ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ، ޑީއާރުޕީގެ ދަރަންޏަށް އެ މަނިކުފާނު ޒިންމާ ކުރުވުމަށް, އެމްޓީސީސީއިން އުފުލި ދައުވާ އަނބުރާ ގެންގޮސްފިއެވެ.
އެމްޓީސީސީން 2007 ވަނަ އަހަރު ހޯދާފައި އޮތް ޚިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ނުދައްކައި އޮއްވައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ޑީއާރުޕީ އުވައިލުމުން އެމްޓީސީސީން ވަނީ އެ ފައިސާ ޑީއާރުޕީގެ ފުރަތަމަ ޒައީމު، މައުމޫންގެ އަތްޕުޅުން ހޯދަން އެދި ދައުވާކޮށްފައެވެ.
އެކަމަކު، ސިވިލް ކޯޓުން ވަނީ އެ މައްސަލައިގައި މައުމޫން ޒިންމާނުކުރުވޭނެ ކަމަށް ހުކުމްކޮށްފައެވެ.
އެ މައްސަލަ އެމްޓީސީސީން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން އެދުނު ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ ކުރިއަށް ގެންދަން ނިންމައިފައެވެ.
އެއާއެކު މައުމޫންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްތިއުނާފު ކުރެއްވިއެވެ. އެ ކޯޓުން އަދި މި މައްސަލައިގައި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ހައި ކޯޓުން އިއްޔެ ބުނީ މައުމޫންގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެދި މިދިޔަ ފެބްރުއަރީ މަހު އެމްޓީސީސީއިން އެދިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މައްސަލަ ބާތިލް ކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
މައުމޫންގެ ފަރާތްޕުޅުން އަންނަނީ ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާން ނުޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.
އީސީން ޑީއާރުޕީ އުވައިލީ ގާނޫނުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވެގެންނެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޑީއާރުޕީގެ ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރެވޭނީ އެ ފަރާތެއް އެ ގޮތަށް ރުހޭ ނަމަ ކަމަށެވެ. އެކަމަކު، މައުމޫންގެ ފަރާތްޕުޅުން އެ ކަމަށް އިންކާރުކުރާތީ، އެ ދަރަންޏަށް އެ މަނިކުފާނު ޒިންމާނުކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ޑީއާރުޕީ އުފެއްދެވީއިރު ޒައީމްގެ ގޮތުގައި އެ ޕާޓީގައި އިސްކޮށް ހުންނެވީ އޭރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވި މައުމޫނެވެ. އެކަމަކު، ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، މައުމޫން ވަނީ ޑީއާރުޕީ ދޫކުރައްވައި އަމިއްލަފުޅަށް ވަޑައިގެންފައެވެ.
އޭގެ ފަހުން ޕީޕީއެމް ފުރަތަމަ އުފެއްދީ އެ މަނިކުފާނު އިސްވެ ހުންނަވައެވެ. އެކަމަކު، އެއްބަފައި ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، 2016 ވަނަ އަހަރު މައުމޫން ޕީޕީއެމުން ވަކިކުރިއެވެ. އޭގެ ފަހުން، މައުމޫން ވަނީ އެމްއާރުއެމްގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ. އެ ޕާޓީ ވެސް އީސީއިން އުވާލީ ގާނޫނީ އަދަދު ކަމަށްވާ ތިން ހާސް މެންބަރުން ހަމަ ނުވުމާ ގުޅިގެންނެވެ.