އަންނަ މަހު 9 ރަށެއްގައި ޤުރުއާން ހިތުދަސްކޮށްދޭން ފަށަނީ

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އަންނަ މަހު ނުވަ ރަށެއްގައި ހާފިޒުން އުފެއްދުމުގެ މަޝްރޫއު ފަށަނީ --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ

އަންނަ މަހު އަތޮޅު ތެރޭގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ފަށާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުން އަންނަ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން، ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާ ރަށްރަށަކީ:

  • ހއ. ދިއްދޫ
  • ބ. އޭދަފުށި
  • ދ. ކުޑަހުވަދޫ
  • އއ. ފެރިދޫ
  • ރ. އުނގުފާރު
  • ހދ. ކުޅުދުއްފުށި
  • ގދ ތިނަދޫ
  • ސ. ހިތަދޫ
  • ލ. ގަން

މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކުގައި އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ، ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ގުރައިދޫ. އަދި ދ. މީދޫ، ނ. ވެލިދޫ، ތ. ކިނބިދޫ، ގދ. ގައްދޫ ލ. އިސްދޫ ކަލައިދޫ އަދި ހއ. އުތީމެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސަވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

https://sun.mv/204865

އެ ކަންކަން ފުރިހަމަކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ އެ މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމުރީނު ކުރުމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަކުރެއެވެ.

comment ކޮމެންޓް