ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތެރަޕީގެ ކަންކަމަށް އުސޫލެއް ގާއިމުކޮށްފައި ނެތް ކަމަށާއި މިއީ 'ހިތާމައިގެ ކޮޅު ނެތް' ކަމެއް ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ކުޑޫ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 44 މެންބަރުންގެ ވޯޓާ އެކު، މައްސަލަ ބަލައި ނުގަތުމަށް ނިންމައި، ވަނީ ބޭރުކޮށްލާފައެވެ.
މިއަދު މަޖިލީސް ޖަލްސާއަށް ފަހުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑޫ ވިދާޅުވީ، އެ މައްސަލަ ބަލައިގަނެ ބޭރުކޮށްލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން ކުރުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި މެންބަރުން ވެސް ހިމެނޭ ކަމަށެވެ.
އާންމުންނަށް ތެރަޕީތަކަށް ނުނެގިގެން އުޅެން ޖެހެނީ 14 ދުވަހުން ލިބެން ޖެހޭ ޖަވާބަކަށް މަހަކަށް ވުރެ ގިނަ ދުވަސްވާތީ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑު ގުރުބާނީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، މެންބަރު ވިދާޅުވީ، ނުޅުދުންތެރިކަން ހުރި ކުދިންގެ ކަންތައްތައް ހުރި ގޮތުން ބޮޑެތި ޝަކުވާގެ ލިސްޓުތައް ހުށަހަޅާފައި އެބަހުރި ކަމަށެވެ.
މޯލްޑިވްސް 2.0ގެ ވާހަކަ. ރައީސް ވިދާޅުވި މޯލްޑިވްސް 2.0އަށް ބަދަލުވި ވާހަކަ އަދިވެސް ވައިބާ ގުރޫޕަކުން މިކަން ކުރަނީ. އެހެންވީމާ ރާއްޖޭން ބޭރުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރުވާ ހޯދަން ވެސް މި ޖެހެނީ ވައިބާ ގުރޫޕަކުން އެދިގެން [ކުރަން]. ހަމަ މި އޮންނަނީ މަޖިލީސް މެންބަރުންނާ ގުޅައިގެން، ވެރިންނާ ގުޅައިގެންނާ މިކަން ކުރަން. މިކަމުގައި ވެސް އުސޫލެއް ގާއިމުކޮށްފައެއް ނޯވޭ. މިއީ ހިތާމައިގެ ކޮޅު ނެތް ކަންތައްތައް،ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ވާހަކަދެއްވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕީ ފައިސާ ލިބޭ ގޮތް ވަރަށް ތަފުސީލުކޮށް ޒިޔާދު ވަނީ ކިޔައިދެއްވާފައެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު: ތެރަޕީގެ ކަންކަން މިހާރު އޮތް ގޮތް ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދެއްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
މިދިޔަ 19ވަނަ މަޖިލީހުގައި ތެރަޕީ ފައިސާ ދޭން ހަމަޖެއްސި ހިސާބުން ފެށިގެން ކުއްޖާގެ މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެއް އަހަރު ދުވަހަށް ބަޖެޓެއް އެޕްރޫވް ކުރާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
އެ ބަޖެޓު އެޕްރޫވްވުމުން ބެލެނިވެރިޔާއަށް އެކަމުގެ މެސެޖު ލިބޭނެ ކަމަށާއި ފައިސާ ދޭން އިންނަނީ ތިން މަހުން ތިން މަހުން ކަމަށް މެންބަރު ވިދާޅުވިއެވެ. ފުރަތަމަ އެސެސްމަންޓުގެ ރިޕޯޓާ ޑޮކްޓަރުގެ ލިޔުމާ އެކު މިނިސްޓްރީއަށް ހުށަހެޅުމުން ތިން މަސް ދުވަހަށްވާ ފައިސާ ޖަމާކުރާ ކަމަށާއި ކުރިން ވެސް ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވިކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މިހާރު އެ ލަސްތައް ކުރިމަތިވެގެން ތިން މަހުން ދޭން ޖެހޭ ފައިސާ ދެނީ ތިންވަނަ މަހުކަން ޒިޔާދު ފާހަގަކުރެއްވިއެވެ. މިހާރު ފޯމު އެޕްރޫވް ވަނީ ދޮޅު މަހުން ކަމަށްވާއިރު، ފައިސާ ޖަމާވަނީ ވެސް ދޮޅު މަސް ފަހުންނެވެ. އެކަމުގެ ސަބަބުން އުތުރުގެ ވަރަސް ގިނަ ރަށްތަކުގެ ބެލެނިވެރިން ހދ. ކުޅުދުށްފުއްޓަށް ބަދަލުވިކަން ޒިޔާދު ފާހަގަކުރެއްވިއެވެ.
އެހެންވީމާ މި ނުކުންނަ ނަތީޖާއަކީ ދެ މަހު ތެރަޕީ ނުނަގައި ތިންވަނަ މަހު ތެރަޕީ ހަދަން މި ޖެހެނީ. މި ދައްކާ ތެރަޕީގެ ވާހަކައަަކީ 2،000، 3،000 ރުފިޔާ ދުވާލަކަށް ޗާޖުކުރާ ތެރަޕީއެއްގެ ވާހަކަ. އެއީކީ އާދައިގެ ރައްޔިތަކަށް އެފޯޑުކުރެވޭ ވަރެއް ނޫން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
ފުރަތަމަ ތިން މަސް ނިމުމުން ޖެހެނީ، އެ މަސްތަކުގެ ހާޒީރި ހުށަހަޅަން ކަމަށާއި އޭރުން ނޫނީ ބާކީ ތިން މަހުގެ ބަޖެޓުގެ ފައިސާ ނުލިބޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، ދައުލަތާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މީހުންނަށް ވެސް ގެެއްލުންވާ ކަމަށާއި ތެރަޕީން ނަތީޖާއެއް ނެރެންޏާ ގަވައިދުން އެކަން ކުރެވުމުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތެރަޕީ ނުލިބޭ މައްސަލަ މަޖިލީހަށް ބަލައިނުގަތުމުން, 47 ބެލެނިވެރިންގެ ސޮޔާ އެކު މިއަދު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްގެ ގޮތުގައި ވެސް ވަނީ ހުށަހަޅާފައެވެ.
ބެލެނިވެރިންގެ ފަރާތުން ވަނީ ތެރަޕީއާ އެނޫންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާ ނުކުޅެދިފައިވަނީ ކީއްވެގެންތޯ ބެލުމަށް ތަހުގީގެއް ހިންގައިދިނުމަށް އެދިފައެވެ. އަދި، އެޗްއާރްސީއެމް، ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީ، އެންސްޕާ އަދި ޑިސެބިލިޓީ ކޮމިޝަން ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ.
އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ އެންމެހާ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް މަގުފަހިކޮށްދިނުމަށް ވެސް ވަނީ ގޮވައިލާފައެވެ.