ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގެންކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު: ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތްކަމުގެ ތުހުމަތުގައި އޭނާ ފުލުހަށް ހާޒިރުކުރަނީ -- ސަން ފައިލް ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގެން ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މިއަދު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ވަހީދުގެ އިތުރުން އެ ޕާޓީގެ އިތުރު އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ވަހީދު ވެސް އެ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.

"ސަން"އަށް މައުލޫމާތުދެއްވައި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ހުސައިން ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 16:00 އަށް ކަމަށެވެ. އަދި، މުހައްމަދު ވަހީދު ހާޒިރުވުމަށް އަންގާފައިވަނީ މިއަދުގެ 14:00 އަށެވެ.

ދެ މީހުން ވެސް ހާޒިރުކުރަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް މަލީހު ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ޕާޓީގެ އެއްވެސް މެންބަރަކު ގާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ސީޕީ ހުސައިން ވަހީދު -- ސަން ފޮޓޯ

މަލީހު ވިދާޅުވީ، އެ ދެމީހުން ވެސް ފުލުހަށް ހާޒިރުކުރަނީ މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތަކާއި، އަދި އެ ނޫން ވެސް ގޯސްކޮށް ކުރާ ކަންތައްތަކުގެ ވާހަކަތައް ރައްޔިތުންނަށް ތިލަކޮށްދިނުމުގައި ޕީއެންއެފުން މަސައްކަތް ކުރަމުންދާތީވެ، އެކަންކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. އަދި، އެ އަމަލަކީ ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި މަލީހު ސިފަކުރެއްވިއެވެ.

"ނަމަވެސް އަޅުގަނޑުމެން އެކަމެއް ނުހުއްޓާނަން،" މަލީހު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ދެކޮޅަށް ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅުއްވައިފައެވެ.

އެގޮތަށް ދައުވާކުރަން ނިންމެވީ, އެމްޑީޕީން މިދިޔަ މާރިޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާ ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/204854

ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ވަނީ، ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.

ކުރިން އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ، އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް