ދިފާއުވުމުގެ ހައްގު ނުދީ ކުރަނީ އަނިޔާ، މަހާޒާއި އަޒްމިރަލްދާގެ ސަސްޕެންޝަން އުވައިލަންޖެހޭ: އެމްޑީޕީ

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން މަޖިލިސް ދޮށަށް އެއްވެ އިހުތިޖާޖުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ކޯޓުތަކުގެ ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގެއް ނުދޭ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ބަލައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ޚިލާފަށް ފަނޑިޔާރުންނަށް ކުރާ އަނިޔާއެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މިދިޔަ މަހު 26 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެކަމަކު، ސަސްޕެންޑުކޮށް ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަނިކޮށް ސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ.

އެމްޑީޕީން މިއަދު ވަނީ، ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރި މައްސަލައިގައި ބަޔާނެއް ނެރެފައެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް: އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބަޔާނުގައި ވަނީ، ސަރުކާރުން ސުޕްރީމްކޯޓު "ޕެރެލައިޒް" ކޮށްލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރާ ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވިގެން ކަމަށެވެ.

އެގޮތުން، އެއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއްގެ ގޮތުގައި އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން، އެ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްގެން 'ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް' އޮތް ޖޭއެސްސީން މައްސަލަ ބަލަނީ އިޖުރާއީ އިންސާފުވެރިކަމެއް ނެތި ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ފަނޑިޔާރުންނަށް ދިފާއު ވުމުގެ ހައްގު ނުދޭއިރު، އެ ފަނޑިޔާރުން ހުށަހަޅާ ހެކި ބަލައިނުގަނެ ވަކީލަށް ވެސް ފުރުސަތު ނުދޭކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އެއީ، ގާނޫނު އަސާސީންނާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާ ޚިލާފަށް ހިންގާ ކަމެއްގެ ގޮތުގައި އެ ޕާޓީން ބުނެފައިވެއެވެ.

ޝަރުއީ ދާއިރާއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެެއް ބާރު ކަމަށް ވީހިނދު، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ސަރުކާރުން މިފަދަ ގޮތަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ސީދާ ނުރައްކަލެއް އެމްޑީޕީ

އެހެންވެ، އެ ކަންބޮޑުވުންތަކާއެކު، އެމްޑީޕީން ގޮވާލާފައި ވަނީ ފަނޑިޔާރުންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ބެލުން ހުއްޓާލުމަށާއި މަހާޒާއި އަޒްމިރަލްދާގެ ސަސްޕެންޝަން އުވާލުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ސުއޫދު ވަނީ ހުށަހަޅުއްވާފައެވެ. އދ.ގެ އިތުރުން ކޮމަންވެލްތާއި ވޯލްޑް ބޭންކުފަދަ މާލީ އިދާރާތަކުގެ ސަމާލު ކަމަށް ވެސް އޭނާ މި މައްސަލަ ގެންނެވިއެވެ.

https://sun.mv/204811

މި މަހުގެ ދެ ވަނަ ދުވަހު އދ. އިން ވަނީ މި މައްސަލައިގައި އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ކުރިން ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް އަންގާފައި ކަމަށް ސޫއުދު ވިދާޅުވިއެވެ.

ޖޭއެސްސީން ކުއްލި ގޮތަކަށް ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން ވަރަށް ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ.

އޭގެ ފަހުން ޕީއެންސީން ވަނީ ސުޕްރީމް ކޯޓު ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ވެސް ހުށަހަޅައި ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ އެތައް ދުވަހެއް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ. އެއަށް ފަހު އެ ބިލް އޮތީ ކޮމެޓީ މަރުހަލާގައެވެ.

comment ކޮމެންޓް