މަރުކަޒީ ޖަލު އެޅެންދެން ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް ދެނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: މަރުކަޒީ ޖަލު އެޅެންދެން ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް ދޭން ނިންމައިފި -- ފޮޓޯ/ ޕީއެސްއެމް

މާލޭ ސަރަހައްދުގައި ގާއިމްކުރާ މަރުކަޒީ ޖަލުގެ މަސައްކަތް ނިމެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ދިނުމަށް ނިންމާފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މި ނިންމުން ނިންމެވީ މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އަދި ކަރެކްޝަންސްއާ މަޝްވަރާ ކުރުމަށް ފަހުކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން،" މިނިސްޓްރުގެ ޓްވީޓުގައި ވެއެވެ.

މަރުކަޒީ ޖަލާ ގުޅިގެން މީގެ ކުރިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖަލު ހިންގުމުގެ ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށެވެ. ނަމަވެސް، މަރުކަޒީ ޖަލެއް ގާއިމް ކުރުމުން އެ އަދަދު 17000 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެެވެ.

https://sun.mv/187543

އެފަދަ ޖަލެއް ގާއިމުރުމުން، އެ ޖަލުގައި ގައިދީން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށާއި މިހާރު ތަފާތު ޖަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެއް ޖަލަކަށް ގެންދިޔުމުން، އެ މީހުންނަށް ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް އެކަނި ދިނުމުގެ ބަދަލުގައި ބައެއް މީހުންނަށް ގައިދީން އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރުކަޒީ ޖަލު ގާއިމުކުރާނީ މާލޭ ސަރަހައްދުގައި ކަމަށާއި އެއީ ކޯޓުތަކާއި ސިއްހީ ފަރުވާގެ ޚިދުމަތް މި ވަގުތު އެންމެ ފުރިހަމައަށް ލިބެނީ މި ސަރަހައްދުން ކަމަށްވާތީ ކަމަށެވެ.

"އެހެންވީމަ ޖަލު މި ފެސިލިޓީތަކާ ދުރުވި ވަރަކަށް އެބަ އުނދަގޫވޭ، އިތުރު ޚަރަދުތަކެއް އެބަ ކުރަން ޖެހޭ ދައުލަތުން މި ޚިދުމަތް ދިނުމަށް. އެހެންވީމަ އެންމެ ޚަރަދު ކުޑަކޮށް، ރިކަރަންޓް ޚަރަދު ކުޑަކޮށް މިކަން ކުރެވޭނީ މާލެއާ ވީހާ ވެސް ގާތުގައި މި ޚިދުމަތް ފޯރުކޮށްދެވިގެން،" އިހުސާން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި މީހުންގެ އަދަދު 1200އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުން އެހެން ޖަލުތަކަށް ބަދަލުކޮށް، އެ ޖަލު މިހާރު ވަނީ ބަންދުކޮށްފައެވެ.

މާލޭ ޖަލު ބަދަލު ކުރަން ނިންމީ އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީއެެވެ.

comment ކޮމެންޓް