މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް މިއަހަރުގެ އޮގަސްޓު މަސް އައުމުގެ ކުރިން ހައްލެއް ލިބޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެސްއެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މިހާރު ކައުންސިލުން މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ ކުރިން މުޅި މާލެއިން ފެން ހިނދެން ހަތަރެއް ނުވަތަ ފަސް ވަރަކަށް ގަޑިއިރު ހޭދަވާ ކަމަށެވެ. ނަމަވެސް މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން، ބާރުމިނުގައި 50 ޕަސެންޓު ފެންގަނޑު ހިނދިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ މާލޭގައި ކާނު ސާފުނުކުރާތާ، އަންދާޒާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 ނުވަތަ 15 އަހަރު ވެދާނެ ކަމަށެވެ. އެހެންކަމުން ބޮޑު ޕްލޭނެއް ހަދާ މުޅި މާލެ އެއްކޮށް ސާފުކުރަން ނިންމި ކަމަށާއި އެގޮތުގެ މަތިން އެކަމަށް ބޭނުންވާ މީހުން މިހާރު ސިޓީ ކައުންސިލަށް ނަގާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން މިހާރު ގާތްގަނޑަކަށް 3،500 އަށްވުރެ ގިނަ ކާނު މާލެއިން ސާފުކޮށްފައި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ އަމާޒަކީ އޮގަސްޓު މަސް އައުމުގެ ކުރިން މުޅި މާލެ އެއްކޮށް ސާފުކޮށް ނިންމުން ކަމަށެެވެ. އަދި މިއީ ވަރަށް ބުރަ ބޮޑު މަސައްކަތެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަޅުގަނޑު އަމިއްލައަށް ތަޖުރިބާ ކޮށްލިން އެއްދުވަހު މިއީ ކިހާ ވަރެއްގެ މަސައްކަތެއްތޯ އަޅުގަނޑުމެންގެ މުވައްޒަފުން މި ކުރަނީ. ވަރަށް ބުރަ، އެ ތޫނު އުދެލި ޖަހާލީމަ އޭގައިން ވެލިގަނޑު ނުނެގޭތީވެ، ތޫނުކޮށް ހުންނަ އެއްޗެހި ޖަހާ ވެލިގަނޑު ހަލާކުކޮށް ފުނޑުކޮށްލައިގެން ދެން އުދެލިން މި ނެގެނީ. އެއީ އެތައް ޒަމާނަކު ފެން އެޅި ވެލި އެޅި އެ އެތި މުޅިން އެއްކޮށް ހަރުއަރާފަ ހުންނަނީ ކާނުތެރޭ. މާލޭގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ މާލޭ މަގުތަކުގައި ފެން ބޮޑުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކާނުތައް ބެދިފައި ވުން ކަމަށެވެ. އެހެންކަމުން އޮގަސްޓު މަސް ނިމުމުގެ ކުރިން މިކަމަށް ހައްލު ގެންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އާޒިމް ވަނީ މިކަންކަމަށް ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދެއްވާ އެއްބާރުމަށް ޝުކުރު އާދާކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ މުއައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް މޭޔަރު ވަނީ ސިޓީ ކައުންސިލްގެ މުއައްޒަފުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.