ކުށަކަށް އަރައިގަތް ކަމަށް ތުހުމަތުވާ މީހުންނަށް އާންމުން އަނިޔާ ދިނުން ފަދަ އަމަލުތައް ނުހިންގައި، ކަމާ ގުޅުންހުރި އިދާރާއަށް ރިޕޯޓުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ގޮވާލައިފިއެވެ.
އެޗްއާރުސީއެމުން އެފަދައިން ގޮވައިލީ، ވައްކަން ކޮށްގެން ކަމަށް ބުނެ މީހަކު ހިފަހައްޓައި ބޭންދުމަށްފަހު، އޭނާގެ ގަޔަށް ހުދު ކުލައިގެ ދަވާދު ޓައްޕެއް އަޅައިލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި ފަހުންނެވެ.
އެ ކޮމިޝަނުން ބުނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އެފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދިފައެވެ. އަދި އެފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމުން ގޮވައިލިއެވެ.
"އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެޗްއާރުސީއެމުން ބުންޏެވެ.
ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ވައްކަން ކުރިކަމަށް ތުހުމަތުވާ މީހާ ދަވާދު ޓައްޕެއް ކައިރި އިށީނދެ އިންނަ ތަނެވެ. އެ ތަނުގައި ބައެއް މީހުން ތިއްބެވެ.
ދެން ފެންނަނީ މީހަކު އޭނާގެ ގަޔަށް ހުދުކުލައިގެ އެ ދަވާދު ޓައްޕު އަޅައިލާ ތަނެވެ.
އެހެން ވީޑިއޯތަކުގައި އެ މީހާ ފުލުސް ޖިޕަކަށް އަރުވާ ތަން ވެސް ފެނެއެވެ. އަދި ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ބާލުވައި ވައްދާތަން ވެސް ފެނެއެވެ.
އެ ވީޑިއޯތަކަށް ކޮމެންޓުކުރި ގިނަ ބަޔަކު ވެސް ވަނީ، އެ މީހާގެ ގަޔަށް ދަވާދު އަޅައިލުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އަދި ވައްކަން ކުރުމުން އެ ކަން ކުރިކަމަށް ތުހުމަތުވާ މީހާއާމެދު ތަހުގީގު ހިންގައި އަދަބު ދޭން ވަކި ބަޔަކު ތިބޭކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓު ކޮށްފައިވެއެވެ.
ނަމަވެސް މަދު ބަޔަކު އެ ކަމަށް ތަރުހީބު ވެސް ދީފައިވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި މީގެ ކުރިން ވެސް މިފަދަ ބައެއް ކަންކަން ހިނގައިފައިވެއެވެ.