މަސް ރޭސް "ބުރުނު ބޮމަ"އިގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

މަސް ރޭސް ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި: މަސް ރޭސް އިންތިޒާމުކޮށްފަ ވަނީ އެމްއެމްޕީއާރުސީގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބްކަމަށްވާ ވިޒިޓް މޯލްޑިވްސް ކްލަބުން --- ފޮޓޯ/ދިރާގު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބްކަމަށްވާ ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް "ބުރުނު ބޮމަ"އިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން މިއަދު ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑުގައި އަންނަ މަހު ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހާ ހަމައަށް ކަމަށެވެ. މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެކަމަށާއި މި މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑާ، އަދި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެންނާނެކަމަށް ދިރާގުން ބުންޏެވެ.

މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ މި މުބާރާތް ވާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށް ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް މަގުފަހިކުރުވާނެ ކަމެއްކަމަށް ވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

މަސް ރޭސް ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި: މަސް ރޭސް އިންތިޒާމުކޮށްފަ ވަނީ އެމްއެމްޕީއާރުސީގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބްކަމަށްވާ ވިޒިޓް މޯލްޑިވްސް ކްލަބުން --- ފޮޓޯ/ދިރާގު

ވިޒިޓް މޯލްޑިވްސް ކްލަބްގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުން ކަމަށްވާއިރު ބުރުނު ބޮމަ ވާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއްކަން ދިރާގުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް