ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފިއެވެ.
އިސްމާލިކް މިނިސްޓްރީއިން ބުނީ، މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުޞްޙަފު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މިނިސްޓްރީއަށް ހަދިޔާކޮށްފައި ވާކަމަށެވެ.
އެގޮތުން ފުރަތަމަ ޝިޕްމެންޓުގައި 25،000 މުޞްޙަފު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ފޮނުވާފައި ވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެ މުޞްޙަފުތައް ހަވާލުކޮށްފައި ވަނީ މިނިސްޓްރީއާއި ސަޢޫދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
އެ މުސްޙަފުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއާޒް ފަހުދު އަލްދޯސްރީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފުތަކާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ސައުދީ ސަރުކާރުން ހަދިޔާކުރި 25،000 މުސްޙަފާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޝަހީމް ވަނީ، ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާން، ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
މިނިސްޓަރު ވަނީ ކުރިއަށް އޮތް ތަނުގައި އެކި ސައިޒްތަކުގެ މުސްޙަފުތައް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. މިއީ ސައުދީގެ މުސްޙަފު ޗާޕުކުރާ ކާރުހާނާއިން ޗާޕުކުރާ އަގުބޮޑު މުސްޙަފުތަކެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މި މުސްޙަފުތައް މި ވަގުތު އަޅުގަނޑުމެންނަށް ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ކަމެއް. އިސްލާމިކް މިނިސްޓރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.