ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު، މަޑުލު މުހައްމަދު ވަހީދު މިދިޔަ ހޯމަ ދުވަހު އަވަހާރަވުމާ ގުޅިގެން، ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފިއެވެ.
އެކަމަށް ހާއްސަކޮށްގެން ދިވެހިބަހުގެ އެކަޑަމީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދަފްތަރު ހުޅުވައިދެއްވައި, އެންމެ ފުރަތަމަ ލިޔުއްވީ ދިވެހި ބަހާއި ސަގާފަތާ ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި މަރްހޫމް މަޑުލު ވަހީދުގެ އާއިލާގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޑުލު ވަހީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް, ވަހީދުގެ އާއިލާގެ ބޭފުޅުންނާއެކު-- ސަން ފޮޓޯ: މާނިއު މުޙައްމަދު
އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗުގައެވެ.
ވަހީދުގެ ތައުޒިޔާގެ ދަފުތަރުގައި ޝުއޫރު ފާޅުކުރެއްވުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 30ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރުފަހު 1:30އަށް، ދިވެހިބަހުގެ އެކެޑަމީގައެވެ.
މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މަރްހޫމް މަޑުލު ވަހީދުގެ ތައުޒިޔާ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުޙައްމަދު
މަޑުލު ވަހީދު އަވަހާރަވީއިރު، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ބައިގަރުނެއްހައި ދުވަސް ވަނީ ވެފައެވެ. ވަހީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ.
ރީތި ގިނަ ވާހަކަތަކާއި، މަޒުމޫނުތަކާއި، ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2019ވަނަ އަހަރު ލިބިވަޑައިގެންނެވި ވަހީދަށް އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވިއެވެ.
ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައިވާ އަގުހުރި މަސައްކަތްޕުޅަށް 2018ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.