2019ގެ ފަހުން ފުރަތަމަ ފަހަރަށް ބާސާ ޗެމްޕިއަންސް ލީގުގެ ސެމީއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވި ނަމަވެސް އެފްސީ ބާސެލޯނާއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާ އަކުންނެވެ. ނަމަވެސް، ދެ ޓީމުގެ މެދުގައި މިދިޔަ ހަފުތާގައި ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމުން 4-0 އިން ކާމިޔާބުކޮށްފައިވުމުގެ ސަބަބުން އެގްރިގޭޓް ނަތީޖާއިން 5-3އިން ކުރި ލިބިފައިވަނީ ބާސާއަށެވެ.

ސެމީ ފައިނަލްގެ ޖާގައެއް ހޯދަން، ހަތަރު ލަނޑުގެ ތަފާތު ނައްތާލަށް ޑޯޓްމަންޑަށް މަޖުބޫރުވެފައި އޮތުމުން އެ ޓީމުން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޑޯޓްމަންޓުން ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިފައެވެ. މި ލަނޑު ޖަހައިދިނީ ސާހޫ ގުރާސީއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާގައި ދެ ޓީމުގެ ތަފާތު ދެ ލަނޑަށް ކުޑަކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކޮށްދީފައިވަނީ ގުރާސީއެވެ. ނަމަވެސް، ޑޯޓްމަންޑުން ކުރި މަސައްކަތަށް ހުރަސް އެޅުނީ 54 ވަނަ މިނެޓުގައި ބާސާއިން އުފެއްދި ހަމަލާއެއްގައި ޑޯޓްމަންޑްގެ ރަމީ ބެންސެބާނީ އަތުން ބައިކޮޅަށް ވަނުމާ އެކެވެ.

އެ ލަނޑާ އެކު ޑޯޓްމަންޑަށް މާޔޫސްކަން ވެރިވި ނަމަވެސް ސަޕޯޓަރުންގެ ހިތްވަރާ އެކު އެ ޓީމުން އަނެއްކާ ވެސް ހަމަލާތައް ދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 76 ވަނަ މިނެޓުގައި ގުރާސީ ވަނީ ބާސާއާ ދެކޮޅަށް ހެޓްރިކް ހަދައިފައެވެ. އެކަމަކު، އެގްރިގޭޓް ނަތީޖާއިން ބާސާއާ އަރާހަމަކުރެވޭ ގޮތެއް ނުވިއެވެ.

އެހެންވެ، 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސާއިން ވަނީ ޖާގަ ހޯދައިފައެވެ.

ސެމީގައި ބާސާއިން ބައްދަލުކުރަން ޖެހޭނީ އިންޓާ މިލާނާއި ބަޔާން މިޔުނިކާ ބައްދަލުކުރާ ކުއާޓާ ފައިނަލުގެ މެޗުން ކުރި ހޯދާ ޓީމަކާއެވެ. ދެ ޓީމުގެ މެދުގައި ބަޔާންގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގު ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ އިންޓާއިންނެވެ. އެހެންވެ، މިރޭ އިންޓާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު އިންޓާއަށް އޮތް ފުރުސަތު ބޮޑު ނަމަވެސް ބަޔާންއިން ތިބީ ދޫދޭ ވިސްނުމަކު ނޫނެވެ.

comment ކޮމެންޓް