މުޝްފިގުގެ މަރު ސާބިތުކުރަން ފަށައިފި، ކޯޓުން ބުނީ މައްސަލަ ދިގުލައިގެން ނުދާނެ ކަމަށް

ގެއްލިގެން ހޯދާ މުޝްފިގް: އޭނާ ހޯދުމަށް ކޯސްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުން -- ފޮޓޯ/ އަލީ މުޝްފިގް، ފޭސްބުކް

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރަން ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ފަށައިފިއެވެ.

އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިގު, ނިޔާވެއްޖެ ކަމަށް ނިންމައި, އޭނާގެ މައްޗަށް މިދިޔަ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރަން އޭނާގެ އުފަން ރަށް, ލ. މާވަށު ކައުންސިލުން ނިންމިއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ޝަހީމް އޭރު ވިދާޅުވިއެވެ.

އެއާއެކު އެ ދުވަހު ކުރަން ނިންމި ހުކުރު ނަމާދު ވަނީ ކެންސަލް ކޮށްފައެވެ.

މިނިސްޓަރު ޝަހީމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެއާއެކު ޝަހީމް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ މުޝްފިޤުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރު ނަމާދަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުޝްފިގްގެ މަރު ސާބިތުކުރުމުގެ މަސައްކަތް މާވަށު ކޯޓުން މިހާރު ވަނީ ފަށައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ރޭ ވަނީ ބާއްވައިފައެވެ.

މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ "ސަން" އަށް ވިދާޅުވީ، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ރޭ ބޭއްވި އަޑުއެހުމަށް ފަހު މިއަދުވެސް އަޑުއެހުމެއް ތާވަލުކުރަން ވަނީ ނިންމައިފައި ކަމަށެވެ.

"ސަން" އަށް މައުލޫމާތުދެމުން މާވަށު މެޖިސްޓްރޭޓް ކޯޓުން ބުނީ، އެ ކޯޓުން އެ މައްސަލަ އަދިވެސް ބަލަމުންދާތީ މާދަމާ މުޝްފިގްގެ ކަށުނަމާދު ކުރެވޭނެ ކަމަކަށް ނުބެލޭ ކަމަށެވެ. އަދި މިއަދަށް ވެސް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކުރާއިރު، މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ސުވާލުކުރަންހުރި ކަންކަމާ ގުޅިގެން ސުވާލުކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ގެއްލިގެން ހޯދާ މުޝްފިގް -- ފޮޓޯ/ މުފްލިހް މުހައްމަދު، ފޭސްބުކް

ކޯޓުން ބުނީ ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ އިތުރުން މުޝްފިގްގެ މަރު ސާބިތުކުރުމަށް ބޭނުންވާ އިތުރު ހެކި ބަހެއް ވެސް އަދި ހޯދަންޖެހޭ ކަމަށެވެ. އޭގެ ސީދާ ތަފުސީލަށް ނުދިޔަ ނަމަވެސް ކޯޓުން ބުނީ އެ މައްސަލަ ކޯޓު މަރުހަލާގައި ދިގުލައިގެން ނުދާނެ ކަމަށެވެ.

https://sun.mv/204355

އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދިވެސް މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. ކަށުނަމާދު ކުރިނަމަވެސް އެކި ގޮތްގޮތުން ބަލަންޖެހޭ ކަންކަން އެމްއެންޑީއެފުން ބަލާނެ ކަމަށް ވިދާޅުވިއެވެ.

ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެތެރެއިން ސަލާމަތްވީ 17 މީހުންނެވެ.

comment ކޮމެންޓް