ވައިގެ ދަތުރުފަތުރާ ބެހޭ ކޮންފަރެންސަކަށް، އަމީން ގަތަރަށް

މަދަނީ އުދުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން -- ސަން ފޮޓޯ/ މޫސާ ނަދީމް

ގަތަރުގައި އޮތް ވައިގެ ދަތުރުފަތުރާ ބެހޭ ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގަތުމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ބައިންލްއަގުވަމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމުއިއްޔާ (އައިކާއޯ)އިން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި އަމީން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުން ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެ ކޮންފަރެންސް ވަނީ މިދިޔަ ހޯމަ ދުވަހު ފަށައިފައެވެ. މާދަމާގެ ނިޔަލަށް އެ ކޮންފަރެންސް ކުރިއަށްގެންދާއިރު، ކޮންފަރެންސްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ސެގްމެންޓް އޮންނާނީ ވެސް މާދަމާއެވެ.

އެ ސެގްމެންޓުގައި އަމީން ތަގުރީރު ކުރައްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެ ސެގްމެންޓުގައި އައިކާއޯގެ މެމްބަރު ގައުމުތަކުގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރުންގެ މެދުގައި، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ވަނީ މި ކޮންފަރެންސްގައި "ދޯހާ ޑެކްލިރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަނޭޝަނަލް އެއާ ޓަރާންސްޕޯޓް 2025"ގެ ނަމުގައި ގަރާރެއް ފާސްކުރުމަށް ނިންމާފައި ވާކަމަށް ބުނެފައެވެ. އަދި އެ ގަރާރަކީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލެވޭ ގަރާރެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ޒަމާންވީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށާއި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރީންގެ ޙައްގުތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް