ދިވެހީން ބަނޑަށްޖެހުނަސް ފަލަސްތީނުގެ ހައްގުގައި ފިޔަވަޅު އަޅާނަން: ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ، ބަނޑަށްޖެހުނަސް ފަލަސްތީނުގެ ހައްގުގައި ފިޔަވަޅު އަޅާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ދިވެހީން ބަނޑަށްޖެހުނަސް މި ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)ން އިއްޔެ ނިންމައި، މިއަދު ވަނީ ތަޅުމަށް ހުށަހަޅާފައެވެ. ތަޅުމުގައި މިއަދު ވަނީ އެ ބިލަށް ބަހުސްކޮށްފައެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓު މަނާކުރަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ބިލެއް ހުށަހެޅުއްވީ ޕާސްޕޯޓު މަނާކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެއީ، ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންދީ، ޕާސްޕޯޓު މަނާކޮށްފި ނަމަ އިގުތިސާދު ފުނޑުފުނޑުވާނެ ކަމަށް ހީކޮށްގެން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އެމްޑީޕީން މި މައްސަލަ ހުށަހެޅީއަކީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ނިޔަތެއްގައެއް ނޫން،" ފަލާހް ތުހުމަތުކުރެއްވިއެވެ.

"އެ ހުށަހެޅުއްވި މެންބަރު، ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ އަޅުގަނޑުމެންނެއް މި ކަމެއް ނުކުރާނޭ. ކޮށްފި ކަމަށްވަންޏާ މި ގައުމުގެ އިގުތިސާދު ފުނޑުފުނޑު ވާނޭ. މި ގައުމު ބަނޑަށްޖެހޭނޭ. އެހެންވީމާ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނޭ. މިއީ އެމްޑީޕީގެ ނިޔަތް،"

https://sun.mv/204765

އެކަމަކު، ފަލާހް ވިދާޅުވީ، ޕީއެންސީން އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ ނިންމާފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ.

އެ ގޮތުން، އިއްޔެ ކޮމިޓީގައި އެ މައްސަލަ ނިންމުމުގެ ކުރިން ދެތިން ހަތަރު ގަޑިއިރު އެ ކަމާ މަޝްވަރާކުރި ކަމަށާއި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވަންދެން ޕާސްޕޯޓު މަނާކުރަން ވެސް މަޝްވަރާކުރި ކަމަށްއ ޭނާ ވިދާޅުވިއެވެ. އެ ގޮތަށް އެކަން ނުކުރީ، އދ. އިންނާއި ގިނަ ގައުމުތަކަކުން ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ލާއިންސާނީ ހަމަލާތަކާއި އަނިޔާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ ހަމަލާތައް ހުއްޓާލަން ބާރުއެޅުމުގެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު: އޭނާ ވިދާޅުވީ، ޕާސްޕޯޓު މަނާކުރަނީ ހެޔޮ ނިޔަތުގައި ކަމަށް -- ފޮޓޯޯ/ މަޖިލިސް

"އެހެންނަމަވެސް، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސާއި މި ސަރުކާރުން މާތް ވެގެންވާ އިސްލާމް ދީނަށް، ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ އެ ފަދަ އަޅުގަނޑުމެން ތާއީދުކުރާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށްޖެހުނަސް މި ސަރުކާރަކުން ނުބަލާނެ،" އޭނާ ވިދާޅުވިއެވެ.

"[އިޒްރޭލް ޕާސްޕޯޓު] މަނާކުރާނެ. އެ އޮތީ އެކަން ދައްކައިދީފައި،"

ފަލާހް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ގައުމަށް ދިމާވެފައި ހުރި އިޖުތިމާއީ މައްސަލަތަކާއި އެ ނޫން ވެސް ކަންކަމުގައި މި ސަރުކާރާއި މަޖިލީހުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ސަރުކާރުތަކުގައި ކަންކުރީ އެ ގޮތަށް ނޫން ކަމަށް ވިދާޅުވެ، އޭނާ ފާޑުވިދާޅުވިއެވެ.

"އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް ރާއްޖެ އަންނަން ހުއްދަ ދޭނެ،" އޭނާ ފާޑުވިދާޅުވިއެވެ.

އެކަމަކު، އެ ހިސާބުން އެމްޑީޕީއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ފުރުސަތު އެރުވުމުން އޭނާ ވަނީ ފަލާހް ދެއްކެވި ވާހަކައަށް ރައްދުދެއްވައި، އެމްޑީޕީގެ ނިޔަތާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ފަލާހަށް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ބަސް ބުނާނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަމަށާއި ފަލާހަށް ބަސް ވިދާޅުވެވޭނީ ޕީއެންސީގެ ނިޔަތާއި ޕީއެންސީން ކުރާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

https://sun.mv/204797

އިޒްރޭލް މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން މީކާއިލް ބިލެއް ހުށަހަޅުއްވާފައި އޮއްވައި އިޒްރޭލް ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ނިންމުން އިއުލާނުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

އެކަމަކު، އެ ބިލު ބަލައިގަނެ ޖޫން 10، 2024 ގައި ކޮމިޓީއަށް ފޮނުވި ފަހުން ބިލުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެހެންވެ، އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އެ ކަމާ ނުރުހުން ވެސް ފާޅުކުރިއެވެ. އެހެން އޮއްވައި އިއްޔެ ކޮމިޓީން ބިލުގެ މަސައްކަތް ނިންމާލީ ކެބިނެޓުގެ ނިންމުމަށް 316 ދުވަސްވި ފަހުންނެވެ.

ޕީއެންސީން އޭރު ބުނީ، އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ލަސްވީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރުމުން ކަމަށެވެ.

ބިލު ކޮމިޓީން ފާސްކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހޭނެއެވެ. އެއަށް ފަހު، ބިލު ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުންނެވެ. މަޖިލީހުން ފާސްކުރާ ބިލުތައް އަލުން ވިސްނަން އެދި އަނބުރާ ފޮނުވާލުމުގެ ފުރުސަތު ވެސް ރައީސަށް އޮންނައިރު ދެވަނަ ފަހަރަށް ފާސްކޮށްފި ނަމަ ތަސްދީގުކުރަން މަޖުބޫރުވާނެއެވެ.

comment ކޮމެންޓް