ހިޔާ ސަރަހައްދުގައި އަންނަ މަހު ފަހުކޮޅު ތިން ފަންގިފިލާގެ މިސްކިތެއް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވަނީ، ދެވަނަ ފިޔަވަހީގައި ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފައި ވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށެވެ. އެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތަކުގެ މަސައްކަތް ނިމުމަކަށް ގެނައުން ކަމަށެވެ.
މީގެ އިތުރުން، އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ރަށްތަކާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ރަށްރަކުގެ އިތުރުން ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއެއް ވެސް އަންނަ މަހުން ފެށިގެން ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ޝަހީމް ވަނީ މިއަދު ވިދާޅުވެފަަވެއެވެ.