ވޯލްޑްކަޕް ޓީމުތަކުގެ އަދަދު 64 އަށް ހަދަން ދެކޮޅު: ކޮންކާކަފް

ކޮންކާކަފްގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ--

ދެހާސް ތިރީސް ވަނަ އަހަރު ހަ ގައުމެއްގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ވޯލްޑްކަޕުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 ޓީމަށް އިތުރު ކުރުމާ ކޮންކާކަފްއިން ދެކޮޅު ކަމަށް ބުނެފިއެވެ.

އުތުރާއި މެދުތެރޭ އެމެރިކާގެ އިތުރުން ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ކޮންކާކަފްގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ވަނީ 64 ޓީމަށް މުބާރާތުގައި ވާދަކުރާ ކުރެވޭތީ ފާޑު ކިޔައިފައެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ މައި އިދާރާ ކަމަށްވާ ކޮމެބޯލްއިން ހުށަހަޅާފައިވާ މި ހުށަހެޅުމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިންގެ އިތުރުން އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ވެސް ވަނީ ދެކޮޅުކަން ފާޅުކޮށްފައެވެ.

ދެހާސް ތިރީސް ވަނަ އަހަރަކީ ފީފާ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތް ކަމުން މި މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތިން ގައުމުކަމުގައިވާ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގެ އިތުރުން މުބާރާތުގެ ފުރަތަމަ ބައެއް މެޗުތައް ވަނީ އާޖެންޓީނާ، ޕެރަގުއާއީ އަދި އުރުގުއާއީގައި ބޭއްވުމަށް ނިންމާފައެވެ.

ވޯލްޑް ކަޕް ޓްރޮފީ -- ފޮޓޯ/ ގެޓީ

މި އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރާ ޓީމު ތަކުގެ އަދަދު މިހާރު ވަނީ 32 ޓީމުން 48 ޓީމަށް ބަދަލު ކުރުމަށް ނިންމާފައެވެ. އަދި މިއީ 48 ޓީމާއެކު ކުޅޭ ފުރަތަމަ މުބާރާތަށް ވެގެންދާނެއެވެ. ކޮމެބޯލްއިން ހާމަކުރާގޮތުގައި އެ ފަރާތުން ޓީމުތަކުގެ އަދަދު އިތުރު ކުރުމަށް ހުށަހަޅަނީ 100 އަހަރު ފުރޭ އަހަރު ކަމުން އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

މޮންޓެގްލިއާނީ ހާމަކުރިގޮތުގައި 64 އަހަރު ޓީމަށް ފިރިހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރު ކުރުމަކީ މި މުބާރާތަށް އެންމެ ފައިދާ ހުރިގޮތް ނޫން ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ ފުޓްބޯޅައަށް ކުރާނެ ކަމަށް ވެސް އޭނާ ހާމަކުރިއެވެ. މި ގޮތުން އޭނާ ވަނީ ކްލަބް މުބާރާތްތަކާއި ލީގުތަކާއި ކުޅުންތެރިންނަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ހާމަކޮށްފައެވެ. މީގެ އިތުރުން 48 ޓީމަށް ވޯލްޑް ކަޕްގެ ޓީމު ތަކުގެ އަދަދު އިތުރުކޮށް މުބާރާތެއް ނުބޭއްވިގެން އުޅެނިކޮށް 64 ޓީމުގެ ވާހަކަ ދެކެވެންޖެހޭނެކަމަށް އޭނާ ގަބޫލް ވެސް ނުކުރެއެވެ.

މި އަންނަ އަހަރުގެ މުބާރާތުގެ ޓީމުތަކުގެ އަދަދު 48 އަށް އިތުރު ކުރަން ނިންމާފައިވަނީ 2017 ވަނަ އަހަރު ބޭއްވި ފީފާ ކޮންގްރެސްގައި އިއްތިފާގުންނެވެ. ފީފާގެ 75 ވަނަ ކޮންގްރެސް މި އަންނަ މަހުގެ 15 ވަނަ ދުވަހު ޕެރަގުއާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޮމެބޯލްގެ މި ހުށަހެޅުން މަޝްވަރާ ކުރެވޭނެއެވެ. މި ހުށަހެޅުން ގަބޫލް ކޮށްފިނަމަ 2030 ވަނަ އަހަރުގެ މުބާރާތުގައި 128 މެޗު ކުޅެވިގެންދާނެއެވެ. އެހެން ވެއްޖެނަމަ 1998 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ބޭއްވި 64 މެޗު ކުޅުނު މުބާރާތުގެ ދެގުނަ އެ މުބާރާތުގައި ކުޅޭނެއެވެ.

ޔުއޭފާގެ ރައީސް ސެފެރިން ހާމަކުރިގޮތުގައި މި ހުށަހެޅުމަކީ ގޯސް ހިޔާލެއް ކަމަށެވެ.

comment ކޮމެންޓް