ގަލް ގޮޑޯޓް އުޅޭތީ ލުބްނާނުގައި ސްނޯ ވައިޓް މަނާ

އިޒްރާއިލްގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ ހޮލީވުޑް އެކްޓަރު ގަލް ގަޑޯޓް ލީޑު ރޯލަކުން ފެންނާތީ ލުބްނާނުގައި ޑިޒްނީގެ "ސްނޯ ވައިޓް" އެޅުވުން މަނާކޮށްފިއެވެ.

ޑިޒްނީގެ އެންމެ މަގުބޫލު ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ ސްނޯ ވައިޓަށް ބިނާކޮށް އުފެއްދި ކޮންޓްރޮވާޝަލް ފިލްމު ސްނޯ ވައިޓް ދައްކަން ފަށާފައިވަނީ މިދިޔަ މަހުގައެވެ. އެކި ސަބަބުތަކާ ހުރެ ފިލްމު ވެފައިވަނީ ބޮކްސް އޮފީހުގައި ވެސް އަދި ކްރިޓީކުންގެ ތެރޭގައި ވެސް ބޮޑު ފްލޮޕަކަށެވެ.

ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ ކާސްޓާ މެދު އެތައް ބައެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ސްނޯ ވައިޓްގެ ރޯލުން ފެންނަ ލެޓިން އެކްޓަރު ރޭޗެލް ޒެގްލާއާ ގުޅިގެންނެވެ. މީހުން ބުނާ ގޮތުގައި އޭނާގެ ހަމުގެ ކުލަ ރޯލަކަށް ނުފެތެއެވެ. ދެން ޚިޔާލު އުފެދުނީ އިޒްރާއިލު އެކްޓަރު ގަލް ގަޑޯޓް ފިލްމުގެ ލީޑު ރޯލަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ދެން ފިލްމު ނެރުނު ފަހުން ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވީ ގަލް ގަޑޯޓް އިޒްރާއިލަށް ސަޕޯޓުކޮށް ވާހަކަ ދައްކާތީއެވެ.

އެންމެފަހުން ލުބުނާނުގެ ސަރުކާރުން ވަނީ އެ ގައުމުގައި ފިލްމު އެޅުވުން މަނާކޮށްފައެވެ. ލުބުނާނުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު އަލް ހައްޖަރު ވަނީ އެގައުމުގެ އެއްވެސް ސިނަމާއެއްގައި ފިލްމު އެޅުވުން މަނާކަމަށް އަންގަވައިފައެވެ. އަދި އެ ފިލްމު އެޅުވުން މަނާކޮށްފައިވަނީ ގަލް ގޮޑޯޓް ފިލްމުގައި ރޯލުން ފެންނާތީ ކަމަށް ލުބުނާނުގެ މީޑިއާތަކުން ބުނެއެވެ.

މިއީ ގަޑޯޓްގެ ފިލްމެއް އެގައުމުގައި މަނާކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ގަޑޯޓް އަކީ އެގައުމުގެ "އިޒްރާއިލް ބޮއިކޮޓް ލިސްޓު"ގައި ހިމެނޭ ތަރިއެކެވެ. އެގޮތުން އޭނާ ފެންނަ އެކި ފިލްމުތައް ވަނީ މީގެ ކުރީންވެސް އެގައުމުގައި މަނާކޮށްފައެވެ.

މި ނިންމުމަށް އެތައް ސަޕޯޓެއް އަންނަނީ ސޯޝަލް މީޑިއާގައި ލިބެމުންނެވެ.

comment ކޮމެންޓް