ސާޅީސް އަހަރު ފަހުން، ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމީ އުންމަތުގެ މަތީ ޝަޚުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އެ މިނިސްޓްރީން ދައުވަތެއް އެރުވި ކަމަށެވެ.
އެގޮތުން، މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅުގައި މަދީނާގެ ހަރަމްފުޅުގެ އިމާމު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމަށާއި ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ސަލްމާން މިސްކިތާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ އަރިހަށް ވެސް ޞަލާޙުލްބުދައިރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށްވާއިރު، މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވުމުން މިނިސްޓްރީގެ ނަމުގައި މިނިސްޓަރު ޝަހީމް ވަނީ ރަސްގެފާނު ސަލްމާން ބިން އަބްޒުލްއަޒީޒާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާނަށް ޝުކުރު ދަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 40 އަހަރު ފަހުން ރާއްޖެއަށް ހަރަމްފުޅެއްގެ އިމާމަކު ވަޑައިގަންނަވާ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.
މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވައެވެ. އަދި، އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.