"މީގެ ކުރިން ދިމާވި ފަރާތެއް ނޫން. އެހެން ނަމަވެސް އުޚްތެއްގެ އޯގާތެރި ބަސްތަކެއް އަބަދުމެ އިވި ހިތްހެޔޮ ކަމުގެ ނަމޫނާ ސިފަތަކެއްގެ ވެރި ޒުވާނެއް،" މިއީ މިއަދު ކުއްލި ގޮތަކަށް ނިޔާވި އުމުރުން 27 އަހަރުގެ އަބްދުﷲ ރިޝްދާނުގެ ކުއްލި ވަކިވުމުގެ ޚަބަރު ހިއްސާކޮށް މީހަކު ލިޔެފައިވާ ވާހަކައެކެވެ.
ރ. އަލިފުށްޓަށް އުފަން ރިޝްދާންގެ ކުއްލި ގޮތަކަށް ނިޔާވީ ފުވައްމުލައް ސިޓީގެ ކޮންސްޓަރްކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓައެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ކަރަންޓުގައި ޖެހިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަރަކާތެއް، ވިންދެއް ނެތެވެ.

ރިޝްދާނާއި އޭނާގެ އަނބިމީހާ އިރަމް -- ފޮޓޯ: ފޭސްބުކް/ އައިމިނަތު އިރަމް އަހުމަދު
ވަކިވީ އަނބިމީހާއަށް އޯގާތެރި ހެޔޮ ފިރިއެއް
މި ކުއްލި ވަކިވުމާއެކު ހިތްދަތިކަމުގެ އިހުސާސް ގިނަ ބަޔަކަށް ކުރުވީ ރިޝްދާނަކީ މީގެ ހަތް އަހަރުކުރިން "އެސެންމިގާ ސިންޑްރޯމް"އަށް ޑައިގްނޯޒް ވެފައިވާކަން އެނގުނު އާމިނަތު އިރަމްގެ ފިރިމީހާކަން އެނގުމާއެކުގައެވެ.
ބަލީގެ އަސަރުކޮށް، ހާލު ދެރަވެ އައިސީޔޫގައި އެޑްމިޓް ވެސް ކުރެވުނު ނަމަވެސް، 2011އިން ފެށިގެން އިރަމްގެ އަސްލު ބައްޔަކީ ކޮބައިކަމެއް ނޭނގުނެވެ. އޭނާއަކީ "އެސެންމިގާ ސިންޑްރޯމް"ގެ ޝިކާރައަކަށްވެފައިވާ މީހެއްކަން އެނގުނީ 2018ވަނަ އަހަރުގެ މެދުތެރޭގައެވެ.

5 މެއި 2024: ރިޝްދާނާއި އިރަމް ކައިވެނި ކުރިކަން އިއުލާނުކުރި ދުވަހު އާންމުކުރި ފޮޓޯއެއް - ފޮޓޯ: ފޭސްބުކް/ އައިމިނަތު އިރަމް އަހުމަދު
މި ބަލީގެ ވޭނާއި، ހިތްދަތިކަމުގައި އުޅެނިކޮށް އޭނާގެ ފުރަތަމަ ޒަވާޖީ ހަޔާތް ރޫޅުނެވެ. އޭގެ ފަހުން އޭނާގެ ހަޔާތަށް، އައި ބައިވެރިޔާއަކީ ރިޝްދާނެވެ. ރިޝްދާންވީ އޭނާއަށް އަޅައިލުމާއި، އުންމީދާއި ހިތްވަރު ދިން ލޯބީގެ ވިންދަކަށެވެ.
މިއަދު ކުއްލި ގޮތަކަށް މި ހިތްދަތިކަން ކުރިމަތިވިއިރު މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ކުރެވުނު އިރަމްއާއި، ރިޝްދާނުގެ ކައިވެންޏަށް އަދި އަހަރެއް ވެސް ނުވެއެވެ. ނަމަވެސް މިއަދު އެ އަޅައިލުމާއި، އޯގާވެރި ފިރުމުންތަކާއި، އަބަދުގެ އަބަދަށް ވަކިވާން މަޖުބޫރުވީއެވެ.