މި ވަގުތު ރާއްޖޭގެ އެންމެ ބިޒީ ފިލްމު ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވާ ޝޯ ކަމަށްވާ "ފެށުމާއި ނިމުން"ގެ ފުރަތަމަ ޓްރެއިލަރު ހާމަކޮށްފިއެވެ.
ޑާކްރެއިނުން ފެށުމާއި ނިމުން ދައްކަން ތައްޔާރުވެފައިވާއިރު އެ ޕްރޮޑަކްޝަނުން އަންނަނީ ޝޯގެ ޕްރޮމޯޝަނަލް މަސައްކަތް ކުރަމުންނެވެ. މީގެ ކުރީން ޝޯގެ ތަފާތު ޕޯސްޓަރު ހާމަކޮށްފައިވާއިރު އެންމެ ފަހުން ވަނީ ޝޯގެ ފުރަތަމަ ޓްރެއިލަރު އާންމުކޮށްފައެވެ.
މި ޝޯގެ ފުރަތަމަ ޓްރެއިލަރުން ލޯބީގެ ޑްރާމާގަނޑެއް ދައްކައިދޭނެ ކަން ވަނީ ހާމަކޮށްލާފައެވެ. އެގޮތުން މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަންހެނަކަށް އާދައިގެ މީހެއް ދެކެ ލޯބި ވެވި ދިމާވާ ކަންތައްތައް މި ޝޯއިން ދައްކައިދޭނެކަން ޓްރެއިލަރުން ވަނީ ދައްކާލާފައެވެ.
ޝޯގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ޝުހާއާއި ޝަރަފު އަބްދުالله އާއި މޫސާ އަލީފެވެ. އަލަށް ނެރުނު ޕޯސްޓަރުން ފެންނަނީ މި ދެ މީހުންނެވެ.
ފެށުމާއި ނިމުންގެ ކާސްޓުން ދެން ފެންނާނީ މުހައްމަދު ރަޝީދު (ދަރާ)އާއި ހުސައިން ސާމީ އަދި ފާތިމަތު ފައިނާއެވެ. ފައިނާއަކީ ޑާކްރެއިނުން އަލަށް ތައާރަފުވާ ތަރިއެކެވެ.
މި ޝޯގެ ފަހަތުގައި ވަނީ ޑާކްރެއިން އިން އެންމެ ފަހުން ދައްކާފައިވާ ޝޯ "ރޯލީމޭ"ގެ ޓީމެވެ. އެގޮތުން، މި ޝޯގެ ސްކްރީންރައިޓަރަކީ ޝަހުދާ މަހުމޫދެވެ. ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ އަލީ ޝަފީއު (ޗިއްޕެ)އެވެ. މި ދެ މީހުންނަކީ ރޯލީމޭގެ މަސައްކަތް ވެސް އެކީގައި ކޮށްފައިވާ ދެ މީހުންނެވެ.
އައިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޑައިރެކްޓްކުރާ މި ޝޯގެ ސްކްރިޕްޓްގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޝޯގެ މަންޒަރުތަކުގެ ޝޫޓިންގެ މަސައްކަތްތަކެވެ. މި ޝޯ ދައްކަން ފަށާނީ މިމަހުގެ 28ގައި މީޑިއާނެޓްގެ ސްޓްރީމިން ޚިދުމަތް އެމްއެސްވީޑިއޯ ކްލަބުންނެވެ. މި ޝޯއަކީ 10 އެޕިސޯޑްގެ ލިމިޓެޑް ޝޯއެކެވެ.