މާލޭގެ ގެއެއްގެ ކޮޓަރީގައި ބޭނުންކުރަމުން އައި ގޮދަޑީގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ބުނީ އެ ހާދިސާ ހިނގީ ހ. ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭގެ ދަންވަރު 02:00 ހާއިރު ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ހިފުމަށް ދިމާވީ އެ އެޕާޓްމަންޓެއްގައި އޮތް ގޮނދަޑިއެއްގައި އަލިފާން ރޯވުމުން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އަދި ފަޔާފަޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ރޭގެ 02:18 ހާއިރު ނިވާލެވިފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
އެ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ، ބަންކް ބެޑެއްގައި ބޭނުންކުރަމުންދިޔަ ގޮދަޑިއެއްގައެވެ. އެ އެނދުގެ ދެ ގޮދަޑީގައި ވެސް ރޯވެ ވަނީ އަނދައިފައެވެ.
މީގެ އިތުރުން ކޮޓަރީގައި ދެން ހުރި ތަކެތި ވެސް އަނދައި ހުލިވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައިނުވެއެވެ.