އާ ޖެނަރޭޓަރެއް ގެނެސް، ކެންދޫ ކަރަންޓުގެ މައްސަލަ 48 ގަޑިއިރުތެރޭ ހައްލުކުރަނީ

ބ. ކެންދޫ: އާ ޖަނަރޭޓަރެއް ގެނެސް، ކެންދޫ ކަރަންޓުގެ މައްސަލަ 48 ގަޑިއިރުތެރޭ ހައްލުކުރަނީ

ބ. ކެންދޫއަށް އިތުރު ޖެނެރޭޓަރެއް ގެންގޮސް، ދިމާވެފައިވާ ކަރަންޓުގެ މައްސަލަ 48 ގަޑިއިރުތެރޭ ހައްލުކުރަން މަސައްކަތް ކުރާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ކެންދޫން ކަރަންޓު ކެނޑޭތާ ހަ މަސް ވެފައިވާ ކަމަށާއި، އިއްޔެ މެންދުރު ފަހުން ފެށިގެން ކަރަންޓު ކެނޑިފައި އޮތް ކަމަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ރޭ ވަނީ ވިދާޅުވެފައެވެ.

https://sun.mv/204823

އެރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކެންދޫއަށް ކަރަންޓު ފޯރުކޮށްދެނީ 400 ކިލޯވޮޓްގެ ދެ ޖެނެރޭޓަރާއި 250 ކިލޯވޮޓްގެ ޖެނެރޭޓަރަކުން ކަމަށެވެ. އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވީ އޭގެތެރެއިން 400 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓަށް ފެނާއި ތެޔޮ އެއްވުމުގެ މައްސަލައެއް ދިމާވެގެން ކަމަށް އެ ބަޔާނުގައި ވެއެވެ.

ފެނަކައިން ބުނީ، އެ މައްސަލަ ފާހަގަވުމާއެކު ހެޑް އޮފީހުގެ ޓެކްނިކަލް ޓީމަކުން އެރަށަށް ގޮސް، އެ ޖެނެރޭޓަރު ސެޓު އޯވަހޯލް ކުރިކަމަށެވެ. ނަމަވެސް، އޯވަހޯލްކޮށް ހިންގަންފެށިތައި 15 ދުވަސްފަހުން އިތުރު މައްސަލައެއް ދިމާވެ ޖެނެރޭޓަރު ސެޓު ބޭނުން ނުކޮށް ނިވާލަން ޖެހުނު ކަމަށް އެ ބަޔާނުގައި ވެއެވެ.

ބާކީ ހުރި ދެ ޖެނެރޭޓަރުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނުކަން ފާހަގަކޮށް ފެނަކައިން ބުނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ރޭ ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުފައި ދަންވަރު 1:15 ހާއިރު މުޅި ރަށަށް ކަރަންޓު ދެވުނު ކަމަށެވެ.

އަދި މިއަދުގެ ވަގުތެއްގައި 400 ކިލޯވޮޓްގެ އާ ޖެނެރޭޓަރު ސެޓެއް އެރަށަށް ފޮނުވައި 48 ގަޑިއިރުތެރޭ ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަ ކަމަށް އެ ބަޔާނުގައި ވެެއވެެ.

"ސަން"އާ ވާހަކަ ދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވީ އެ ރަށުގައި 250 ވޯޓުގެ ޖެނަރޭޓަރެއް ބަހައްޓައިގެން ބައެއް ހިސާބުތަކަށް ކޮންމެ ވެސް މިންވަރަކަށް ކަރަންޓު ދެމުންދާ ކަމަށެވެ. އެ ގޮތުން ސަރަހައްދަކަށް ކަރަންޓު ދެމުންދަނީ 15 މިނެޓަށް ކަމަށާއި، އަނެއް 15 މިނެޓު އަނދިރީގައި ތިބެން ޖެހޭ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

އިބްރާހީމް ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ ހަ މަސް ވެފައިވާ ކަމަށެވެ. މި މައްސަލަ ސަރުކާރުގެ ކަމާގުޅޭ އިދާރަތަކަށް އެންގުމާއެކު، ފެނަކައިންނާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް އޮތީ ރޯދައިގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭން ބުނެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ރޯދަމަސް ނިމުނުއިރު ވެސް އެ މައްސަލަ ހައްލުވެފައި ނުވެއެވެ.

ކެންދޫއަކީ 1،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑު ވެފައިވެއެވެ. މި ސަރުކާރުން ވަނީ، އެ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީ، އަތޮޅުތެރޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް އަދާހަމަނުކޮށް ކުރުން ކަމަށް ބުނެފައެވެ.

comment ކޮމެންޓް