ބެލްޖިއަމްއަށް ނިސްބަތްވާ 19 އަހަރުގެ ދެ ޒުވާނުން, 5،000 އަށްވުރެ ގިނަ ހިނި ކެންޔާއިން ގަވައިދާ ޚިލާފަށް ގެންދަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ކެންޔާގެ ނައިރޯބީއަށް މި މަހު ކުރި ދަތުރެއް ނިންމާލުމަށްފަހު އެނބުރި ބެލްޖިއަމްއަށް ދިޔުމުގެ ކުރީން ލޯނޯއި ޑޭވިޑް އާއި ޝެޕީ ލޮޑެވިކްސް ނިންމީ އެނބުރި ގައުމަށްދާއިރު ކޮންމެވެސް އެއްޗެއް ގެންދަން ޖެހޭނެ ކަމަށެވެ. އެހެން ފަތުރުވެރިންނާ ޚިލާފަށް، އެ ދެ މީހުން ނިންމީ ގިނަ އަދަދެއްގެ ހިނި ގެންދިޔުމަށެވެ.
ކެންޔާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ޒުވާނުން ތިބި ގެސްޓު ހައުސްގައި ވަނީ ޓެސްޓް ޓިއުބްތަކަކަށް އެތައް ހާސް ހިނި އަޅައިފައެވެ. މިއީ ކެންޔާގައި އާންމު ނަމަވެސް، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި މަދުން ނޫނީ ނުފެންނަ ޒާތުގެ ހިންޏެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ދެމީހުން ހައްޔަރުކޮށްފައިވަނީ ވައިލްޑް ލައިފް ޕައިރެސީގެ ކުށުގެ ދަށުން ކަމަށެވެ. އަދި މިއީ މި ފަހަކަށް އައިސް މަޑުމަޑުން އާންމުވަމުން ދާ މައްސަލައެއް ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެހެން ގައުމުތަކުގެ މީހުން ކެންޔާއަށް ދަތުރުކޮށް، އެ ގައުމުތަކުން އާންމުކޮށް ނުފެންނަ ޒާތުގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫފި އެނބުރި އެމީހުންގެ ގައުމަށް ގެންދާ މައްސަލަތައް އަންނަނީ މިހާރު ފެންމަތިވަމުން ކަމަށް ފުލުހުން ބުނެއެވެ.
ކޯޓަށް ހާޒިރުކޮށް އެމީހުންނާ ސުވާލު ކުރުމުން ދެމީހުން ބުނެފައިވަނީ ދެމީހުން ހިނި އެއްކުރީ މަޖަލަކަށް ކަމަށެވެ. އަދި އެއީ ގާނޫނީ ކުށެއް ކަމެއް ދެމީހުންނަށްވެސް ނޭނގޭ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ ސޫފާސޫފި، އެކި ކަހަލަ ކަލެކްޓަރުން ބޮޑު އަގުގައި ކަޅު ބާޒާރުގައި ގަނެއެވެ. އަދި ދެމީހުން އެއްކޮށްފައިވާ ހިނީގެ އަގު 7،700 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވަކި ގައުމަކަށް ޚާއްސަ ދިރުމެއް އެހެން ގައުމަކަށް ގެންދިޔުމުން، އެ ގައުމެއްގެ ބަޔޯޑައިވާސިޓީއަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހެވެ. އެ މައްސަލައިގައި ދާދިފަހުން ކޯޓު އަޑުއެހުން ބޭއްވި ނަމަވެސް ދެމީހުންގެ މައްސަލައިގައި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.