މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރާ މަޝްރޫއަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދަނީ

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތްތަކެއް: މި ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ހަރަކާތްތައް ކުރެވޭނެ ގޮތަށް ކެޕޭސިޓީ އިތުރުކުރަން ބޮޑު މަޝްރޫއެއް ހިންގަމުން -- ފޮޓޯ/ މިފްކޯ

ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އިން 'މޯލްޑިވްސް ފިޝް ސެކްޓާ ކެޕޭސިޓީ ސްޓްރެންތެނިން ޕްރޮޖެކްޓް'އަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި މަޝްރޫއަކީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކް (އައިއެސްޑީބީ)އާއި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ 70.42 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އޮޕަރޭޝަންސް ހަރުދަނާކޮށް އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ފުޅާކުރުމެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ މި މަގާމަށް ކުރިމަލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޓާމްސް އޮފް ރެފަރަންސް (ޓީއޯއާރް) އަދި ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

މިފްކޯއިން ބުނީ، މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓުން ކަމަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ އައިއެސްޑީބީގެ މެންބަރު ގައުމުތަކުން ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ، މިއީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ދޭ ޚާއްސަ އަހަންމިއްޔަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ ބައެއް މަސައްކަތްތައް:

  • ހއ. އިހަވަންދޫގައި މަސް ކިރާ ފެސިލިޓީތަކާއި ކޯލްޑް ސްޓޯރޭޖަކާއި ޕަވަހައުސްއެއް ގާއިމުކުރުން
  • ސ. ހުޅުމީދޫގައި މަސް ކިރާ ކެޕޭސިޓީ އިތުރުކޮށް، ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ އިތުރުކުރުން
  • ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ވެސް އިންފްރާސްޓްރަކްޗާ އިތުރުކުރުން
  • ހުޅުމާލޭގައި ދުވާލެއްގެ މައްޗަށް 35 ޓަނުގެ އެކްސްޕޯޓް ރެޑީ ޕްރޮސެސިން ފެސިލިޓީއެއް ގާއިމް ކުރުން

މިފްކޯއިން ބުނީ، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ވެލިއު އެޑިޝަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

އެންމެ މުހިންމު ކަމަކީ ދިވެހި މަސްވެރިންނަށް ސީދާ ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ މަގުފަހިކޮށްދިނުން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަސްވެރިންނަށް ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކުރުމާއި، މިފްކޯގެ މުވައްޒަފުންނަށް ތަމްރީނާއި ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ރާވައިފައިވާކަން މިފްކޯއިން ހާމަކުރިއެވެ.

މި މަޝްރޫއުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާބެހޭ ގޮތުން މަސްވެރިންނަށް ތަމްރީނު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް