މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ސްޕޯޓްސް ފިޝިން ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު "ފްލައި" ނަވާރޯ ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރުސީއިން ބުނީ މި ޕާޓްނާޝިޕަކީ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް އޮތް ޝައުގުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ފްލައި ނަވާރޯއަކީ ހަ ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގަލަރެއްކަން އެމްއެމްޕީއާރުސީއިން ވަނީ ފާހަގަކޮށްފައެވެ.

ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ފްލައި ރަވާނޯ -- ފޮޓޯ/ އެމްއެމްޕީއާރުސީ
އޭނާއަކީ ފްލައި ޒޯން ފިޝިންގެ ބާނީގެ އިތުރުން ދުނިޔޭގެ "ބްލޫ މާލިން" މުބާރާތް، "ބްލޫ މާލިން ވޯލްޑް ކަޕް"ގެ ވެސް ބާނީއެއްގެ ހައިސިއްޔަތުން މީޑިއާއާއި އިވެންޓް ޕްރޮޑަކްޝަންގެ ޒަރީޔާއިން އެންގަލަރުންގެ ކޮމިއުނިޓީ ބަދަހިކޮށް ފުޅާކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ މީހެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރުސީއިން ބުނީ މި އެމްބަސިޑާޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ދަށުން ވިޒިޓް މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ބުރުނުބޮމަ ގްލޯބަލް ފިޝިން މުބާރާތުގައި ނަވާރޯ ބައިވެރިވާނެ ކަމަށެވެ.

ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ފްލައި ރަވާނޯ -- ފޮޓޯ/ އެމްއެމްޕީއާރުސީ
އެ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމްފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށް ނިންމާފައި ވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލު. އަދި މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް. މި މާހައުލު ދުނިޔެއަށް ދައްކާލަދިނުމަށް އެހީތެރިވެދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް. ފްލައި ނަވާރޯ
ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުން ފްލައި ނަވާރޯގެ ސްޓްރެޓެޖިކް މީޑިއާ އައުޓްރީޗް އިންޓަނޭޝަނަލް ޕާޓްނާޝިޕް އަދި އޮންދަ ގްރައުންޑް އިނީޝިއޭޓިވްތައް މެދުވެރިކޮށް ކުޅިވަރު މަސްވެރިކަމާއި މެރިޓައިމް ޓޫރިޒަމް އިންޑަސްޓްރީގައި ރާއްޖެ އިސްތިހާރު ކުރުމަށް އެހީތެރިވެދޭނެކަން އެމްއެމްޕީއާރުސީއިން ވަނީ ފާހަގަކޮށްފައެވެ.
އޭނާ މި މަގާމަށް ގެނައުމަކީ ދެމެހެއްޓެނިވި ކުޅިވަރު މަސްވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ލީޑަރަކަށްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.