ޖަރުމަނު ލީގުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހު، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އިންޓާ މިލާނުން ޖާގަ ހޯދައިފިއެވެ.
ސެމީ ފައިނަލުން އިންޓާ ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ބަޔާން މިޔުނިކާ ބައްދަލުކޮށް 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބަޔާންގެ ދަނޑުގައި 2-1 އިން އިންޓާއިން ކާމިޔާބުކުރިއިރު އިންޓާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ނިމުނީ 2-2 އިން ލަނޑުން އެއްވަރުވެގެންނެވެ.
މެޗަށް ބަޔާނުން ނުކުތީ ނަތީޖާ އަނބުރާލައި، ސެމީއަށް ދަތުރުކުރުމުގެ އުންމީދުގައެވެ. އެހެންވެ، ހަމަލާއަށް އިސްކަންދީގެން ބޮޑަށް ކުޅުނީ ވެސް އެ ޓީމުންނެވެ. އެކަމަކު، ފުރަތަމަ ލެގެކޭ އެއްގޮތަށް އިންޓާއިން ވަނީ ރަނގަޅަށް ޑިފެންޑްކޮށް، ލިބޭ ފުރުސަތުތަކުގައި ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ.
ހަމަލާއަށް އިސްކަންދީގެން ނުކުތް ބަޔާނުން ވަނީ ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ހުނަރުވެރި ފޯވާޑް ހެރީ ކޭނެވެ. އެ ލަނޑާ އެކު އެގްރިގޭޓް ނަތީޖާ ހަމަހަމަކުރިއެވެ. އެކަމަކު، އެ ލަނޑު ކާމިޔާބުކުރިތާ ހަ މިނެޓް ފަހުން އިންޓާއަށް ލިބުނު ކޯނަރަކުން ކެޕްޓަން ލައުޓާރޯ މާޓިނޭޒްވަނީ ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑާ އެކު އަނެއްކާ ވެސް އެގްރިގޭޓުން އެ ޓީމަށް ކުރި ލިބުނެވެ.
އޭގެ ތިން މިނެޓް ފަހުން އެ ޓީމަށް ލިބުނު އެހެން ކޯނަރަކުން ބެންޖަމިން ޕަވާޑް ވަނީ އިންޓާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ، ފުރަތަމަ ފަހަރަށް އިންޓާއަށް ލީޑު ނަގައިދީފައެވެ. މިމެޗުގައި ބަޔާނުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެރިކް ޑައާއެވެ.
ބަޔާނުން އިތުރު ލަނޑެއް ޖަހައި އިތުރު ވަގުތަށް ގެންދަން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު އިންޓާ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައިވާއިރު ސެމީ ފައިނަލްގައި އިންޓާ ބައްދަލުކުރާނީ އެފްސީ ބާސެލޯނާއާއެވެ. ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ލެގު އަންނަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާއިރު ދެވަނަ ލެގު މެއި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިންޓާގެ ދަނޑުގައެވެ.