"އުފާވެރިކަމުގެ ސިއްރަކީ އާދައިގެ ކަންތައްތަކުން ހިތްހަމަޖެހިގަތުން ލިބުމެވެ."

***

" ފާމް އެގްސް އެނޑް ސަމް ޕައި..." އޭނާ ބުނެލިއެވެ. އަދި އޭނާ އުޅެނީ މިގެއާ އެހާ ދުރުނޫން އަނެއް މަގުގައި ހުންނަ ފާމްގައި ކަމުގައި ބުނެލިއެވެ. އަދި އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ އަންނަން ދައުވަތުދިނެވެ.. ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ.

***

"އަވަހަށް ހިނގާ ސައެއް ހަދާލަމާ....ކާރުތެރޭ ދޯ ވީ ހުރިހާ އެއްޗިއްސެއް..." ކޮޓަޖަށް އައި މަގުމަތީގައި ގަތް އެއްޗެހި ނަގަން ކާރާއި ދިމާލަށް މާޒިމް ހިނގައިގަތެވެ.

އުރުޖުވާން ބަދިގެ ތެރެ ހޯދައިލިއެވެ. ރީތިކޮށް ކުރެހުން އަޅާފައި ހުރި ޖޯޑާއި ތަށިތަށް ސާފުކަމުން އޮފް އަރައެވެ. އަލަމާރިތައް ފުރާލާފައިވީ ލުއިި ކާނާތަކުންނެވެ. ކުޑަދޮރުތަކުން ޚަރީފުގެ މަންޒަރުތައް ފެނުމުން ހިތަށް އުފާވެރިކަން ލިބުނެވެ. އޭނަ މޭޒު ތައްޔާރުކުރަން ހުއްޓާ މާޒިމް އައިސް އޭނަގެ ފޯނު މޭޒުމަތީގައި ބާއްވާފައި ކޮތަޅުތައް ހުސްކުރަންފެށިއެވެ. މާޒިމްގެ ފޯނު ރިންގު ވާން ފެށުމާއެކު އުރުޖުވާންއަށް އަވަހަށް އެ ދިމާލަށް ބެލުނެވެ. އޭނައަށް ހުރެވުނީ އެފޯނުގެ އިންތިޒާރުގައެވެ. އަވަހަށް ގޮސް ފޯނު ނެގީ ހިނިތުންވެލަމުންނެވެ. ޚުޝަލް ފޯނުން ވީޑިއޯ ޖައްސާލައިގެން އިނުމުން މިރެލް ކުޅެން އިންތަން ފެނުނެވެ.

" އަޅޭ ކޮބާތަ މަންމަ ގެ މިރެލް...." އުރުޖުވާން ވަރަށް ލޯބިން ގޮވައިލިއެވެ. ނަމަވެސް ކަހާ ތަން ހިރުވައިވެސް ނުލައެވެ. ހުޝަލް މިރެލް ގައިގާ ކުޑަކޮށް ކޮށްޓާލިއެވެ.

" ރުޅީތަ؟" އުރުޖުވާން ދެރަވިއެވެ. ޚުޝަލް ކުޑަކޮށް ހީލިއެވެ. އޭނަ ކޮށްޓާލުމުން މިރެލް ކުޑަކޮށް ސަމާސާ ވައްތަރެއް ޖައްސައިލިއެވެ. ނަމަވެސް އެހާ ޝައުގުވެރިކަމެއް ނުދެއްކިއެވެ. މާޒިމް ގޮވައިލުމުންވެސް މިރެލް ދިނި ބީރު ކަންފަތެކެވެ.

" ހްމްމް.....ހާދަ ތުއި ކުއްޖެކޭ....އަންކަލް އާ އާންޓްގެ ކުއްޖަކަށް ވެ ނިމުނީ ދޯ....އޯކޭ ދެން..." މާޒިމް މިރެލް ލައްވާ އެއްޗެކޭ ބުނުވަން އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ.

" މިއަދު ކުޑަކޮށް މަޑުން އުޅޭ ދުވަހެއް.....ކުޅުމުގައި ހަމަ...." ހުޝަލް ބުނެލިއެވެ. މާޒިމް ކޯލް ކުރުކޮށްލީ އުރުޖުވާންގެ މޫނު މަތީން ދެރަވެފައި ހުރިކަން ހާމަވާން ފެށުމުންނެވެ. މި ދަތުރުގެ އުފާވެރިކަން ގެއްލެން އޭނާ ނޭދެއެވެ.

"އެހާ ހާސްވާ އެއްޗެއް ނޫން...އެނގެއެއްނު މިރެލް ކުޑަޔަކަސް ވަރަށް އެޓިޓިއުޑް ދައްކާލާ...އަހަރެމެން ނެތީމަ ޚުޝަލްމެން އަދި އިތުރަށް ސްޕޮއިލްކޮށްލީމަ ހެން ހީވަނީ.........." މާޒިމް ހިނގަނޑެއް ޖަހާލަމުން ސައި ކުރަޔަށް ފެން އެޅިއެވެ.

އުރުޖުވާން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލަމުން ލުއި ހިނިތުންވުމެއް ދިނެވެ. އޭނާ ދަރިފުޅު މަތީން މާ ބޮޑަށް ހަނދާންވަނީއެވެ. އުރުޖުވާން އޭނާގެ ޝޯލް ނަގަމުން އިސްތަށިގަނޑު ނިއުޅުވާލިއެވެ. ދަތުރު ވަރުބަލިަކން އިހުސާސްވާން ފެށީ ދެނެވެ. އޭނަ ބޭނުންވަނީ އަރާމުކޮށްލުމަށެވެ. ދެމީހުންވެސް ސައި ބޮއެ ނިންމާލުމަށްފަހު އަރާމުކޮށްލަންވަނީ ކޮޓަރިއަށެވެ.

އުރުޖުވާން ސައިތަށި ހިފައިގެންގޮސް ޖައްސައިލީ ކުޑަދޮރު ކައިރީގައި ހަދާފައި ހުރި ސީޓުގައެވެ. ތިންކުލައިގެ ކުޝަންތަކާއެކު މަޑުގޮދަޑިއެއް އަޅާފައިވާއިރު ރަޖާއަކާއިއެކު ފޮތެއްވެސް އޮތެވެ. ބިއްލޫރި ކުޑަދޮރުގައި ބޮސްދެމުން ދިޔައީ ރަންކުލައިގެ ފަތްތައް ލާފައި ހުރި އޮފިތަކެވެ. ސީޓާއި ދިމާލުން އެއްފަރާތުގައި ދޫލަމަތީގައި ހުރީ ދަންފުޅިއެއްގެ ބައްޓަމަށްހުރި ވަކަރު ސްޓޫލްއެކެވެ. އޭގެމަތީގައި ހުރި ބިއްލޫރި ފުޅީގައި ހުރީވެސް ރަން ފަތްތައް ލާފައި ހުރި ކުޑަ ގަހެކެވެ. އަދި ބަރިއަކަށް ޖަހާފައި ހުރި ފޮތްތަކެވެ. އޭނަ ކުޑަދޮރު ހުޅުވައިލުމުން ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ވަދެ އޭނާގެ އިސްތަށިގަނޑުގައި ބޮސްދޭންފެށިއެވެ. ވައިރޯޅީގެ މަޑު އަޑު ހީވަނީ ހަމަހިމޭން ލަވައެއް ހެންނެވެ.

އިރުގެ ރަން އަލިކަން މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. އުޑުގެ ކުލަ މިހާރު ވަނީ އަޅިކަމާއެކު ނޫކުލައަށް ބަދަލުވެފައެވެ. އެކި ކުލައިގެ ވިލާތައް އުފުގުގައި ދަތުރުކުރަމުން ދިޔައެވެ. ފަޒާގެ ފިނިކަން އިތުރުވެ، ވެއްޓެމުންދާ ގަސްފަތްތަކާއި ދުރުގައިވާ ދުންހޮޅިތަކުގެ ވަސް ވައިގާ ހިފަން ފެށިއެވެ.

"މިކަހަލަ ވިންޑޯސީޓުތައް ކިހާ އަރާމު...ފޫހިނުވެ ބޭރަށް ބަލަން ގަރުނެއްވިޔަސް އިނދެވޭނެ."އޭނަ ގައިމަތީ ތުނި ރަޖާ އަޅައިލަމުން ކުޝަންއަކަށް ލެނގިލިއެވެ. "ބިއުޓިފުލް...."

"ހޫމް ފޫހި ކުއްޖާގަނޑެއް. އަހަންނާއި ދިމާލަށް ތިހެން ބަލަން ނީންނާތީ އަދަބެއް.....މިގެއިންވެސް ދަނީ...." މާޒިމް ލޯ ހަނިކޮށްލިއެވެ.

"ހެހެ..އަވަހަށް ވަޑައިގަންނަވާ......."އޭނަ ބުމަ އަރުވައިލިއެވެ.

މާޒިމް އޭނަގެ ކޮލުގައި ބާރަށް ހިފާލާފައި ބޭރަށް ނިކުތީ މެއިލް ޗެކްކޮށްލަންވެގެން ލެޕް ހިފައިގެންނެވެ. އަދި އޭނައަށް އައިސްފައިވާ ފޯނުކޯލްތަކާއި މެސެޖަށް ޖަވާބުދާރީވުމަށެވެ.

ދަނޑުތަކުގެ ހިމޭންކަން ވަނީ ކުލަގަދަ ކުރެހުމެއްހެން އޭނާގެ ކުރިމައްޗަށް ފެތުރިފައެވެ. އޭނާ ހުރިހާ އެއްޗެއް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ވޭތުވެދިޔަ ދުވަސްތަކެއްވެސް، ކުރިއަށް އޮތް ދުވަސްތަކެއްވެސް ހަނދާނުގައި ނެތެވެ. ހަމައެކަނި ވައިރޯޅިއާއި ހަމަހިމޭންކަމެވެ. އެކަމަކު އޭނާގެ ލޯ އަލުން ހުޅުވުނުއިރު ހުރިހާ އެއްޗެއް ބަދަލުވެގެން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ގޭގެ އެތައް ދުރުގައިވާ ހުސް ދަނޑަށެވެ. ދިގު ވިނަތައް ރިހިކުލައިގެ އަލީގައި އާވިވަމުން ދިޔައެވެ. ހަވީރުގެ ވައިރޯޅިތަކުގެ ސަބަބުން އެ ވިނަތައް ހެލިފެލިވަނީ ކަނޑުގެ ރާޅުތަކެކޭ އެއްފަދައިންނެވެ. އެހިނދު އޭނާއަށް ފެނުނެވެ. ކުޑަކުޑަ ސޫރައެކެވެ. ރަގަޅަށް ބަލައިލުމުން އަންހެންކުއްޖެއްކަން ޔަގީންވިއެވެ.

އެ ކުއްޖާހުރީ ގަސްތަކާ ދިމާއަށް މޫނު އަނބުރާލައިގެންނެވެ. ލައިގެން ހުރީ މަޑު ކްރީމް ކުލައިގެ ހެދުމެކެވެ. އެ ހެދުން ވައިގައި ހެލިފެލިވަމުން ދިޔައެވެ. އޭނާގެ ދިގު، ކަޅު ބުޅި އިސްތަށިގަނޑު ހަލަބޮލިކަމާއިއެކު ވިހުރެންފެށިއެވެ. ހަމަ މިރެލްގެ އިސްތަށިގަނޑުހެންނެވެ. އެއީ ހަމަ މިރެލްގެ ކުޑަކުޑަ ކޮނޑާއި ނާޒުކު އަތްތައް ފުރަގަހަށް ލައިގެން ހުންނައިރު ހުންނަ ގޮތެވެ. އޭނައަށް ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.

"މިރެލްތަ؟ " އޭނަގެ ނޭވާވެސް ހުއްޓުނެވެ. ކުއްލިއަކަށް ވައިރޯޅި ބަދަލުވިއެވެ. އޭނައަށް ހީވީ ކުޑަކުއްޖެއްގެ ހުނުމުގެ އަޑު އިވުނުހެންނެވެ. އެއީ ވަރަށް މަޑު، ދުރުން އިވޭ އަޑެކެވެ. އެފަދަ އަޑަކީ ހަޤީޤަތުގައި އިވުނު އަޑެއް ނުވަތަ ހަމައެކަނި ހިޔާލެއް ބާވައޭ ސުވާލު އުފެދޭފަދަ އަޑެކެވެ.

އެހިނދު އެ ކުޑަކުއްޖާ އެނބުރިލިއެވެ. އެއް ކޯތާފަތް ފެންނަވަރަށެވެ. އެ ކޯތާފަތް ހުރީ ވަރަށް ހުދުކޮށެވެ. އާދަޔާ ޚިލާފަށް ހުދުކޮށެވެ. ފަނޑުވަމުންދާ އުދަރެހާ އަޅާބަލާއިރު އެ ހުދު ހަންގަނޑު ދިއްލިފައިވާހެން ހީވިއެވެ. އެއީ މިރެލްއެއްނޫނެވެ. އެހެން ކުއްޖެކެވެ. އެއާއެކު އެކުޑަކުއްޖާ ލޯމަތިން ގެއްލުނެވެ. އެއްވެސް އަޑެއްނެތި އެނބުރިފައި ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ. ވިނަތަކުގެ އަޑެއްވެސް، ގަސްފަތްތަކުގެ ހުސް އަޑެއްވެސް ނީވެއެވެ. ހަމަ އެއްކޮށް ގެއްލުނެވެ. ބޭރު ދުނިޔެ މިހާރު ވަނީ ވަރަށް އަނދިރިވެފައެވެ. ދަނޑުމަތީގައި ދިގު ހިޔަނިތައް ފެތުރިފައިވެއެވެ. ފަހަރެއްގައި އެއީ ކޮންމެވެސް އެއްޗެއްގެ ހިޔަންޏަކަށްވެސް ވެދާނެއެވެ.

ނުވަތަ އަލިކަމުގެ ސަބަބުން އޭނާގެ ހިޔާލަށް އައި އެއްޗެއް ކަމަށްވެސް ވެދާނެއެވެ. އެކަމަކު އޭނާގެ ހިތުގައި އެ އިހްސާސް އަދިވެސް އޮތެވެ.

" އުރޫޖް....މަޣުރިބް ގަޑީގަ ބޭރު ބަލަން ތި އިންނަނީ...އަސުރު ކުރިންތަ؟" މާޒިމްގެ އަޑު އިވުމުންވެސް އޭނައަށް ސިހިފައި ކުޑަ އަޑެއް ލައްވައިލެވުނެވެ. ބިރުގެންފައި ހުރުމުން މޭ މަތީ އަތް އަޅާލެވުނެވެ. މަޖަލުގައި އޭނާއަށް ނަމާދު ވަނީ ހަނދާނުން ކަށްސާލެވިފައެވެ.

" އޯ ނޯ....މާޒް ކީއްވެ ހަނދާންކޮށްނުދިނީ....އަޅޭ...މިއަދު ހަމަ އެއވެސް ނަމާދެއް ކުރަން ހަނދާން ނެތް..."އޭނަ އަވަސް އަވަހަަށް ދޮރު ލައްޕާލިއެވެ. ފަހު ފަހަރަށްވެސް ދަނަޑަށް ނަޒަރެއް ހިންގާލަމުންނެވެ.

" އައި އޯލްސޯ ރިމެމެބާޑް ލަހުން....އެހެންވެ ދެންމެ ކޮށްލައިގެން މިއައީ....އުރޫޖް އަވަހަށް ދޭ ނަމާދަށް...."

އުރުޖުވާން ވެސް އަވަސްވެގަތީ ވުޟޫކުރުމަށެވެ.

އުރުޖުވާން ނަމާދު ނިންމާލުމަށްފަހު ކޮޓަރިން ނުކުތީވެސް ނަމާދު ދޮޅި އަޅައިގެން ހުރެއެވެ. މާޒިމް މީހަކާ ވާހަކަ ދައްކާ އަޑު އިވޭތީ ހެދުންވެސް ބަދަލުނުކޮށް އަވަސްވެލައިގެން އައީއެވެ. އެއީ ކުރިން ދިމާވި މުސްކުޅި ދައިތައެވެ. އޭނާ ހުރީ ދޮރުގެ ބޭރުގައި، މަޑު އަލިކަމުގެ ތެރޭގައެވެ. އުރުޖުވާން ކައިރިއަށް ޖެހިލި ވަގުތު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެދައިތަގެ ނަޒަރު އޭނަގެ މޫނުން ފެށިގެން ނަމާދު ހެދުމާ ހަމައަށް ދިޔައެވެ. އަދި އޭނާގެ ތުންފަތް ކުޑަކޮށް ތުރުތުރުއަޅާލިއެވެ.

"އައި ބްރޯޓް ޔޫ ސަމް ޑިނާ....ރޯސްޓް ޗިކެން އެންޑް ސަމް ބޮއިލްޑް ވެޖެސް....ތޯޓް ޔޫ މައިޓް ނޮޓް ވޯންޓް ޓު ކުކް...ބީންގް....ބިޒީ...." އެ ދައިތަގެ އަޑުގައި މަޑުމައިތިރިކަމެއްވިއެވެ. މާޒިމްއަށް ކުޑަކޮށް ހެވުނެވެ. އުރުޖުވާން ވަރަށް އަދަބުވެރިކަމާއެކު އޭނާއަށް ޝުކުރުއަދާކުރުމަށް ސަލާމް އަށް އަތްދިއްކޮށްލިއެވެ. އެ އަންހެންމީހާގެ ލޯބޮޑުކޮށްލަމުން ވަގުތުން ހިފައިލީ ކަރުގައި އަޅާފައި އޮތް ބޮޑު ސަލީބުގައެވެ. ނަމަވެސް އުރުޖުވާން ދެރަވެދާނެކަމަށް ހީކޮށް އަތްދިއްކޮށްލިއެވެ.

"އަ... އަހަރެން..." އުރުޖުވާން މަޑުމަޑުން، ފަސްޖެހިލުމާއެކު ވާހަކަދައްކަން ފެށިއެވެ. "ޑޫ އެނީ ޗިލްޑްރެން ލިވް ނިއާބައި....އައި ތިންކް އައި ސޯ އަ ލިޓްލް ގާލް އިން ދަ ފީލްޑްސް...." އުރުޖުވާން އަވަހަށް އޭނާގެ އަތް ދަމާލަމުން އަހާލިއެވެ. އެ މުސްކުޅި ދައިތަ ހިފަހައްޓާލައިގެން ހުރި ބަރު ނޭވާ ދޫކޮށްލިއިރު ދުން އެރިއެވެ.

"ޔޫ ސޯ އަ ޗައިލްޑް؟" ދައިތަ ލޯ ބޮޑުކޮށްލުމާއެކު ސަލީބުގައި ބާރަށް ހިފާލިތަން ފާހަނގަ ވިއެވެ.

" ވެއާ އިޒް ޔޯ ޗައިލްޑް؟"ދައިތަަ އަހާލިއިރު ހީވީ ހުރިހާކަމެއް އެނގޭހެންނެވެ. އެ ސުވާލުން އެންމެނަށް ސިހުމެއް ލިބުނެވެ.

" އެޓް ހޯމް ސޭފް ވިތް ފެމިލީ...." ޖަވާބު ދިިނީ މާޒިމްއެވެ. އަދި އުރުޖުވާންގެ ކޮނޑުގައި އަތް އަޅަމުން ގާތްކޮށްލިއެވެ. އެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ. މާޒިމްގެ ހިތަށް ވެސް އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ. ކޮންމެވެސް ގޯހެއްވާހެން ހީވީއެވެ. އެ ދައިތަގެ ލޯ އުރުޖުވާންގެ މޫނުން ކައްސައެއް ނުލައެވެ. އޭރުވެސް ސަލީބުން އަތް ދޫކޮށެއްނުލައެވެ.

އެ ދައިތަ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތީ ދެފަޔަށް ބާރުލާފައެވެ. މާޒިމް އަވަހަށް އޭނާއަށް ބާއްޖަވެރި ރޭގަނޑަކަށް އެދުނެވެ. ދައިތަ ދަމުން ލޯ އަޅާލި ގޮތުން އުރުޖުވާން ބިރުން ހަލާކުވާވަރުވިއެވެ. މިރެލްގެ މަތިން ހަނދާންވިއެވެ. ދަރިފުޅަށް ކަމެއްވާން އުޅެނީހެއްޔެވެ؟ މަންމައެއްގެ ހިތަށް އެފަދަ ވަހުމެއް ވަންނާނީ ކަމެއް ގޯސްވާތީ ބާވައެވެ. އޭނަގެ ހިތުގައި އެތައް ޝައްކުތަކާއި ވަހުމެއް އުފެދުނެވެ. އޭނަގެ ޟަމީރު ކޮންމެވެސް ގޯހެއްވާން އުޅޭކަމުގައި ބުނަން ފެށުމުން ހުރިހާ އުފަލެއް ފަނޑުވެ އެހެން އިހުސާސްތަކުން ހިތް ފުރުނެވެ.

" ބިޓް ކްރިޕީ އޯލްޑީ އެއް ދޯ.....ކުޑަކޮށް ހުންނާނެ އެކަހަލަ މީހުންގެ ނުބައި ފާޑެއްވެސް... ސަލީބުގައި އެހާ ބާރަށް ހިފަހައްޓައިގެން... މިތާ ކައިރީ ޗާޗުގަ ވެސް މި މީހާ އުޅޭ ކަމަށް ވަނީ. ކްރިސްޓިއަނެއް އެކަމަކު............." އޭނަ އަވަހަށް ގޭގެ ދޮރު ލައްޕާލާފައި އުރުޖުވާންގެ އަތުގައި ހިފައިގެންގޮސް ސޯފާގައި އިށީނެވެ.

" ހްމް ދޯ...އެކަމު މިއަދު މިރެލް ގެ މިޒާޖުވެސް ހާދަ ތަފާތޭ....ވާހަކއެއް ވެސް ދައްކާނުލާ...ވަރަށް މަޑު މަޑުން...." އުރުޖުވާން ކަންބޮޑުވިއެވެ.

" ދެޓސް ކޮޒް ވީ ކޭމް ހިއާ ވިތައުޓް ހާ....ކުޑަކޮށް ޖެލަސްވެފަ ..." މާޒިމް ސަމާސާ ކޮށްލިއެވެ. އުރުޖުވާން ގަދަކަމުން ހީލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އޮތެވެ. އަވަހަށް ގެއަށް ދާން ބޭނުންވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު