ކުރީގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާގެ މައްޗަށް އުފުލި އަނިޔާއެއް ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލީ އޭނާގެ ދަރިފުޅާއި ކުރީގެ އަންހެނުން އަސްރާއަށް އަނިޔާކުރި ކަމަށް ބުނެ އަސްރާ ފުލުހުންނަށް ބަޔާން ދިނުމުންނެވެ. އެކަމަކު، އޭގެ ފަހުން އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެފައެވެ.
އަސްރާ އެދުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ވަނީ އުފުލައިފައެވެ.
އީސަގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މޭ 19، 2021 ވަނަ ދުވަހުގެ ރޭ ދަންވަރު އަސްރާއާ ދެމެދު ހިނގި ޒުވާބެއް ހޫނުވެ، އޭނާއަށް އަނިޔާކުރިކަން މެޑީކޯ ލީގަލް ރިޕޯޓުން ފާހަގަވާ ކަމަށް ބުނެއެވެ. އެކަމަކު، އެ ދައުވާތަކަށް އީސަގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އީސައާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިން އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ، ދައުވާގައި ބުނާ ގޮތަށް އަސްރާއަށް އަނިޔާކުރި ކަމަށް އަސްރާ ބުނި ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި، އަސްރާއާއި ބައެއް އިތުރު ހެކިން ވެސް ހެކިބަސް ދޭން ދެކޮޅު ހެދިކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވީ އީސަ މިދިޔަ 19 ވަނަ މަޖިލީހުގެ މެންބަރުކަމުގައި ހުންނެވިއިރެވެ.
އެ މައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ދައުލަތުން އެދުނެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފައެވެ.