." އިކާންއަށް އިތުރު އެއްޗެއް ނުބުނެވެނީސް، ރޫބީ ކާރުން ފައިބައިގެން ދިޔައެވެ.
"ފަޒާލް!..." އިކާން އަޑުހަރުކޮށް ޑްރައިވަރަށް ގޮވައިލިއެވެ. "އަހަންނަށް އޭނަގެ މައުލޫމާތު ގެނެސްދީ!"
އިކާންގެ ނޭވާ އަވަސްވިއެވެ. ދެއިނގިލިކުރިން ފަނަރަ ރުފިޔާ ނަގައި ބަލައިލިއެވެ. ފަނަރަ ރުފިޔާއަކީ އިކާންއަށް ކޯއްޗެއް ހެއްޔެވެ؟ އެންމެ މިނެޓެއްގެ ތެރޭގައިވެސް އެނާއަށް އޭގެ އެތައް ހާސް ފަނަރަ ރުފިޔާ ލިބެއެވެ. އިކާން ރުފިޔާ ބޮނޑިކޮށްލަން އުޅެފައިވެސް، ފަޒާލްގެ އަތަށް ދިއްކޮށްލިއެވެ.
"ވަތްގަނޑުގަ ބާއްވާ!" އިކާން އެދުނެވެ.
"ރޫބީދެއްތޯ؟.." ކައުންޓަރުގެ ކައިރިއަށް ދިޔުމުން ރޫބީއަށް ވަޒީފާގެ ކާޑު ލިބުނެވެ. ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ. "ޓެންތް ފްލޯ"
ރޫބީ ލިފްޓާއި ހަމައަށް ދިޔައިރު، ލިފްޓްގެ ދޮރު ލެއްޕެނީއެވެ. އޭނާ ހަލުވިކަމާއިއެކު އެތެރެއަށް ދެމިގަތެވެ. އެތެރޭގައި މީހަކު ހުއްޓެވެ. އެމީހަކު ހުރީ ރޫބީއަށް ބަލަހައްޓައިގެންނެވެ. އެމީހަކަށް ބެލޭ ވަރަށްވުރެ ރޫބީ ހުރީ އުފަލުންނެވެ.
އިކާންގެ ނަޒަރު ރޫބީއަށް ހުއްޓިފައިވިޔަސް، ރޫބީގެ ނަޒަރު ހުއްޓިފައިވީ އޭނާގެ ކަރުގައި އަޅުވާލައިގެން ހުރި ކާޑަށެވެ. ބޮޑު ކުންފުންޏަކުން ވަޒީފާ ލިބުމުން ރޫބީ ހުރީ އުފަލުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރަށުގައި ރޫބީ އަދާކުރީ މަސައްކަތު މީހެއްގެ ވަޒީފާއެވެ. ދުވަހަކުވެސް ކޮމްޕިއުޓަރެއްގެ ކައިރީގައި މަސައްކަތްކޮށްލުމުގެ ފުރުސަތެއް ނުލިބެއެވެ.
ލިފްޓް ހުއްޓުނީ ފަސްވަނަ ފަންގިފިލާއަށެވެ. ދެތިން މީހަކު ލިފްޓަށް އެރުމުން ރޫބީ ފަހަތަށް ޖެހިލިއެވެ. ރޫބީ ގޮސް ލައިގަތީ ފަހަތުގައި ހުރި އިކާންގެ ގައިގައެވެ.
"ސޮރީ... ސޮރީ..." ރޫބީ އަވަސް އަވަހަށް މާފަށް އެދުނެވެ.
ރޫބީ އިކާންއާއި ވީފަރާތަށް އެނބުރުނީ މާފަށް އެދެމުންނެވެ. ހަމަ އެވަގުތު އަނެއްކާވެސް މީހަކު ކުރިއަށްވުރެ ބާރަށް އޭނާގެ ގައިގައި ޖެހިގަތެވެ. ރޫބީ ގޮސް ތަތްވީ އިކާންގެ މޭގައެވެ. ބޭއިހުތިޔާރުގައި އިކާންއަށް ރޫބީގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ. ދެމީހުންނަށް އެކަކު އަނެކެއްގެ ހިތުގެ ތެޅުން އިހުސާސްވިއެވެ. އިކާން އަވަސް އަވަހަށް ރޫބީ ދުރުކޮށްލިއެވެ.
ލިފްޓް ގޮސް ދިހަވަނަ ފަންގިފިލާއަށް ހުއްޓެންދެންވެސް ރޫބީ ހުރީ ނޭވާ ނުލައެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އޭގެ ކުރިން ދުވަހަކުވެސް ފިރިހެނަކު ރޫބީއާއި އެހާ ގާތްވެފައެއް ނުވެއެވެ. އިކާންގެ ގައިން ދުވި ސެންޓްގެ މީރުވަސް ރޫބީގެ ނޭފަތުގައި ވަނީ ހަރުލާފައެވެ. ސިއްރުން އިކާންގެ މޫނަށް ބަލައިލަން ރޫބީގެ ހިތް ކިތަންމެ ފަހަރަކު އެދުނެވެ. އެކަމަކު، ކޮންމެ ފަހަރަކުވެސް ރޫބީއަށް ބަލައިލެވެނީ އިކާންގެ ޓައީ އާއި ހަމައަށެވެ. ހިތްވަރު ނުލިބިގެން އިސްތިރިކޮށްލަން މަޖުބޫރުވަނީއެވެ. އިކާންގެ ބާރުގަދަ ދެއަތުން ރޫބީއަށް ހިމާޔަތް ދިނީ ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. އެއީ ހިޔާލީ ދުނިޔޭގައިވެސް ރޫބީގެ ހިތަށް ގެނުވާފައިވާފަދަ މަންޒަރެކެވެ.
ލިފްޓް ހުއްޓުނެވެ. އެންމެ ކުރިން ލިފްޓުން ފޭބި މީހުންގެ ތެރޭގައި ރޫބީ ހިމެނެއެވެ. ހާސްވެފައި ހުރިވަރުން ރޫބީއަށް ގޮސް ވަދެވުނީ އޭނާ މަސައްކަތް ކުރަން ހަމަޖެހުނު ބަޔަކަށް ނޫނެވެ.
"ގިފްޓް ކިހިނެއް ވަނީ؟" އެންމެން ލިފްޓުން ފޭބުމުން، އިބާއާއި އިކާން އެކަނިވިއެވެ.
ލިފްޓްގައި އިބާ ހުރިކަން އިކާންއަށް އެނގުނީ އެވަގުތުއެވެ. ރޫބީގެ ގައިގައި ޖެހިގަތީ އިބާއެވެ. އެއީ އިބާ ގަސްދުގައި ކުރި ކަމެކެވެ. އެކަން އެނގުމުން، އިކާން ދެބުމަ ގޮށްޖަހައިލިއެވެ.
"އިބާ ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު..." އިކާން ލިފްޓުން ނުކުތެވެ. އިބާވެސް ފަހަތުން ނުކުތެވެ.
"އެއީ ކާކު؟ ކުރިން ދެކުނު ކުއްޖެއް ނޫން.. އަލަށް ޖޮއިންކުރި ކުއްޖެއްތަ؟" އިބާގެ ބޭނުންވީ ރޫބީގެ ވާހަކަ ދައްކާށެވެ. "ނޯމަލް... ސިމްޕަލް... ކިއުޓް... އެކުއްޖާގެ ކަޅި..."
އިބާ ވާހަކަ ދައްކަނިކޮށް، އިކާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ.
"ދެން ދޮންބޭ! ދޮންބެގަނޑު..." އިބާ ތުންދަމައިލިއެވެ. "ދޮންބެ މެރީކުރީމައޭ އިބާއަށް ކުރެވޭނީ... ކާފަ ހުއްދައެއް ނުދޭނެ އެހެންނޫނީ..."
"އިބާ އަދި މީހަކާ އިންނަވަރެއް ނުވޭ!" އިކާން މޭޒުމަތީގައި އޮތް ފައިލު ހުޅުވައިލިއެވެ. އިބާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފައިލު ލެއްޕިއެވެ.
"އިބާ ބޭނުން އެއިޓީން ވާއިރަށް މެރީކުރަން" އިބާގެ ދެލޮލުން ފެނުނީ ތަފާތު ވިދުމެކެވެ.
"ވަޓް؟..." އިކާން ދެފަރާތަށް ބޯ ހޫރައިލިއެވެ. "ހުއްދައެއް ނުލިބޭނެ... ނުވެސް ދޭނަން..."
އިބާ އިރުކޮޅެއްވަންދެން އިކާންއަށް ބަލަން ހުއްޓެވެ. އިކާން އިސްއުފުލާ ބަލައިވެސް ނުލިއެވެ. އިބާއަށް އައީ މޮޅު ހިޔާލެކެވެ. އޭނާ ދިޔަ ބާރުމިނުގައި އިކާންގެ ކަބަޑު ކައިރީގައި ގުޅިއަކަށް ލާފައި އިން ރަތްކުލައިގެ ކުޑަ ނެގިއެވެ. އިކާންއަށް އެމަންޒަރު ފެނުމުން، ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކުޑަ އަތުލިއެވެ. އިބާ ދެންނެގީ ކަބަޑު ތެރޭގައި އިން ހުދުކުލައިގެ ކެހެރިން ހަދާފައިވާ ކުޑަ މުސަޅެކެވެ. އިކާން އެވެސް އަތުލިއެވެ. ކެހެރިތައް ރީތިކޮށްލުމަށް އޭގައި ފިރުމައިލިއެވެ. އެއަށްފަހު، ކުރިން އިންތަނަށް ލިއެވެ.
"ކިހާ ދުވަހެއް ވަންދެންތަ ދޮންބެ ތިކުއްޖަކަށް އިންތިޒާރު ކުރާނީ؟.. ދޮންބެ ކިހާ މަސައްކަތެއް ކުރިންތަ އެކުއްޖާ ހޯދަން... ވިހި އަހަރު ވީއިރު ނުވި ކަމެއް ދެން ވާނެތަ؟ ނުވާނެ!.. އެކުއްޖާ ފެނުނަސް ދޮންބެއަށް ނޭނގޭނެ... ޔަގީން..." އިބާގެ މޫނުން ފެނުނީ މާޔޫސްކަމެވެ. ނުވެސް ދަންނަ ކާކުކަމެއް ނޭނގޭ ހިޔާލީ ކުއްޖަކަށްޓަކައި އިކާން އޭނާގެ ހަޔާތް ބަރުބާދުކޮށްލާތީ އިބާ ހުރީ ހިތްހަމަނުޖެހިފައެވެ.
"މިއަދު ކީއްކުރަންތަ ދޮންބެއަށް އުނދަގޫކުރަން އޮފީހަށް އައިސްގެން ތިއުޅެނީ؟" އިކާން ދެބުމަ ކައިރިކޮށްލިއެވެ. އޭނާ ބޭނުންވީ އިބާ ހުއްޓުވާށެވެ.
"އިބާއަށް ވަރަށް ހީވޭ މިއަދު ދޮންބެ ހެޕީ ނިއުސްއެއް ދޭން އުޅޭހެން..." އިބާ ޝައްކުގެ ނަޒަރަކުން އިކާންގެ މޫނަށް ބަލައިލިއެވެ.
"ފަޒާލް އެއްޗެއް ބުނީދޯ؟" އިކާންއަށް ވީގޮތް އެނގުނެވެ. "ފަޒާލް އެއީ އަހަރެންގެ ޑްރައިވަރު... ފިޔަވަޅު އަޅާނަން!"
"ކޮންކުއްޖެއްތަ އެއީ؟... ދުވަހަކުވެސް މިނޫނީ ދޮންބެގެ ކާރަށް އަންހެންކުއްޖަކު ނާރުވާ! އިބާއަށްވެސް ފުރުސަތު ނުދޭ" އިބާ ޝައުގުވެރިވިއެވެ.
"އައުޓް!... އަވަސް..." އިކާން އިޝާރާތްކުރީ ދޮރާއި ދިމާއަށެވެ. އިބާ ހީގަނެފައި، މޭޒުގައި ފައި އަޅައި، އޭނާ އިން ގޮނޑި ދުރަށް ކޮއްޕައިލިއެވެ. އިކާން ތެދުވިއެވެ. ގަދަކަމުން އިބާ ނެގިއެވެ. ކެބިންއިން ބޭރަށް ނެރުނެވެ.
"އަދި އަންނާނަން... ގިވްއަޕްއެއް ނުކުރާނަން" އިބާ ބުނެލިއެވެ.
"ޝްޝްޝް..." އިކާން އަވަހަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ.
މޭޒުތަކުގެ ކައިރީގައި ތިބި މުވައްޒަފުންގެ ނަޒަރު އިކާންމެންނަށް ހުއްޓިފައިވިޔަސް، އިކާން ބަލައިލުމުން، އެންމެން ނޭނގޭކަމަށް ހެދުނެވެ.
"ދޮންބެއަށް އެނގޭތަ މިއަދު އޮފީހަށް ކާފަ އަންނަކަން؟ އެންމެން ކުރިމަތީ ދައްކާނެ މެރީކުރާ ވާހަކަ..." އިބާ ހީގަތެވެ. "ގުޑްލަކް.. އިބާ މިދަނީ.. ބާއި..."
އިބާ ހެމުން ދުއްވައިގަތެވެ. އިކާން ވަނީ އެތެރެއަށެވެ. ލިފްޓާއި ހަމައިން ކޮންމެވެސް މީހެއްގެ ގައިގައި ލައިގަތުމުން، އިބާ އިސްއުފުލައިލިއެވެ.
"ސޮރީ.." ރޫބީ މާފަށް އެދުނެވެ.
އިބާ ރޫބީގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. އޭރު އޭނާގެ ތުންފަތަށް ވަނީ ލުއި ހިނިތުންވުމެއް ވެރިވެފައިވިއެވެ.
"މީދޯ އެކުއްޖަކީ.." އިބާ ހިތާއިހިތުން ބުނެލިއެވެ.
"ކޮން ނަމެއް ކިޔަނީ؟ މި ސެކްޝަންގަތަ މަސައްކަތްކުރަނީ؟" އިބާ ބޭނުންވީ ރޫބީގެ މައުލޫމާތު ހޯދާށެވެ. ދެވަނަ ސިކުންތުގައި އޭނާއަށް މޮޅު ހިޔާލެއް އައެވެ.
"ލައްބަ... އަޅުގަނޑަށް ކިޔަނީ ރޫބީ..." ރޫބީ ހިނިތުންވެލިއެވެ.
"ސޯ، މިސް ރޫބީ... އަހަރެންމީ މިތާ އޯނަރގެ ދަރިއެއް..." އިބާ ބޭނުންވީ ރޫބީ ބިރުގަންނުވައިލާށެވެ.
"ސޮރީ" ރޫބީ އިސްޖަހައިލިއެވެ.
"އެއީ އެވަރުގެ ކަމެއް ނޫން... މާފުކޮށްފިން..." އިބާ ދާން ހިނގައިގަނެފައި ހުއްޓުނެވެ. "މިއާދެވުނީ ކެބިންގަ ބޭގް ބައިންދާފަ... ގެނެސްދީފާނަންތަ؟" އިބާ އެދުނެވެ.
ރޫބީ ބޯޖަހައިލާފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިބާ ދެއްކި ކެބިންއަށް ވަނެވެ. އެއީ އިކާންގެ ކެބިންއެވެ. އިކާން އިނީ، ފައިލު ހުޅުވައިލި ވަގުތު މޭޒު ކައިރިއަށް ވެރުނު ކަރުދާސްތައް ނަގާށެވެ. މޭޒުމަތީގައި އިކާންގެ ދަބަސް އޮތެވެ. ރޫބީ ހީކުރީ އެއީ އިބާ ބުނި ދަބަސް ކަމަށެވެ. ރޫބީ ގޮސް ދަބަސް ނެގިއެވެ. ހަމަ އެވަގުތު މޭޒުދަށުގައި އިން އިކާން ކަރުދާސްތައް ނަގައިގެން ކޮޅަށް ތެދުވިއެވެ. ދެމީހުން ތިބީ އެކަކު އަނެކަކާއި ނުހަނު ކައިރީގައެވެ. ސިއްސައިގެން ގޮސްފައި ރޫބީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިކާންގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލިއެވެ. އިކާންވެސް ސިހުނެވެ. ގޮނޑީގައި ހިފަހައްޓާލެވުނުކަމުން ނުވެއްޓި ސަލާމަތްވިއެވެ. ކަރުދާސްތަކުން ބައެއް އިކާންގެ އަތުން ދޫވިއެވެ. ރޫބީގެ ބޯމަތީގައި އެނބުރިލާފައި ފަހަރަކު ގަނޑެއް އޭނާގެ ފައިދަށަށް ތިރިވަމުން ދިޔައެވެ. ފައިދަށުން ރޫބީއަށް ފެނުނީ މުޅީންވެސް އަންހެންކުދިންގެ ތަސްވީރެވެ. ރޫބީ ސައްކުގެ ނަޒަރަކުން އިކާންގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ދެބުމަގޮށްޖަހާލައިގެންނެވެ.
(ނުނިމޭ)