އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދޭން ނިންމައިފިއެވެ.
އިސްލާމީ ވަޤުފް ފަންޑު ތަރައްގީކުރުމާ ގުޅޭ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ސޮއިކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދު ކަމަށާއި އެއީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ. އަދި، ވަޤުފް ފަންޑު ތަރައްގީކުރުމަށް މިނިސްޓްރީން ގިނަ ގުނަ މަސައްކަތްތްކެއް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ ގޮތުން މިއަދު މިނިސްޓްރީން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ.

އިސްލާމީ ވަޤުފް ފަންޑު ތަރައްގީކުރަން ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ ލޯނެއް ދެނީ: ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަޤުފް ފަންޑު ތަރައްގީކުރާ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
އެ ނިންމުންތަކުގެ ތެރޭގައި ހިމެނެނޭ ކަންތައްތައް:
- އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުން
- ދާރުލްއީމާން އިމާރާތަކީއަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ކަނޑައެޅުން
- އަލަށް އިމާރާތްކުރާ ދާރުއްސަލާމް އިމާރާތާއި ދާރުލްއަރްޤަމް އިމާރާތުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުން
- ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަޘީޤާގައި ސޮއިކުރުން
- އިސްލާމިކް މިނިސްޓްރީގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު ހައުސްގެ 'ޒަކާތު ފަންޑު'އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުން ނިންމުމުގެ ވަޘީޤާގައި ސޮއިކުރުން
އިސްލާމިކް މިނިސްޓްރީން ބުނީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

އިސްލާމީ ވަޤުފް ފަންޑު ތަރައްގީކުރަން ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ ލޯނެއް ދެނީ: ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަޤުފް ފަންޑު ތަރައްގީކުރާ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ ކަންކަން ކުރިއެރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވޭ 50 ސްކޮލާޝިޕްގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.
ޒަކާތު ފަންޑުން ދޭ ސްކޮލާޝިޕްގެ ދަށުން، އެ ދަރިވަރަކު ތަޢުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.